ރަމަޟާން މަހަކީ އެކަކު އަނެކަކަށް އެހީތެރި ވާންވީ މަސް ކަމަށާއި އެކަމުގައި ސަރުކާރުން ފުރަތަމަ ނަމޫނާ ދެއްކޭތޯ ބެލިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ރަމަޟާން މަހުގެ ތަހުނިޔާ ފޮނުއްވުމަށް ދެއްވި ޚިޠާބުގައި ވިދާޅުވީ، މި މަހަކީ ހުރިހާ ގޮތަކުން ވެސް ހެޔޮކަމުގެ މައްސަރުކަމަށް ވާތީ، އެކަކު އަނެކަކަށް ހެޔޮ ފޯރުވުމުގެ އާދަ އިތުރަށް ހަރުދަނާ ކުރުން މުހިންމު ކަމަށެވެ. އެހެންކަމުން، ސަރުކާރުން ރައްޔިތުންނަށް އެހީވާންވީ ކަމަށާއި މުއްސަނދިން ފަގީރުންނަށް އެހީ ވާންވީ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ޚިޠާބުގައި ވިދާޅުވީ، އެހީތެރިކަން ފޯރުކޮށްދިނުމުގައި ސަރުކާރުން ފުރަތަމަ ނަމޫނާ ދެއްކޭތޯ މަސައްކަތް ކުރިކަމަށެވެ. އެގޮތުން މަސްވެރިން ކިރުވި މަހަށް ފައިސާ ނުލިބުމުގެ ހިތްދަތި މައްސަލަ ރޯދައަށް ޙައްލުކޮށްދެވުނު ކަމަށާއި އެކިއެކި ކުއްލި ޙާލަތުގައި ވައިގެ މަގުން ބަލި މީހުން އުފުލުމުގައި ދިމާވާ ދަތިތައް ވެސް ރޯދައިގެ ކުރިން ޙައްލުކޮށްދެވުނު ކަމަށް ރައީސް ވިދާޅުވިއެވެ.
"ދުއްވާ މީހުންނާއި ހިނގައިބިނގައިވާ މީހުންގެ ލުއިފަސޭހަޔަށް ޓަކައި، މަގުމަތީގެ ތޮއްޖެހުން ކުޑަކުރުމަށް ވެސް ފިޔަވަޅުތަކެއް މިހާރު ވާނީ އަޅައިފައެވެ. އިތުރަށް އަދިވެސް މި ކަން ހަރުދަނާކުރެވެމުން އެބަ ދެއެވެ. ހަމަ އެހެންމެ ކޮންމެ ގޭބިސީއަކަށް ސަރުކާރުގެ ފަރާތުން ހަދިޔާއެއް ދިނުމަކީ ވެސް މި ދެންނެވި ހެޔޮ ފޮރޯވުމާއި ދޭދޭ ގުޅުންތައް ބަދަހިކުރުމުގެ އާދައަށް ތަރުޙީބު ދިނުމެވެ،" ރައީސްގެ ޚިޠާބުގައި ވިދާޅުވިއެވެ.
މީގެ އިތުރުން މިއީ އަޅުކަމުގެ މައްސަރުކަމުން ރަމަޟާން މަހުގެ ފަހު ދިހައެއްގައި އޮފީސްތައް ބަންދުކޮށް އަޅުކަމަށް ޚާއްޞަކޮށްފައިވާކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.
ތާރީޚީ ގޮތުން ވެސް ބަރަކާތްތެރި ރަމަޟާން މަހަކީ އެކަކު އަނެކަކަށް އެހީވުމުގެ ލާމަސީލު ނަމޫނާ ދިވެހީންގެ ކިބައިން ދައްކައިދީފައިވާ މައްސަރެއް ކަމަށް ޚިޠާބުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ރޯދަމަހަށް ތައްޔާރުވުމުގައި ގޭގެ ފަންގިލައި މާރާމާތު ކުރުމާއި ރަށުތެރެ ސާފުކުރުމާއި މައިޒާންތައް ހެދުން ފަދަ ކަންކަން ވެސް ކުރެވެނީ އެންމެން ގުޅިގެން ކަމަށް ރައީސް ވިދަޅުވިއެވެ.
"ހަމަ އެހެންމެ ރޯދަ ވީއްލާން މިސްކިތްތަކަށް ތަކެތި ތައްޔާރުކޮށްގެން ގެންދިޔުމާއި ރޯދަވީއްލާ ގަޑިއަށާއި ހާރުދަމަށް ތައްޔާރުކުރެވޭ ކާ ތަކެތި އެއްގެއިން އަނެއްގެޔަށް ގެންގޮސް ދިނުމާއި މި ފަދަ ރީތި އިޖުތިމާއީ ސިފަތައް އާންމުކޮށް ދިވެހީންގެ މާޒީން ފެނެއެވެ،" ޚިޠާބުގައި ރައީސް ވިދާޅުވިއެވެ.
ޚީޠާބު ނިންމަވާލެއްވުމުގެ ގޮތުން ރައީސް ވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް ހެޔޮ ދުޢާ ކުރުމަށް ގޮވައިލައްވައިފައެވެ.
"ފަލަޞްޠީނުގެ ބިމުގައި ހަނގުރާމައާއި، ބިރުވެރިކަމާއި، ހައިހޫނުކަމުގައި ގެދޮރާއި ޢާއިލާގެއްލި ބިކަވުމުގެ ޙާލަތު ކުރިމަތިވެފައިވާ އަޅުގަނޑުމެންގެ މުސްލިމް އުޚްތުންނާއި އަޚުންގެ މަތީން އަޅުގަނޑުމެން ހުރިހާ ދިވެހީން އަބަދުމެ ހަނދާންވޭ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ އިސްތިޣުފާރުކުރުމާއި ތައުބާވެ އަމިއްލަ ނަފުސު އިޞްލާޙުކުރުމަށް މި ލިބޭ ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް އެންމެހާ ދިވެހީންނަށް އިލްތިމާސް ކުރައްވާފައެވެ.