ހިރިލަންދޫ މާރާމާރީ: މަސްތުވާތަކެއްޗާއި ވައްކަމަށް ކެތްނުވެ ރައްޔިތުން ރަތަށް!

ހިރިލަންދޫގައި ރޭ ވަނީ ބޮޑު މާރާމާރީއެއް ހިންގާފައި --

ތ. ހިރިލަންދޫގައި ރޭ ހިނގި ހަމަނުޖެހުންތަކަކީ މަސްތުވާތެއްޗާއި ވައްކަމުގެ މައްސަލަ އެ ރަށުގައި ބޮޑުވުމުގެ ސަބަބުން ހިނގި ހަމަނުޖެހުންތަކެއްކަން އެނގިއްޖެއެވެ.

އެ ރަށުން "ސަން"އާ ވާހަކަ ދެއްކި މީހަކު ބުނީ ހަތަރު މީހަކު މޫނު ނިވާކޮށްގެން ގޮސް ތަޅައިގަތީ މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ބައެެއްގެ ގައިގައި ކަމަށެވެ. އެ މީހުންގެ ގައިގައި ތަޅައިގަތީ އެ މީހުން އުޅޭ ގެއެއްގެ ތެރޭގައި ތިއްބާއެވެ

އެ މީހުންނަކީ މަސްތުވާތަކެތީގެ ވިޔަފާރި ރަށުގައި އަބަދުވެސް ފުޅާ ދާއިރާއެއްގައި ކުރާ ބައެއްކަމަށް އޭނާ ކިޔައިދިނެވެ. އަދި އެ މީހުން އުނދަގޫ ބޮޑުވެ ރައްޔިތުން އެތައް ފަހަރަކު މައްސަލަ ޖައްސައިފައިވާ ކަމަށް ވެސް ބުންޏެވެ.

ރޭ މާރާމާރީއަށްފަހު ރަށުގެ ގިނަ ބަޔަކު ވަނީ އެ ގޭ ކައިރިއަށް އެއްވެފައެވެ. އޭރު އެ ގޭ ތެރޭގައި ތިން ކުޑަ ކުދިން ތިބި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

"ފުރަތަމަ ކުއްޖާ ނެރުނު އިރު ނޭވާ ވެސް ނުލެވޭ. ދެވަނަ ކުއްޖާ ނެރުނު އިރު ވެސް ސިހިސިހި ހުންނަނީ. ކުޑަކުއްޖާ ނުވެސް ދިން،" ކަމުގެ މައުލޫމާތު އެނގޭ މީހަކު ކިޔައިދިނެވެ.

މިހާރު އެ ކުދިން ވަނީ ޖެންޑާގެ ބެލުމުގެ ދަށުގައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

"އެ މީހުންގެ އުނދަގޫ ރައްޔިތުންނަށް ވަރަށް ބޮޑު. ފާޅުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަނީ. ގޭގެއިން ވައްކަން ވެސް ކުރޭ،"

މީގެ ކުރިން ފުލުހުން ވަނީ އެ މީހުން ދިރިއުޅޭ ގެ ބަލައި ފާސް ވެސް ކޮށްފައެވެ. އެކަމަކު، އެ ތަނުން ފުލުހުންނަށް އެއްވެސް ހެއްކެތް މިހާތަނަށް ހޯދިފައިނުވާކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ރޭ ހަމަނުޖެހުން ބޮޑުވެ ފުލުހުން ވަނީ ޕެޕާ ސްޕްރޭ ވެސް ބޭނުންކޮށްފައެވެ. ރައްޔިތުންގެ ތެރެއިން އެ ގޭ ކައިރިއަށް އެއްވި މީހުން ވަނީ އެ ގޭގެ ދޮރުތައް ވެސް ހަލާކުކޮށްލާ ފާރެއް ވެސް ވައްޓައިލައިފައެވެ.

"މި ރަށު މީހުން ވަރަށް ކެތްކޮށްފި. އެ މީހުންގެ އުނދަގުލާ ހެދި އުޅެވޭކަށް ވެސް ނެތް މި ރަށުގައި ހަމަޖެހިގެން،" އޭނާ ބުންޏެވެ.

މީގެ ފަސް ދުވަސް ކުރިން ހިރިލަންދޫ ކައުންސިލުން ވަނީ އެ ރަށުން ވަރަށް ގިނަ ތަކެތި ވިއްކަމުންދާކަން ފާހަގަވެފައިވާކަމަށް ބުނެފައެވެ. އަދި ތުހުމަތުކުރެވޭ އެއްވެސް ފަރާތެއްގެ އަތުން އެއްވެސް މުދަލެއް އޭގެ ހަގީގަތް ނުބަލާ ނުގަންނަން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

އެކަމަކު އެ އިއުލާން ވެސް ވަނީ މިހާރު ކައުންސިލްގެ ފޭސްބުކް ޕޭޖުން ވެސް ނަގައިފައެވެ.

މި ކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ މާރާމާރީއާ ގުޅިގެން 49 އަހަރުގެ މީހަކާއި 43 އަހަރުގެ މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. އެ ދެ މީހުންނަށް ހިރިލަންދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު އިތުރުފަރުވާއަށް އެ އަތޮޅު ވޭމަންޑޫ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

މީގެ އިތުރުން، މާރާމާރީއާ ގުޅިގެންނާއި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ރަށުގެ އަމަންއަމާންކަން ނަގާލަން މަސައްކަތް ކުރި 36 އަހަރުގެ މީހަކާއި 32 އަހަރުގެމީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތައް އާއްމުވެ، ބައެއް ރަށްރަށުގައި މީގެ ކުރިން ވެސް ހަމަނުޖެހުން ހިންގައިފައިވެއެވެ. އެކަމަކު، ފުލުހުން އަބަދުވެސް އިލްތިމާސްކުރަނީ ރައްޔިތުން ނުކުމެ ހަަމަނުޖެހުން ނުހިންގުމަށެވެ.

comment ކޮމެންޓް