ދެކުނަށް ކުރަމުންދާ ބޯ ވިއްސާރައިގައި މަޑަވެލީގައި ފެން ބޮޑު ވެއްޖެ

އެމްއެންޑީއެފުން ފެން ހިންދުމުގެ މަސައްކަތް ކުރަނީ / ފޮޓޯ: އެމްއެންޑީއެފް

ރާއްޖޭގެ ދެކުނަށް މިހާރު ކުރަމުންދާ ވިއްސާރާގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ގދ. މަޑެވެލީގައި ފެންބޮޑުވެ ބައެއް ގެތަކަށް ގެއްލުން ލިބިއްޖެއެވެ.

"ސަން" އާ ވާހަކަދައްކަވަމުން މަޑަވެލި ކައުންސިލްގެ ރައީސް ފިޔާޒް ހަސަން ވިދާޅުވީ މިއަދު ހެނދުނުން ފެށިގެން ހުއްޓުމެން ނެތި އެ ރަށަށް ވަރަށް ބޯކޮށް ވާރޭ ވެހެމުން އަންނަ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރަށުގައި ފެން ބޮޑުވެފައިވާއިރު ފަސް ގެޔަކަށް ފެން ވަދެ އެ ގޭގެއަށް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށް އޭނާ މައުލޫމާތު ދިނެވެ.

"އެ ގެތަކަށް ފެން ވަދެ ހިފާ ގެންގުޅޭ އެއްޗިއްސަށް ކޮންމެސް ވަރެއްގެ ގެއްލުން ތަކެއް ލިބިފަ ވަނީ. ހެނދުނުން ފެށިގެން ވަރަށް ބޯކޮށް ވެހެމުން ދިޔައީ. މިހާރު ކޮންމެސް ވަރަކަށް ތުނިކޮށްލައިފި." ފިޔާޒް ވިދާޅުވިއެވެ.

ފެން ބޮޑުވުމާއެކު އެމްއެންޑީއެފުން ވަނީ ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ފަށާފައެވެ.

ފިޔާޒް ވިދާޅުވީ ވާރޭ ތުނިކޮށްލުމާއެކު ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިފައިވާ ކަމަށެވެ. އަދި ވާރޭގެ ސަބަބުން ގެއްލުންވި މިންވަރާއި ގެއްލުންވި ގެތަކުގެ މައުލޫމާތު ހޯދުމަށް ޓާސްކް ފޯސްއެއް ވެސް އެކުލަވާލާފައިވާ ކަމަށާއި، ސީދާ ލިބުނު ގެއްލުމެއް މާދަމާ ދެނެގަނެ ވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މަގުތަކުން ފެން ހިއްކުމާއި ގެތަކަށް އިތުރަށް ފެން ވަނަ ނުދިނުމަށް މަސައްކަތް ކުރަމުން އަންނަ އިރު ކައުންސިލާއި ފުލުހުންނާއި އެމްއެންޑީއެފް އިން އަންނަނީ ރައްޔިތުންނަށް އެހީތެރިކަން ވެސް ފޯރުކޮށްދެމުންނެވެ.

ދެކުނުގެ އަތޮޅުތަކަށް ކުރަމުންދާ ވިއްސާރައިގައި މަޑަވެލީގެ އިތުރުން ފުވައްމުލައް ސިޓީގައި ފެން ބޮޑުވެ ގިނަ އަދަދެއްގެ ގެތަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވަނީ މިއަދު އިރުއޮއްސި ހަޔަކުން ފެށިގެން މިރޭ 11:00 އަށް ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާ ހަމައަށް ރީނދޫ އެލާޓު ނެރެފައެވެ. އެ ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް މެޓު އޮފީހުން ލަފާކުރެއެވެ.

comment ކޮމެންޓް