ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގައި ކްލަބު އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ވަރަށް އުނދަގޫ މެޗަކަށް ވާނެ ކަމަށާއި ފައިނަލެއްގައި ނަމަ، ފޭވަރިޓުންނެއް ނޯންނާނެ ކަމަށް މާޒިޔާގެ ކޯޗު އިވާން ވެންކޯވް ކޮލޭވް ބުނެފިއެވެ.
އެ މުބާރާތުގެ ފައިނަލުގައި މާޒިޔާ އިން މާދަމާ ރޭ އީގަލްސްއާ ދެކޮޅަށް ނުކުންނަ އިރު، މީގެ ކުރިން ސީޒަން ފެށުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑްގައި ވެސް ދެ ޓީމުން ވަނީ ވާދަކޮށްފައެވެ. އެ މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މާޒިޔާ އިންނެވެ.
މާޒިޔާ އިން ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ ސެމީ ފައިނަލުގައި 8-0 ގެ ނަތީޖާއަކުން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށްގެންނެވެ. އަދި އީގަލްސް އިން ފައިނަލުގެ ޖާގަ ހޯދީ ސެމީގައި 2-1 ގެ ނަތީޖާއަކުން ބުރު ސްޕޯޓްސް ބަލިކޮށްގެންނެވެ.
ފައިނަލު މެޗުގެ ކުރިން ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާޒިޔާގެ ކޯޗު އިވާން ބުނީ ޗެރިޓީ ޝީލްޑް މެޗުން މޮޅުވެފައިވީ ނަމަވެސް އެއީ ތަފާތު މެޗެއް ކަމަށާއި އަދި އެ މެޗުން ފެނިގެންދިޔައީ އީގަލްސް އިން ރަނގަޅަށް ތައްޔާރުވެފައިވާ މިންވަރު ކަމަށެވެ.
"ފައިނަލުގައި ފޭވަރިޓުންނެއް ނޯންނާނެ. ކޮންމެ ޓީމެއް ވެސް ނުކުންނާނީ ކާމިޔާބީ ހޯދަން. އެހެންކަމުން އަހަރެމެން ނުބަލަން ފޭވަރިޓުންނަކީ އަހަރެމެން ކަމެއް. އަހަރެމެން އީގަލްސްއަށް އިހުތިރާމުކުރަން. މާދަމާގެ މެޗަކީ އަހަރެމެންނަށް ވަރަށް އުނދަގޫ މެޗަކަށް ވާނެ،" އޭނާ ބުންޏެވެ.
މާޒިޔާގެ ކޯޗު ބުނީ އެކްލަބުން ހާސިލުކުރަން ބޭނުންވާ ޓާގެޓް ވަރަށް މަތި ކަމަށާއި އެހެންކަމުން މާދަމާގެ މެޗަށް ނުކުންނަން ޖެހޭނީ ވެސް މޮޅެއް ހޯދުމަށް ކަމަށެވެ. ނަމަވެސް އެ މެޗަކީ އެހާ ފަސޭހަ މެޗަކަށް ނުވާނެކަން ވެސް އޭނާ ފާހަގަކުރިއެވެ.
"އަހަރެމެންގެ ވިސްނުމަކީ މާދަމާގެ މެޗު. އަހަރެމެންނަށް އެ މެޗަކީ ވަރަށް މުހިންމު މެޗަކަށްވާތީ، އަހަރެމެންގެ އެންމެ ރަނގަޅު ކުޅުން ދެއްކުމަށް ވަރަށް ރަނގަޅަށް ތައްޔާރުވިން. އަހަރެމެން ނުކުންނާނީ މޮޅަކަށް،" އޭނާ ބުންޏެވެ.
ކޯޗު އިވާން އިތުރަށް ބުނީ ކޮންމެ ޓީމެއްގައި ވެސް މައްސަލަތަކެއް އުޅޭނެ ކަމަށާއި އަނިޔާގެ މައްސަލަތަކާ ކުރިމަތިލާން ޖެހުނު ކެޕްޓަން ސަމޫހު އަލީ (ސަމުއްޓޭ) އާއި އަހުމަދު ނޫމާން (ހެލްމެޓް) މާދަމާގެ މެޗަށް ފިޓްވާނެ ކަމަށްވީ ނަމަވެސް، އަލީ ފާސިރު (ސެންޓޭ) މުޅިން މެޗަށް ފިޓުވެފައި ނުވާ ކަމަށެވެ. އަދި ބިދޭސީ ފޯވަޑް ސްޓެފަން މަހައިލޮވިޗް އަދިވެސް އަމިއްލަ ދިރިއުޅުމުގެ މައްސަލަތަކަކާ ކުރިމަތިލަމުންދާ ކަމަށް ކޯޗު ބުންޏެވެ.
މިފަހަރުގެ ޕްރެޒިޑެންޓްސް ކަޕްގައި އީގަލްސް އިން އަދި މެޗަކުން ބަލިވެފައި ނުވާ އިރު، މާޒިޔާއަށް ވަނީ ބައްޔަކާ ކުރިމަތިލާން ޖެހިފައެވެ. ގްރޫޕު ސްޓޭޖުގައި މާޒިޔާ އިން ކުޅުނު ފަހު މެޗުގައި ބަލިވީ ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަކުރާ ބުރު ސްޕޯޓްސް އަތުންނެވެ.
މާޒިޔާ އިން މީގެ ކުރިން ތިން ފަހަރަކު ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގައި ކުޅުނު ނަމަވެސް، އެޓީމަށް ތަށި ހޯދިފައިވަނީ ހަމައެކަނި 2015 ވަނަ އަހަރުއެވެ. މިދިޔަ އަހަރުގެ ފައިނަލުގައި މާޒިޔާ ވަނީ ކްލަބު ވެލެންސިއާ އަތުން ބަލިވެފައެވެ. އަދި އޭގެ ކުރިން 2013 ވަނަ އަހަރުގެ ފައިނަލުގައި މާޒިޔާ ބަލިވީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު އަތުންނެވެ.
އީގަލްސް އިން ވެސް ވަނީ ޕްރެޒިޑެންޓްސް ކަޕްގެ ތައްޓެއް ހޯދައިފައެވެ. އީގަލްސް އިން 2016 ވަނަ އަހަރުގެ ތަށި ކާމިޔާބުކޮށްފައިވަނީ ފައިނަލުގައި ޓީސީ ސްޕޯޓްސް ކްލަބު ބަލިކޮށްގެންނެވެ. އޭގެ ކުރިން އީގަލްސް އިން ކުޅުނު ފުރަތަމަ ފައިނަލުގައި 2014 ވަނަ އަހަރު ބަލިވީ ނިއު ރޭޑިއަންޓް އަތުންނެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި މާޒިޔާ އާއި އީގަލްސް ބައްދަލުކުރާ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލު މެޗު ފަށާނީ މާދަމާ ރޭ 9:00 ގައެވެ.