ފެހުރިއްސެއްގެ ކަރުގައި އެޅިފައި އޮތް ވަލެއް ނައްޓާ މަންޒަރު ފެންނަ ވީޑިއޯގައި ހަރަކާތްތެރިވި ޑައިވަރުންގެ މަސައްކަތަށް ގިނަ ބަޔަކު ތައުރީފުކުރަން ފަށައިފިއެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުންނާއި ވީޑިއޯތަކުން ފެންނަ ގޮތުގައި، ތ. އޮޅުގިރި ކަނޑުން ފެނުނު މި ފެހުރިހި ސަލާމަތްކޮށްފައިވަނީ ތިން ޑައިވަރަކު ވެގެންނެވެ. ވަލުގެ ސަބަބުން ފެހުރިއްސަށް ވަރަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަން ފާހަގަކުރެވެއެވެ.
އޭތި ސަލާމަތްކުރީ ޑައިވަރުންގެ އަތުގައި ގެންގުޅުނު ވަޅިއަކުން އެ ވާ ބުރިކޮށްލައިގެންނެވެ.
މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ އަނިޔާ ލިބިފައިވާ ފެހުރިހި ސަލާމަތްކުރި ޑައިވަރުންނަށް ތައުރީފްކޮށްފައެވެ.
އެ ޓްވީޓްގައި ނަޝީދު ވިދާޅުވެފައި ވަނީ އަނިޔާ ލިބިފައިވާ ފެހުރިހި ފުރިހަމައަށް ރަނގަޅުވާންޖެހޭނެ ކަމަށެވެ. އަދި ކަނޑުގެ ދިރުންތަކަށް ގެއްލުން ލިބޭ މިފަދަ އަމަލުތައް ހުއްޓުވުމަށް ނަޝީދު ވަނީ ގޮވާލައްވާފައެވެ.
މިޔަރުގެ ބާވަތްތަކުގެ ތެރެއިން އެންމެ ބޮޑު އަދި ކަނޑުގައި އުޅޭ އެންމެ ބޮޑު މަސް ކަމުގައިވާ ފެހުރިއްސަކީ ފީނުންތެރިން ވަރަށް ދެކެން ބޭނުންވާ މަހެކެވެ. މިއީ އިންސާނުންނަށް ނުރައްކާތެރި މިޔަރެއް ނޫން ކަމުން ފީނުންތެރިންނާއި ފެތުންތެރިން ވެސް މިބާވަތުގެ މިޔަރާއި ވަރަށް ގައިގޯޅި ވެއެވެ.
ފެހުރިއްސަކީ ރާއްޖޭގައި ހިމާޔަތް ކުރެވިފައިވާ މިޔަރުގެ ބާވަތެކެވެ. ސަބަބަކީ ފެހުރިއްސަކީ މަދުން އުޅޭ މިޔަރަކަށްވެފައި، އެއީ ދުނިޔެއިން ނެތިގެން ހިގައިދާނޭ ކަމުގެ ބިރު ހީވެފައިވާ މިޔަރުގެ ބާވަތަކަށް ވުމެވެ. އެހެންކަމުން މިބާވަތް ހިފުމާއި، މެރުމާއި، ކަނޑުން ނެގުމަކީ މަނާކަމެކެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ފެހުރިހި ކަނޑުތަކުގައި އުޅޭތާ 70 މިލިއަނަށް ވުރެ ގިނަ އަހަރު ވެއްޖެއެވެ.