މި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެންމެ ކުޑަ ޕާޓީ، އެމްއާރުއެމްއިން ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާ ކަމަށް ބުނެ އެ ޕާޓީ ތެރޭގައި ދެބަސްވުން އުފެދިއްޖެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވަކި ޕާޓީއަކާ ކޯލިޝަން ހެދުމަށް, އަދި ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމްއަކުން ނުނިންމައެވެ. ނަމަވެސް އެ ޕާޓީން އަންނަނީ އެ މަޝްވަރާތައް އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީއާ އެކު ވެސް ކުރަމުންނެވެ.
މި ސަރުކާރުގެ ގިނަ މަގާމުތަކެއްގައި, 2900 އެއްހާ އާއްމު މެންބަރުން ހިމެނޭ އެމްއާރުއެމްގެ ބޭފުޅުން އެބަތިއްބެވެ. އެ ޕާޓީގެ ތިން މިނިސްޓަރުން މި ވަގުތު ވެސް ސަރުކާރުގައި އެބަތިއްބެވެ. އޭގެ އިތުރުން ވެސް އެކި މަގާމުތަކުގައި އެ ޕާޓީގެ މެންބަރުން އެބަތިއްބެވެ. އޭގެ ތެރޭގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރައްވާ ބޭފުޅުން ވެސް ހިމެނެއެވެ.
އެހެންއެކަން އޮށްވައި އެމްއާރުއެމްގެ ނައިބު ރައީސް އައިމިނަތު ނާދިރާ އިއްޔެ ވަނީ ޗާގޯސް މައްސަލައިގައި ކުރީގެ ބަންޑާރަ ނައިބު ޑރ. މުޙައްމަދު މުނައްވަރާއި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގެން އެމްއާރުއެމް ތަމްސީލް ކުރައްވާފައެވެ.
"އެހާ ހިސާބުން ހޫނުވީ. ޕާޓީގެ އެކްސްކޯއިން ނިންމާފައި އޮތީ ޕާޓީއިން ބަޔާން ނެރުމަށާއި ނޫސްވެރިންގެ ބައްދަލުވުން ބާއްވަން. އެހެން އޮއްވައި އެކްސްކޯއަށް ނޭނގި ނާދިރާ އަރައި ޕާޓީ ތަމްސީލު ކުރުމުން އެބަ އެނގޭ އެއީ ރައީސް މައުމޫނަށް ވެސް އެނގިގެން ހިނގި ކަމެއްކަން،" އެ ޕާޓީގެ އެކްސްކޯ މެންބަރަކު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ރޭ ބޭއްވި އެ ޕާޓީގެ އެކްސްކޯގެ ކުއްލި ބައްދަލުވުމެއްގައި އެ ޕާޓީގެ ރައީސް ފާރިސް މައުމޫންގެ ވާހަކަފުޅު ހުރި ގޮތުން ޖޭޕީއާ އެކު ކޯލިޝަން ހަދަން ނިންމާފައިވާކަން ހާމަވާ ކަމަށެވެ.
"އެމްޑީޕީއާ އެކު އެ މަޝްވަރާ ކުރަނީ ހަމަ ދައްކާލުމެއް ކަމަށް އެބަ އެނގޭ ރޭ ފާރިސް ވާހަކައިން. އެ ވާހަކައިން ވަރަށް ޔަގީން ޖޭޕީއާކަން ގުޅޭނީ،" ސަރުކާރުގެ އިސް މަގާމެއްގައި ހުންނެވި އެމްއާރުއެމްގެ މެންބަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޕާޓީގެ ލީޑާޝިޕްގެ ވިސްނުން ސަރުކާރާ ދެކޮޅަށް ހުރުމުގެ ސަބަބުން ޕާޓީއިން ވަކިވާން އެކްސްކޯގެ 10 ވަރަކަށް މެންބަރުން ނިންމާފައިވާ ކަމަށެވެ. އަދި އެކަން މިއަދު އިއުލާން ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި މައްސަލަތަކާ ގުޅޭގޮތުން އެމްއާރުއެމްއާއި ނާދިރާގެ ރަސްމީ ބަހެއް ހޯދުމަށް ގުޅާލުމުން ފޯނަށް ޖަވާބު ނުދެއްވާތީ އެ ފަރާތުގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.
މި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ވެސް ވަނީ ވަކިން ރިޔާސީ އިންތިޚާބުގައި ވާދަ ކުރަން ނިންމާފައެވެ. އެއާ އެކު އެ ޕާޓީގެ ބައެއް އިސް ބޭފުޅުން ވެސް ވަނީ ޕާޓީ ދޫކޮށްލައިފައެވެ.