އިންޑިއާއިން ހަދިޔާކުރި އުޅަނދު ރައީސް ކަމިޝަން ކޮށްދެއްވައިފި

ކޯސްޓްގާޑުގެ އައު އުޅަނދު ރައީސް ކޮމިޝަން ކޮށްދެއްވުން -- ފޮޓޯ/ ރައީސް އޮފީސް

އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި، އޯފްޝޯ ޕެޓްރޯލް ވެސަލް، ސިފައިންގެ އެންމެ މަތީވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކަމިޝަންކޮށްދެއްވައިފިއެވެ

ރައީސް އޮފީހުން ބުނި ގޮތުގައި މި ރަސްމިއްޔާތު މިއަދު ހެނދުނު ބާއްވާފައިވަނީ ހުޅުމާލޭގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދުފަހަރު ބަނދަރުކުރާ ސަރަހައްދުގައެވެ.

އިންޑިއާއިން ހަދިޔާކުރި "ކޯސްޓްގާޑް ޝިޕް ހުރަވީ" -- ފޮޓޯ/ ރައީސް އޮފީސް
އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި، އޯފްޝޯ ޕެޓްރޯލް ވެސަލް ކަމިޝަންކޮށްދެއްވައި ޚިދުމަތަށް ނެރެދެއްވުމުގެ ގޮތުން، އެ އުޅަނދުގައި ނެގުމަށް ދިވެހި ދިދަ، ކޮމާންޑިން އޮފިސަރަށް ޙަވާލުކޮށް ދެއްވައި، އުޅަނދުގެ ނަންބޯޑު ކަޝްފުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހެވެ.

އިންޑިއާ ސަރުކާރުން ގަދިޔާ ކުރި މި އުޅަނދުގެ ނަމަކީ "ސީޖީއެސް ހުރަވީ"އެވެ. މިއަދު ޚިދުމަތަށް ނެރެވުނު މިއުޅަނދަކީ، ކުރިން އިންޑިއާ ސަރުކާރުން ހަދިޔާކުރި، "ސީޖީއެސް ހުރަވީ"ގެ ނަމުގައި ބޭނުން ކުރަމުން އައި އުޅަނދުގެ ބަދަލުގައި ދީފައިވާ އުޅަނދެކެވެ.

އިންޑިއާއިން ހަދިޔާކުރި "ކޯސްޓްގާޑް ޝިޕް ހުރަވީ" -- ފޮޓޯ/ ރައީސް އޮފީސް

ރައީސް އޮފީހުން ބުނީ، އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި، އޯފްޝޯ ޕެޓްރޯލް ވެސަލްގެ އިތުރުން، ލޭންޑިން ކްރާފްޓް ދިވެހި ސަރުކާރާއި ހަވާލުކުރެއްވުމުގެ ގޮތުން އެ ދެ އުޅަނދުގެ މޮޑެލް، ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއާ ހަވާލުކޮށްދެއްވީ، އިންޑިއާގެ ޑިފެންސް މިނިސްޓަރ ރަޖްނަތު ސިން ކަމަށެވެ.

އޭގެ އިތުރުން މި ރަސްމިއްޔާތުގައި ވަނީ އިންޑިއާގެ މި ހަދިޔާގެ އަގުވަޒަންކޮށް ޚާއްސަ ހަނދާނީ ފިލައެއް ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ، އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖްނަތު ސިންގް އަށް އަރުއްވާފައެވެ.

އިންޑިއާއިން ހަދިޔާކުރި "ކޯސްޓްގާޑް ޝިޕް ހުރަވީ" -- ފޮޓޯ/ ރައީސް އޮފީސް

އިންޑިއާ ސަރުކާރުން މި ހަދިޔާކުރި އުޅަނދުތަކުގެ ސަބަބުން އެމްއެންޑީއެފް ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ގާބިލްކަން އިތުރުވެ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައްޔާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުތައް ބެލެހެއްޓުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ކޯސްޓްގާޑުގެ އައު އުޅަނދު ރައީސް ކޮމިޝަން ކޮށްދެއްވުން -- ފޮޓޯ/ ރައީސް އޮފީސް

މިއަދުގެ ރަސްމިއްޔާތުގައި، އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖްނަތު ސިންގް އާއި ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާއާ، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު މުނޫ މަހާވަރާއި، އިންޑިއާ ސަރުކާރުގެ ވަފުދުގެ ބޭފުޅުންގެ އިތުރުން ސިފައިންގެ ސީނިއާ އޮފިސަރުން ބައިވެރިވެފައިވެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ އިންޑިއާ ސަރުކާރުން ރާއްޖޭގެ ދިފާއީ ބާރަށް ހަދިޔާކުރި އެ އުޅަނދަކީ، ރާއްޖެ ދިފާއުކޮށް ސަލާމަތްތެރިކަން ކަށަވަރުކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ އުޅަނދުތަކަކަށް ވެގެން ދާނެ ކަމަށެވެ.

comment ކޮމެންޓް