ޔޫކްރޭން ހަނގުރާމައިގައި ފަސް މަސް ތެރޭ ރަޝިއާގެ 20،000 ސިފައިން މަރުވެއްޖެ

ޔޫކްރޭން ހަނގުރާމައިގައި ގެއްލުން ލިބިފައިވާ ސަރަހައްދެއް --- ފޮޓޯ/ ގެޓީ

ޔޫކްރޭނުގައި ހިނގަމުންދާ ހަނގުރާމައިގައި ފާއިތުވި ފަސް މަސް ތެރޭ ރަޝިޔާގެ 20،000އަށް ވުރެ ގިނަ ސިފައިން މަރުވެފައިވާ ކަމަށް އެމެރިކާއިން ބުނެފިއެވެ.

އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު ޖޯން ކިރްބީ ވިދާޅުވީ މި ހަނގުރާމައިގައި އިތުރު 80،000 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.

ބީބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި މަރުވި މީހުންގެ ދެބައިކުޅަ އެއްބައި މީހުންނަކީ ޔުކްރެއިންގެ އިރުމަތީ ބަޚްމޫތު ސިޓީއަށް ހަމަލާ ދެމުން އައި ރަޝިޔާގެ ވެގްނާ މާސެނަރީ ކުންފުނީގެ މީހުންނެވެ. ޑިސެމްބަރު މަސް ފެށުނީއްސުރެ އެ ސިޓީގައި ވަނީ ހަމަލާތައް ވަރުގަދަކޮށްފައެވެ.

ރަޝިޔާއިން ދަނީ މިދިޔަ އަހަރުން ފެށިގެން އެ ސިޓީ ހިސާރު ކުރަން މަސައްކަތް ކުރަމުންނެވެ.

ވެގްނާ ކުންފުނީގެ ހަނގުރާމަވެރިން ހިމެނޭ ގޮތަށް ރަޝިޔާގެ އާ ސިފައިންގެ ޔުނިޓްތަކަށް ބޮޑެތި ގެއްލުންތަކެއް ހަނގުރާމައިގެ ތެރެއިން އަންނަނީ ލިބެމުންނެވެ. އެހެން ނަމަވެސް އެ ގައުމުން އަންނަނީ ފަހަތަށް ޖެހުމެއް ނެތި ހަނގުރާމައަށް ސިފައިން ނެރެމުންނެވެ.

comment ކޮމެންޓް