އިތުރުވި ސަރަހައްދަކީ ދެމެހެއްޓެނިވި މަސްވެރިކަމަށް އެޅުނު ބިންގަލެއް: މިނިސްޓްރީ

އެންވަޔަރަމަންޓު މިނިސްޓަރު އައިމިނަތު ޝައުނާ -- ސަން ފޮޓޯ

ދިވެހިރާއްޖެއާއި މޮރިޝަސްއާ ދެމެދު ފުށުއަރާ ކަނޑުގެ އިން ރާއްޖެއަށް ބޮޑުބައި ލިބޭ ގޮތަށް ބަހަން އިންޓަރނޭޝަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ނިންމި ނިންމުމަކީ ދެމެހެއްޓެނިވި މަސްވެރިކަމަށް އެޅިގެން ދިޔަ ބިންގަލެއް ކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން މިއަދު ބުނެފިއެވެ.

އިޓްލޮސްއިން ހުކުރު ދުވަހު ނިންމީ ރާއްޖެއިން ވަކާލާތު ކުރި ގޮތަށް ރާއްޖެއަށް ބޮޑުބައި ލިބޭ ގޮތަށް ދެ ގައުމުގެ ފުށުއަރާ އިގްތިސާދީ ސަރަހައްދު ބަހާލައިށެވެ.

މިގޮތަށް އިގްތިސާދީ ސަރަހައްދު ބެހުމުގައި ދެ ގައުމުގެ ދެމެދުގައި ހިޔާލު ތަފާތުވުން އުފެދުނީ ހަމައެކަނި ހިކި ދިޔައިގައި ފެންނަ ބްލެންހެމް ރީފުން ފެށިގެން މިން އަޅަން މޮރިޝަސް އިން އެދުމުންނެވެ. އެކަމަކު، ރާއްޖެއިން ވަކާލަތު ކުރީ އެއީ މޮރިޝަސްގެ އައްސޭރި ފަށުގެ ބައެއް ނޫން ކަމަށެވެ. އިޓްލޮސް އިން ވެސް ނިންމީ މޮރިޝަސްގެ ހުށަހެޅުންތައް ބަލައިނުގަނެވޭނެ ކަމަށެވެ.

އެކަމާ ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި އެންވަޔަރަމަންޓު މިނިސްޓްރީން ބުނީ ރާއްޖޭގެ އިން ބައިނަލްއަގުވާމީ ހަމަތަކާ އެކު ކަނޑައެޅިގެން ދިއުމަކީ، ސަލާމަތާއި ރައްކާތެރިކަމާއި، އަދި ކަނޑުގެ ދިރުންތައް ދެމެހެއްޓެނިވި ގޮތެއްގައި ހިމާޔަތްކޮށް ދެމެހެއްޓުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ދެކޭ ދެކެމެވެ.

https://sun.mv/176662

ޗާގޯސްގެ ހަތް އަތޮޅާއި 70 ރަށް ހިމެނޭ ގޮތަށް ވަށައިގެންވާ ކަނޑުގެ 640،000 ސްކެއާ ކިލޯމީޓަރުގެ ސަރަޙައްދަކީ 2010ވަނަ އަހަރުން ފެށިގެން މެރިން ރިޒާވެއް ގޮތުގައި ހިމާޔަތްކޮށްފައިވާ ސަރަޙަދެކެވެ.

މިނިސްޓްރީން ބުނީ ހިމާޔަތްކޮށްފައިވާ ސަރަޙައްދުތައް އިތުރުވެގެން ދިއުމަކީ އޭގެ ސަބަބުން ދެކުނުގެ މަސްވެރިކަމަށް އެ ކަމުން ވަރަށް ބޮޑަށް ފައިދާކުރާނެ ކަމެކެވެ. އަދި، ޗާގޯސްގެ މެރިން ރިޒާވަކީ ދުނިޔޭގެ ނިސްބަތުން ޤުދުރަތީ ދިރުންތައް އެންމެ މުއްސަންދި އެއް ސަރަޙައްދު ކަމަށާއި އެހެންވެ، ހިމާޔަތްކޮށްފައިވާ ސަރަޙައްދު އިތުރުވާނެކަން ޔަޤީންވެގެން ދިއުމަކީ ކަނޑުގެ ދިރުންތައް އާލާވެ ދެމެހެއްޓެނެވި ގޮތެއްގައި މަސްވެރިކަން ކުރުމަށް އެހީތެރި ވެދޭނެ ކަމެއް ކަމަށެވެ.

"އެ ނިންމުމަކީ، 'ހައި އެމްބިޝަން ކޯލިޝަން' އަދި 'ގްލޯބަލް އޯޝަންސް އެލިއަންސް' އިން ދުނިޔޭގެ ކަނޑުތަކުގެ 30 އިންސައްތަ އަކީ ހިމާޔަތްކުރެވިފައިވާ ތަންތަނުގެ ގޮތުގައި ހަމަޖެއްސުމަށް ކުރިއަށް ގެންދާ ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވަރސިޓީ ގެ ގްލޯބަލް ބަޔޯޑައިވަރސިޓީ ފްރޭމްވޯކް ގައިވާ 30x30 ލަނޑުދަނޑި ހާސިލްކުރުމަށް ލިބުނު ބާރެއްކަމުގައިވެސް ދެކެމެވެ." ބަޔާނުގައި ވެއެވެ.

އަދި، "ނޫ ރާއްޖެ" މަޝްރޫޢުގެ ދަށުން މިހާރު ކުރާ މަސައްކަތުގެ ތެރެއިން ސައިންޓިފިކް މަޢުލޫމާތުގެ އަލީގައި މެރިން ސްޕޭޝަލް ޕްލޭނެއް ހެދިގެންދާނެ ކަމަށާއި ޗާގޯސްގެ ހިމާޔަތްކުރެވިފައިވާ ސަރަޙައްދާއި އަދި ރާއްޖޭގެ ސަރަޙައްދުން ހިމާޔަތްކުރެވޭ ސަރަޙައްދުތައް ގުޅިގެން އުފެދޭ ސަރަޙައްދުތައް ވެގެންދާނީ އިންޑިޔާ ކަނޑުގެ ދިރުންތައް އާލާވުމަށް މަގުފަހިކޮށްދޭނެ އަދި، މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް އެޅޭ މުހިއްމު ބިންގަލަކަށް ކަމަށް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

https://sun.mv/176683

އިޓްލޮސްގެ ނިންމުމާ އެކު، ރާއްޖެއަށް އިތުރު 4687 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބޭނެއެވެ. މޮރިޝަސް އިން ވަކާލާތު ކުރި ގޮތަށް މައްސަލަ ނިމުންނަމަ، އެ ސަރަހައްދު ލިބޭނީ މޮރިޝަސް އަށެވެ.

ރާއްޖެއާއި މޮރީޝަސް ކަނޑުގެ ސަރަޙައްދު ފުށުއަރާ 95،563 އަކަ ކިލޯމީޓަރުގެ ސަރަހައްދުގެ ތެރެއިން ރާއްޖެއަށް 47،232 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބިފައިވާއިރު މޮރީޝަސްއަށް ލިބިގެން ދިޔައީ 45،331 އަކަ ކިލޯމީޓަރުގެ ސަރަހައްދެކެވެ.

comment ކޮމެންޓް