ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުގައި ކިޔަވާ ދަރިވަރުންނަށް ޚާއްޞަކޮށްގެން މި އަހަރުގެ ރަމަޟާން މަހު ބޭއްވުނު ދީނީ ސުވާލު މުބާރާތުގެ ނަތީޖާ ފާޅުކޮށްފިއެވެ.
ޒިކުރާއިން ބުނީ މި މުބާރާތް ބޭއްވުމުގެ މަޤްޞަދަކީ ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުން ކިޔަވާ ދަރިވަރުންނަކީ އިސްލާމްދީނާއި އިސްލާމީ ތާރީޚް އަދި އިސްލާމީ ސަގާފަތަށް އަހުލުވެރިވެފައިވާ ދަރިވަރުންތަކަކަށް ހެދުމާއި، ދަރިވަރުންނާއި ކޮލެޖާ ދެމެދު އޮންނަ އެކުވެރިކަމާއި ގުޅުން ބަދަހިކުރުން ކަމަށެވެ.
މި މުބާރާތް ކުރިއަށް ގެންދެވުނީ މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް، އެ ކޮލެޖުގެ ސްޓޫޑެންޓް ސާވިސް ޕޯޓަލް މެދުވެރިކޮށެވެ.
އެގޮތުން މި މުބާރާތުގެ ޤަވާއިދާއި އެއްގޮތަށް އެއްވަނަ ދެވަނަ އަދި ތިންވަނައަށް ދާ ދަރިވަރުންނަށް ފައިސާގެ އިނާމު ވަނީ ދީފައެވެ.
މި މުބާރާތުގެ ހުރިހާ ސުވާލެއްގެ ޖަވާބު ފަސް ދަރިވަރަކު ރަނގަޅު ކޮށްފައިވާތީ ވަނަތައް ހޮވާފައިވަނީ ގުރުވަތު ލައިގެންނެވެ. އެގޮތުން މި މުބާރާތުގެ އެއްވަނަ ހޯދާފައިވަނީ ފާތިމަތު ސަޚާއެވެ.
އަދި ދެވަނަ އަނާ އަބްދުﷲ ހޯދިއިރު، ތިންވަނަ ހޯދީ މުޙައްމަދު ޣާނިމް ފަތުހީއެވެ.
މި ތިންބައިގެ އިތުރުން ވެސް، ހުރިހާ ސުވާލެއްގެ ޖަވާބު ރަނގަޅުކޮށްފައިވާތީ ދެންތިބި ދެ ދަރިވަރުންނަށް ވެސް ހިތްވަރު ދިނުމުގެ ގޮތުން ފައިސާގެ އިނާމެއް ދިނުމަށް ޒިކުރާ ކޮލެޖުގެ މެނޭޖްމަންޓުން ނިންމާފައިވެއެވެ. މި ދެ ދަރިވަރުންނަކީ ސައިފުﷲ އިދުރީސް އާއި އާމިނަތު ރައުދާއެވެ.
މި މުބާރާތުގެ ނަތީޖާ އިއުލާން ކުރުމަށް ބޭއްވުނު ރަސްމިއްޔާތު ބާއްވައިފައިވަނީ އެ ކޮލެޖުގެ ފުވައްމުލަކު ކެމްޕަސްގައި ފޭސްބުކް ލައިވް މެދުވެރިކޮށެވެ.
ޒިކުރާ އިންޓަނޭޝަނަލް ކޮލެޖަކީ ފެންވަރު ރަނގަޅު ތަޢުލީމެއް ހެޔޮއަގެއްގައި ފޯރުކޮށްދެމުން އަންނަ ވަރަށް ގިނަ ދަރިވަރުންތަކެއްގެ އިތުބާރު ހޯދާފައިވާ ކޮލެޖެކެވެ.