ޗާގޯސްއަކީ ރާއްޖޭގެ ތަނެއް ނޫން، އެކަމަށް އެއްވެސް އިރެއްގައި ދައުވާ ނުކުރޭ: މުނައްވަރު

ޗާގޯސް މައްސަލައިގައި ސަރުކާރުގެ ސްޓޭންޑާ ދެކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރު ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ ނާއިލް

ޗާގޯސް އާކިޕެލާގޯއަކީ ރާއްޖޭގެ ތަނެއް ނޫން ކަމަށާއި އެހެންވެ އެއްވެސް އިރެއްގައި އެގޮތަށް ދައުވާކޮށްފައި ނުވާނެ ކަމަށް ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެއެވެ.

ޗާގޯސްއަކީ ރާއްޖޭގެ ތަނެއް ކަމަށް ވާހަކަ ދެކެވެން ފެށުނީ، މިފަހުން އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮފް ދަ ސީ (އިޓްލޮސް)ގައި ނިމުނު ކަނޑު ބައިކުރުމުގެ މައްސަލައާ ގުޅިގެންނެވެ. އިޓްލޮސްއިން ވަނީ ޗާގޯސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރުހިނގާ ތަނެއް ކަމަށް ބަލައިގަނެ، ރާއްޖެއާ ފުށުއަރާ ކަނޑުގެ ސަރަހައްދު ބައިކޮށްފައެވެ.

މި ނިންމުމާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބަޔެއް ގެއްލިއްޖެ ކަމަށް ސަރުކާރާ އިދިކޮޅު ޕާޓީތަކާއި ކޯލިޝަންގައި ހިމެނޭ ބައެއް ޕާޓީތަކުން ގުޅިގެން އަޑުއުފުލަމުން އަންނައިރު، އެ ފަރާތްތަކުން ބުނާ ގޮތުގައި އިޓްލޮސްގެ ނިންމުން އެގޮތަށް އައީ ޗާގޯސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ނުހިނގާ ތަނެއް ކަމަށް ރާއްޖޭން ގެންގުޅުނު ޒަމާންވީ ސްޓޭންޑް ސަރުކާރުން ބަދަލުކުރުމުންނެވެ.

އެގޮތުން އެ ބޭފުޅުންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ޗާގޯސް ނުހިމެނީ ކީއްވެގެންތޯ ސުވާލުކުރުމުން ޗާގޯސްގެ މައްޗަށް ދިވެހި ދައުލަތުން އެއްވެސް އިރެއްގައި ދައުވާ ނުކުރާ ކަމަށް މުނައްވަރު އެއްބަސްވެވަޑައިގެންނެވިއެވެ.

"ކްލެއިމްއެއް ދިވެހި ދައުލަތުން ކުރަން ޖެހޭ ކަމަށް ދިވެހި ދައުލަތަށް އެއްވެސް ފަހަރެއްގައި ފާހަގަކުރެވިފައި އޮތް ނަމަ އޮންނާނީ ކުރައްވާފަ ކަންނޭނގެ" ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނު އެކުލަވާލިއިރު ބަންޑާރަނައިބަކަށް ހުންނެވި މުނައްވަރު ވިދާޅުވިއެވެ.

ކަނޑުގެ ގާނޫނުގެ ދަށުން ދިވެހި ދައުލަތް "މާނަކުރެއްވީ" އޭނާ ކަމަށް ފާހަގަކުރައްވަމުން މުނައްވަރު ވިދާޅުވި ގޮތުގައި އެ ގާނޫނުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ގޮތުގައި ކަނޑައެޅުނީ ރާއްޖޭގެ ވަށައިގެން އާކިޕެލަޖިކް ބޭސްލައިންގެ ގޮތުގައި 12 މޭލު، ގުޅިފައިވާ ކަނޑުގެ ސަރަހައްދު (ކޮންޓިޖަސް ޒޯން)ގެ ގޮތުގައި 24 މޭލާ ހަމައަށް، އަދި އޭގެ ބޭރުން 200 މޭލަކީ ރާއްޖޭގެ ޙާއްސަ އިގުތިސޯދީ ސަރަހައްދު (އީއީޒެޑް)ގެ ކަމަށެވެ.

މި ގާނޫނު އެކުލަވާލިއިރު ކަނޑުގެ ސަރަހައްދުގެ ފުށުއެރުން އޮތީ ހަމައެކަނި އިންޑިއާ އަދި ލަންކާއާއެކު ކަމަށް މުނައްވަރު ވިދާޅުވިއެވެ. އިގުތިސޯދީ ސަރަހައްދު ފުށުއަރާ ދިމާއަކާ ގުޅޭ އެއްބަސްވުމެއްގެ ދަށުން އައިސް އިގުތިސޯދީ ސަރަހައްދުގެ ބޭރުކައިރި ކަނޑައަޅަން ބާރުދޭ މާއްދާ އެ ގާނޫނުގައި ހިމެނީ ވެސް އުތުރުގައި އޮތް ފުށުއަރާ ސަރަހައްދުގެ ބޭނުމަށްޓަކައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއީ އެއްވެސް ގޮތެއްގައި، ދެކުނުގެ ސަރަހައްދާ ގުޅޭ މާއްދާއެއް ނޫން ކަން އޭނާ ފާހަގަކުރެއްވިއެވެ.

"ކުރިން ހަދާފައިވާ ޓްރައިޕާޓީ ޓްރިޓީއަށް ބާރު ދިނުމަށްޓަކައި އެ މާއްދާ ލިޔުނީ. އެހެން އެއްވެސް ކަމަކު ނޫން. ލިޔުނު މީހާ މަގުސަދު މި ދަންނަވަނީ." މުނައްވަރު ވިދާޅުވިއެވެ.

ކަނޑު ބައިކުރުމުގެ މައްސަލައިގައި ސަރުކާރުން ގޮސް ހަދާފައިވާ ކަމަށް ތުހުމަތު ކުރި ނަމަވެސް، ސަރުކާރުން ވަނީ އެ ހުރިހާ ތުހުމަތެއް ދޮގުކޮށްފައެވެ. އިޓްލޮސްގެ ނިންމުމަށް ފަހު ނޫސްވެރިންގެ ބައްދަލުވުމުގައި މިކަން ފާހަގަކުރައްވަމުން އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ ޗާގޯސްއަކީ މޮރިޝަސްގެ ތަނެއްގެ ގޮތުގައި ބަލައިގަންނަން ރާއްޖޭން ނިންމީ އެ ޓްރައިބިއުނަލުން އެކަން ބަލައިގަނެ، ކަނޑުގެ ސަރަހައްދު ބައިކުރެވޭނެ ކަމަށް ކަނޑައެޅުމުން ކަމަށެވެ.

comment ކޮމެންޓް