މާލޭގައި މި ފަހުން ހިންގި ސިލްސިލާ މާރާމާރީތަކުގައި ބައިވެރިވިކަމުގެ ތުހުމަތުގައި ވެލާނާ އިންޓަނޭޝަނަަލް އެއާޕޯޓުން މިއަދު ހައްޔަރުކުރި ހުސައިން އަރީޝްގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން މިއަދު ޖަހައިފިއެވެ.
މިއަދު ފުލުހުން ހައްޔަރުކުރީ ޏ. ފުވައްމުލަކު ދިގުވާނޑު، ބަނަފްސާގޭ އުމުރުން 31 އަހަރުގެ ހުސައިން އަރީޝެވެ.
ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި އޭނާ ހައްޔަރުކުރީ މެލޭޝިއާއިން ރާއްޖެ އައުމާއެކު އެއާޕޯޓުން ކަމަށެވެ. އޭނާއަށް ތުހުމަތުކުރަނީ މާލޭގައި މިހާރު ހިންގަމުންދާ ސިލްސިލާ މާރާމާރީތަކުގައި ބައިވެރިވިކަމަށާއި ނުރައްކާތެރި ކުށްތަކަށް އަރައިގަތުމުގައި ބައިވެރިވާކަމަށް ތުހުމަތުކޮށްފައެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ހައްޔަރުކުރުމަށް ކޯޓު އަމުރެއް ނަގާފައި ވަނިކޮށް ފުރައިގެން މެލޭޝިޔާއަށް ދިއުމުން އެ ގައުމަށް އޭނާ ވަނުން ހުއްޓުވައި އެހެން ފްލައިޓެއްގައި ރާއްޖެ ގެނައުމަށް ފަހު ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މި މައްސަލަައިގައި ކްރިމިނަލް ކޯޓުން މިއަދު އޭނާގެ ބަންދު މުއްދަތު 10 ދުވަހަށް ޖެހީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބުނެއެވެ.
ނަމަވެސް ކޯޓުގައި އަރީޝް ވަނީ އިރެއްގައި ކުށުގެ ވެށީގައި އުޅެވުނު ނަމަވެސ،ް މިހާރު ކުށުގެ ވެށީގައި ނޫޅޭ ކަމަށް ބުނެފައެވެ. އަދި މިހާރު ކުށްތަކާ ދުރުން ދިރިއުޅުމެއް ބިނާކޮށްގެން އުޅޭތާ ފަސް އަހަރު ވެދާނެ ކަމަށާއި މިހާރު އުޅެނީ އާއިލާއެއް ގޮވައިގެން ރަނގަޅު ދިރިއުޅުމެއް ކަަމަށް ވެސް އަރީޝް ވަނީ ކޯޓުގައި ބުނެފައެވެ.
އެއާއެކު މައްސަލައިގައި ތަހުގީގަށް އޭނާގެ ފަރާތުން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށާއ،ި ބަންދަށް ލުޔެއް ދިނުމަށް އެދޭކަމަށް
ބުނެފައިވެއެވެ.
.ނަމަވެސް ފުލުހުންގެ ފަރާތުން މައްސަލައިގެ އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ)ވަނީ އަރީޝަކީ މި ފަހުން ހިންގި މާރާމާރީގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ފަރާތްކަމަށް ބުނެފައެވެ.
އަދި މާރާމާރީގެ ކުށްތައް މިދިޔަ އޮކްޓޯބަރުން ފެށިގެން މެދުނުކެނޑި ކުރަމުންދާ ކަމަށާއ،ި މިހާރު އެ ކަން ކުރަނީ ތޫނު ހަތިޔާރު ހިފައިގެންކަމަށް ބުނެފައެެވެ. އެހެންވެ މީގެ ސަބަބުން މުޖުތަމަޢުގެ ކޮންމެ މީހަކަށް ވެސް ބޮޑު އަނިޔާއެއް ވެދާނެ ކަމުގެ ބިރު އޮތްކަމަށް އައިއޯ ފާހަގަކޮށްފައިވެއެވެ.
ފުލުހުން ބުނީ ޑްރަގްގެ މައްސަލައިގައާއި ތޫނު ހަތިޔާރު ގެންގުޅުމުގެ އިތުރުން މި ނޫންވެސް މައްސަލަތަކުގައި މީނާ 26 ފަހަރެއްގެ މަތީން ކުރިން ހައްޔަރުކުރެވިފައި ވާކަމަށެވެ.
އެއާއެކު އަރީޝާ ގުޅޭ މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.