ވިލިމާލޭގައި ބަގީގެ ޚިދުމަތް އެޕްލިކޭޝަނަކާ އެކު

މާލެ ސިޓީ ކައުންސިލުން ވިލިމާލެއަށް ގެނައި ބަގީތައް -- (ފޮޓޯ/މާލެ ސިޓީ ކައުންސިލް)

ވިލިމާލޭގައި މާލޭ ސިޓީ ކައުންސިލުން ބަގީގެ ޚިދުމަތް ފެށުމާއެކު މި ޚިދުމަތަށް ޚާއްސަ އެޕްލިކޭޝަނެއް ރޭ އިފްތިތާހު ކޮށްފިއެވެ.

ވިލިމާލޭ ފެރީ ޓާމިނަލް ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޚިދުމަތް އިފްތިތާހު ކޮށްދެއްވީ މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ. މި ރަސްމިއްޔާތުގައި މާލޭ ސިޓީ ކައުންސިލްގެ ކައުންސިލަރުންނާއި ވިލިމާލޭ ރައްޔިތުން ބައިވެރިވިއެވެ.

ބަގީގެ ޚިދުމަތަށް ޚާއްސަކޮށް އެ ކައުންސިލުން ނެރުނު އެޕްލިކޭޝަން "ވިލިބަގީ"ން ބަގީގެ ޚިދުމަތް ހޯދަން ފަސޭހަވާނެއެވެ. އެގޮތުން މި އެޕްލިކޭޝަންގައި ކަސްޓަމަރު ހުރި ތަނާއި ދާންބޭނުންވާ މަންޒިލް އިޚްތިޔާރު ކުރެވޭނެއެވެ. ބުކިން ހެއްދުމަށް ފޯން ނަމްބަރާއި ބުކިން ހައްދާ ތާރީޚު ޖަހަން ޖެހޭނެއެވެ. އަދި ފައިސާ ދެއްކުމަށް ތިން ގޮތުގެ ތެރެއިން އެއްގޮތް އިޚްތިޔާރު ކުރަން ޖެހޭނެއެވެ.

ބަގީގެ ޚިދުމަތަށް ފައިސާ ދެއްކޭނެ ތިން ގޮތް:

  • ނަގުދު ފައިސާ
  • ޓްރާސްފާ
  • އޮންލައިން ޕޭމަންޓް މިއެވެ.

މި އެޕްލިކޭޝަން މެދުވެރިކޮށް ބޭނުންވާ ބަގީއެއް އިޚްތިޔާރު ކުރެވޭނެއެވެ. އަދި ބޭނުންވާ އަދަދަކަށް ބަގީ އިޚްތިޔާރު ކުރެވޭނެއެވެ. ބަގީގެ ޚިދުމަތަށް އެދުމުން ފޯނަށް މެސެޖެއް ލިބޭނެއެވެ. އަދި އޮންލައިންކޮށް ފައިސާ ދެއްކުމަށް ބޭނުންވާނަމަ، ފޯނަށް ލިންކެއް ލިބޭނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ، ވިލިމާލޭގައި ބަގީގެ ޚިދުމަތް ދިނުމާ ހަވާލުވީ ކަންތައްތަކެއް ގޯސްކޮށް ގޮސްފަ އޮތީމަ ކަމަށެވެ. އެހެންކަމުން މި ޚިދުމަތް ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ދިނުމަށް މޭޔަރު ވަނީ އެދިލައްވާފައެވެ.

ކަމެއް ފަށައިގަންނަ އިރު ގޮންޖެހުންތައް ހުންނާނެކަން މޭޔަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އަޅުގަނޑުމެންގެ އެމްބިއުލާންސް ބަގީގައި ޓްރެއިންޑް ޕެރެމެޑިން ސްޓާފުން ވެސް ތިބޭ ގޮތަށް އެމްބިއުލާންސް ހިންގަން. އަޅުގަނޑުމެންގެ ސްޓާފެއް އެކަނި މިވަގުތު އިންނާނީ،" މުއިއްޒު ވިދާޅުވިއެވެ.

ނަމަވެސް ކުރިއަށް އޮތީ މިއަށްވުރެ އުޖާލާ ދުވަސް ތަކެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިލިމާލޭ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ވިދާޅުވީ، ވިލިމާލޭގެ ދަތުރުފަތުރުގެ ނިޒާމަކީ ވަރަށް ގިނަ ޝަކުވާތަކެއް ލިބިފައިވާ މައްސަލައެއް ކަމަށެވެ.

"މިއަދަކީ ވިލިމާލޭގައި ދައްޗެއް ތުރާލެއް ނެތި ދުއްވާ އެއްޗެހި ދުއްވުމުގެ ފަސޭހަކަމާ އެކަމުގެ ފަސޭހަ ލުއި އަގު ތަޖުރިބާކުރަން ޒަމާނުއްސުރެ އެދިއެދި ތިބި މި ދައިރާގެ ރައްޔިތުންނަށް އަޅުގަނޑު ވީ ވައުދެއްގެ އުފާވެރިކަން ފެށޭ ދުވަސް،" ނަހުލާ ވިދާޅުވިއެވެ.

ނަހުލާ ވިދާޅުވީ، އޭނާ މިއަދު އެންމެ އުފާވަނީ އޭނާ ބޭނުންވި ކަމެއް ވުމުން ނޫން ކަމަށެވެ. އޭނާ އެންމެ އުފާވަނީ ރައްޔިތުން އެދިއެދި ތިބި އުފަލެއް ލިބުމުން ކަމަށް ނަހުލާ ވިދާޅުވިއެވެ.

"އެތައް ދުވަހަކަށްފަހު ތިޔަބޭފުޅުން ދެކެވަޑައިގަތް ހުވަފެނެއް ހަގީގަތަކަށް ވާތީ،" ނަހުލާ ވިދާޅުވިއެވެ.

ވިލިމާލޭގައި ބަގީގެ ޚިދުމަތް ފެށުމާގުޅޭގޮތުން މޭޔަރު މުއިއްޒު މީގެ ކުރިން "ސަން"އަށް ވިދާޅުވީ، ރަމަޟާން މަހާއި ފިތުރު ޢީދުގެ ދުވަސްތައް ނިމެންދެން ބަގީގެ ޚިދުމަތް ދޭނީ ހިލޭ ކަމަށެވެ.

ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި ބަގީގައި ބަސް ރޫޓުން ކުރާ ކޮންމެ ދަތުރަކަށް ނަގާނީ ދެ ރުފިޔާއެވެ. އެހެން ނަމަވެސް ބަގީ "ޕްރައިވެޓް ހަޔާ"ގެ ގޮތުގައި ނަގާނަމަ އަގު ތަފާތު ވާނެއެވެ. އެގޮތުން ޕްރައިވެޓް ހަޔާގެ ގޮތުގައި ބަގީ ނަގާނަމަ އަގުތަކަކީ:

  • 4 ސީޓްގެ ބަގީއަކަށް 6 ރުފިޔާ
  • 6 ސީޓްގެ ބަގީއަކަށް 10 ރުފިޔާ
  • 12 ސީޓްގެ ބަގީއަކަށް 15 ރުފިޔާ

ހަ އަހަރުން ދަށުގެ ކުޑަކުދިންނާއި 65 އަހަރުން މަތީގެ ބޭފުޅުންނާއި އެންސްޕާގައި ރެޖިސްޓާ ވެފައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ސްކޫލް ޔުނިފޯމްގައި ދަތުރުކުރާ ދަރިވަރުންނަށް ހިލޭ ބަގީގައި ދަތުރުކުރެވޭނެއެވެ.

ވިލިމާލޭގެ އެތެރޭ ދަތުރުފަތުރުގެ ދަތިކަން ބޮޑުވެފައި އޮތުމުން، ސިޓީ ކައުންސިލުން އެ ޚިދުމަތް ދޭން ނިންމީ މިދިޔަ އޮގަސްޓު މަހެވެ. ސިޓީ ކައުންސިލުން އެ ޚިދުމަތް ދޭގޮތަށް ހުށަހެޅުއްވީ ވިލިމާލޭ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީއެވެ.

ވިލިމާލޭގައި މިހާރު ވެސް އެމްޓީސީސީއިން އަންނަނީ އެ އަވަށުގައި ބަހުގެ ޚިދުމަތް ދެމުންނެވެ. ވިލިމާލޭގައި ޕަބްލިކް ޓްރާންސްޕޯޓްގެ ޚިދުމަތް ދިނުމާ ގުޅޭގޮތުން ސަރުކާރާއި ސިޓީ ކައުންސިލާ ދެމެދު ވަނީ ޚިޔާލު ތަފާތުވުން އުފެދިފައެވެ.

comment ކޮމެންޓް