ރަނގަޅު ނަތީޖާއެއް ދެމެހެއްޓުމުގައި ޓީޗަރުންގެ ބުރަ މަސައްކަތަށް ސާބަސް ހައްގު: މިނިސްޓަރު

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ--- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ

ދަރިވަރުންގެ ފަރާތުން ރަނގަޅު ނަތީޖާއެއް ނެރެދީ، ގިނަ އަހަރުތަކަކަށް އެ ނަތީޖާ ދެމެހެއްޓުމަކީ ބުރަ މަސައްކަތެއް ކަމަށާއި އެ ކަމަށް ސާބަސް ހައްގު ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިރޭ ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ހިންގި ވެހި އެޑިއުކޭޝަން ޕްރޮގްރާމްގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ އެކި ވިސްނުމުގެ އެކި ފެންވަރުގެ ދަރިވަރުންނަށް ފަހުމުވާހެން ފިލާވަޅުތައް ނަގައިދިނުމަކީ ބުރަ މަސައްކަތެއްކަމަށެވެ.

"އެ ދުުވަހު އެ ކުދިން ކްލާސްރޫމުގައި އެ ދެއްކި ޝައުގުވެރިކަން އަދިވެސް ފަސް އަހަރު ވަންދެން، ދިހަ އަހަރުވަންދެން، ފަނަރަ އަހަރު ވަންދެން އެ ޝައުގާއެކު ދަރިވަރުންނަށް ކިޔަވައިދޭން އެ ކުރާ މަސައްކަތް ފެނިފައި ހަގީގަތުގައި މުދައްރިސަކަށް ވީތީ އަޅުގަނޑު ވެސް ހަމަ ފަޚުރުވެރިވޭ. ސާބަސް އިނގޭތޯ ހުރިހާ ބޭފުޅުންނަށް،" އައިޝަތު އަލީ ވިދާޅުވިއެވެ.

ހަމައެއާއެކު ގިނަ ދުވަސްތަކެއް އެ ނަތީޖާ ދެމެހެއްޓުމުގެ މަސައްކަތް ބުރަކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ސާބަސް އަޅުގަނޑު ދަންނަވާލާނީ މުދައްރިސުން ތިޔަ ކުރައްވާ މަސައްކަތް ހަގީގަތުގައި، އެއް އަހަރު ތި ބޭފުޅުންނަށް ހުރިހާ ގޮތަކުން ފާސް ގެނެވިދާނެ. 60 ޕަސެންޓު ހޯޯދިދާނެ. ނަމަވެސް އެ ނަތީޖާ ފަސް އަހަރު. ދިހަ އަހަރު، ފަނަރަ އަހަރު ދެމެހެއްޓުމަކީ ހަގީގަތުގައި ވަަރަށް ބުރަ މަސައްކަތެއް،" އައިޝަތު އަލީ ވިދާޅުވިއެވެ. ވިދާޅުވިއެވެ.

ވެހި އެޑިއުކޭޝަން ޕްރޮގްރާމަކީ މިހާތަނަށް ހިންގުނު އެންމެ ކާމިޔާބު އެއް ޕްރޮގްރާމް ކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވި ގޮތުގައި މި ޕްރޮގްރާމްގައި ބައިވެރިވި 153 ސްކޫލުގެ ޕްރިންސިޕަލުންނާ ބައްދަލުކުރައްވައި، ޕްރޮގްރާމާ މެދު އެ ޕްރިންސިޕަލުން ދެކޭ ގޮތް އޮޅުންފިލުއްވިއެވެ.

"އެ ބޭފުޅުން ވިދާޅުވީ ކިޔެވި އެއްޗަކަށްވުރެ ބޮޑަށް ކަންކަން ދަސްވެއްޖެޔޭ. އަޅުގަނޑުމެންގެ މާލޭ ސްކޫލުތަކުގެ ދޮރުތައް ކުރިން އަތޮޅުތެރޭ ސްކޫލުތަކަށް ލެއްޕިފައިވާ މާލޭ ސްކޫލުތަކުގެ ދޮރުތައް ހުޅުވި އެ ސްކޫލުތަކުގައި އެ ބޭފުޅުން އެ ކުރައްވާ މަސައްކަތް ފެނި އެ ދަަސްވުމަކީ ހަގީގަތުގައި އެ ބޭފުޅުންނަށް ލިބުނު ވަރަށް މުހިންމު މައުލޫމާތެކޭ. ވަރަށް ބޮޑު ތަޖުރިބާއެކޭ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ ޕްރިންސިޕަލުންނަށް ދަސްވި ކަންކަން ތަންފީޒުކުރާނެ ކަމުގެ ޔަގީންކަން ޕްރިންސިޕަލުން ދެއްވާ ކަމަށެވެ.

މިރޭގެ ރަސްމިއްޔާތުގައި ވެހި ޕްރޮގްރާމްގެ ތެރެއިން އޯލެވެލްގައި ރަނގަޅު ނަތީޖާތަކެއް ގިނަ ދުވަސްތަކެއްވަންދެއް ދެމެހެއްޓި ޓީޗަރުންނަށް ހަނދާނީ ފިލާ އަރުވައިފައިވެއެވެ. އަދި މާލޭ ސްކޫލުތަކުގެ ޕްރިންސިޕަލުންނަށް އަގުވަޒަންކުރުމުގެ ފިލާވެސް އެރުވިއެވެ.

ވެހި އެޑިއުކޭޝަން ޕްރޮގްރާމަކީ އަތޮޅު ތެރޭ ރަށްރަށުގެ ސްކޫލުތަކަށް ޚާއްސަކޮށްގެން ހިންގި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ތެރެއިން ރަށްރަށުގެ ސްކޫލުތަކުގެ އިސްވެރިން މާލޭ ސްކޫލުތަކުގައި އަމަލުކުރާ މުހިންމު ކަންކަން ދެނެގަނެ ތަޖުރިބާ ހާސިލްކޮށްފައިވެއެވެ. އަދި ދަރިވަރުންނަށް އުނގަންނައިދިނުމުގައި އަމަލުކުރާނެ ގޮތްތަކާއި ފިލާވަޅުތައް ބައްޓަންކުރުމާއި، ސްކޫލުގެ ކަންކަން ހިންގައި މެނޭޖުކުރާނެ ގޮތްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދީފައިވެއެވެ.

comment ކޮމެންޓް