ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ 13 ދަރަޖަ ފަހަތަށް

މޯލްޑިވްސް މީޑިއާ ކައުންސިލްގެ ނޫސްވެރިކަމުގެ އެވޯޑު 2019ގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނޫސްވެރިކަމުގެ މިނިވަންކަމާއި ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެއް ކަމަށްވާ ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރުއެސްއެފް)އިން އެކުލަވައިލި މިއަހަރުގެ ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ 13 ދަރަޖަ ފަހަތަށް ވެއްޓިއްޖެއެވެ.

ޕްރެސް ފްރީޑަމް އިންޑެކްސްގައި ދުނިޔޭގެ 180 ގައުމުގެ ތެރެއިން މިއަހަރު ރާއްޖެ އޮތީ 100 ވަނައިގައެވެ. މިދިޔަ އަހަރު ރާއްޖެ އޮތީ 87 ވަނައިގައެވެ.

މިދިޔަ އަހަރަކީ ވެސް ރާއްޖެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ފަހަތަށް ޖެހުނު އަހަރެކެވެ. އެއީ، 2019، 2020 އަދި 2021ގައި ރާއްޖޭގެ ދަރަޖަ މަތިވި ފަހުންނެވެ. އެގޮތުން 2018އިގައި ރާއްޖެ 120ގައި އޮތުމަށް ފަހު 2019 ވަނަ އަހަރު 98 ވަނަ ދަރަޖައަށް އުފުލުނެވެ.

އެއަށް ފަހު، 2020ގައި 19 ދަރަޖަ ކުރިއަށް ޖެހި، 79އަށް އެރުމަށް ފަހު 2021ގައި 72އަށް އުފުލުނެވެ.

އާރުއެސްއެފްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި، މީޑިއާތަކުގައި އިޝްތިހާރު ކުރުމުގައި ދެފުށްފެންނަ ގޮތެއް ނެތުމާއި އެފަދަ ކަންކަން ކަމާ ބެހޭ އިދާރާތަކުން ރަނގަޅަށް މޮނިޓާ ނުކުރުން ހިމެނެއެވެ. އަދި ދައުލަތުގެ ކުންފުނިތަކުން ސްޕޮންސަރުންގެ ގޮތުގައި ތިބެގެން ގިނަ އަދަދަކަށް ފައިސާ ދިނުމަށް ފަހު، އޭގެ ބަދަލެއްގެ ގޮތުން، އެ ކުންފުންޏަކުން ނުރުހޭ ޚަބަރުތައް ޝާއިއު ނުކުރަން އަންގާ މައްސަލަ ވެސް ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، މިދިޔަ ޖެނުއަރީ މަހު އަމަލު ކުރަން ފެށި ހެއްކާ ބެހޭ ގާނޫނުގެ ސަބަބުން ނޫސްވެރިންގެ މަސްދަރު ހާމަކުރަން ކޯޓުތަކަށް މަޖުބޫރު ކުރެވޭކަން ފާހަގަކޮށް އާރުއެސްއެފްއިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އަދި ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލުމާއި ޔާމީން ރަޝީދު މަރާލުމުގެ މައްސަލަ ބަލަން ކޮމިޝަނެއް އެކުލަވާލި ނަމަވެސް، ތަހުގީގާ ބެހޭ މައުލޫމާތު ހިއްސާނުކުރާ ކަމަށާއި އެފަދަ ކަންތައްތަކުގެ ސަބަބުން ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމަށް ނޭދެވޭ އަސަރުކުރާ ކަމަށް އެ ޖަމިއްޔާގެ ރިޕޯޓުގައިވެއެވެ.

ހަމައެއާއެކު، އަންހެން ނޫސްވެރިންނަށް ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލަތައް ފެންމަތިވަމުންދާ ކަމަށް ވެސް އާރުއެސްއެފްއިން ބުނެފައިވެއެވެ.

comment ކޮމެންޓް