ވިޔަފާރިވެރިޔާ ސައުދުﷲ އަހްމަދުގެ މަރުގެ ހިތްދަތި ޚަބަަރަކީ އޭނާގެ އާއިލާއާއި އޭނާގެ އުފަން ރަށް ބ. ކުޑަރިކިލު ކުއްލި ހިތާމައެއްގެ ތެރެއަށް ގެނުވި ކަމެކެވެ. ފޭދޫ ފިނޮޅު ކައިރިން ދަތުރުކުރަމުން ދިޔަ ލޯންޗެއް ޖެހި މިއަދު ހަވީރު ހިނގި ނުރައްކާތެރި އެކްސިޑެންޓަކީ މި ފަހުން ކަނޑުމަތީގައި ހިނގި އެކްސިޑެންޓެއްގައި މީހަކު ދުނިޔެ ދޫކުރި އެއް އެކްސިޑެންޓެވެ.
އެކްސިޑެންޓު ހިނގައިގެން އެންމެ ފުރަތަމަ އެ ކަމުގެ މައުލޫމާތު އެނގުނު އެކަކީ ސައުދުﷲގެ ސެކެޓްރީގެ ގޮތުގައި މަސައްކަތްކުރާ އަހްމަދު އިމްތިޔާޒެވެ. ހަވީރު 04:41 ހާއިރު އޮފީހުގެ ޖެނެރަލް މެނޭޖަރު، އިމްތިޔާޒަށް ގުޅައި ވެގެން އުޅޭ ގޮތް ކިޔައިދިނެވެ.
"އެއާއެކު އަޅުގަނޑު ހަމަ ވަގުތުން އެއް ނަމްބަރު ފާލަން ކައިރިއަށް މި ދިޔައީ. އަޅުގަނޑަށް ދެވުނު އިރު ގާތްގަނޑަކަށް 04:59 ވެދާނެ،" އިމްތިޔާޒު ކިޔައިދިނެވެ.
އޭނާ ބުނީ ސައުދުﷲގެ ހަށިގަނޑުން ބޭރުން މާ ބޮޑެތި އަނިޔާތަކެއް ފާހަގަވާ ގޮތަށް ނުފެނުނު ނަމަވެސް ވާތު އަތް އޮތް ގޮތުން ވަރަށް ބޮޑަށް އަނިޔާވެފައި އޮތްކަން އެނގޭ ކަމަށެވެ. ހަމައެއާއެކު އެ ވަގުތު ނޭފަތުން ވަރަށް ގިނައިން ލޭ އަންނަމުން ދިޔަކަމަށް އިމްތިޔާޒު ބުންޏެވެ.
އޭރު ސައުދުﷲގެ ބޭބެ އާސިމް އަހްމަދު އޭނާ ހަވާލުވެ ތިބި މެހެމާނުންތަކެއް ބަނދަރުން ގޮވައިގެން ގެއަށް ގެނެސް ހަމަޖެހިލީއެވެ. އިރުކޮޅެއް ނުވެ އޭނާއަަށް އައި ފޯނު ކޯލުގައި ލިބުނީ، ސައުދުﷲ އިން ލޯންޗު އެކްސިޑެންޓުވެ އޭނާގެ ހާލަތު ކްރިޓިކަލްވެ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އައި ޚަބަރެވެ. ދެން އިވުނީ މަރުގެ ޚަބަރެވެ.
"އަޅުގަނޑަށް ގަބޫލުކުރަން ވެސް ދަތިވި. ހަމަ ކުއްލި ސިހުމެއް ލިބުނީ. ވަގުތުން އަޅުގަނޑު އެހެން ކުދިންނަށް އެންމެ ފުރަތަމަ ވެސް އެ ކަން އެންގީ. އެއާއެކު މާލޭގައި ތިބި ކުދިން ހޮސްޕިޓަލަށް ދިޔައީ،" ފޯނުން މި ވާހަކަތައް ކިޔައިދެމުން އައި އިރު ވެސް އާސިމްގެ ގިސްލުމުގެ އަޑު އިވެއެވެ. އޭނާގެ އަޑު ހުރީ ތުރުތުރު އަޅައަޅައެވެ.
އާސިމް "ސަން"އަށް ކިޔައިދިން ގޮތުގައި ސައުދުﷲ އަކީ ދީނަށް ކަމޭހިތައި، އަޅުކަންތައް އަދާކުރުމަށް ވަރަށް ފަރުވާތެރި މީހެކެވެ. މަސްވެރިކަމާއި ސްޕޯޓް ފިޝިންއަށް ލޯތްބަކީ އޭނާއާ ވަކިނުވާ އޭނާގެ އެއްބައިކަމަށް އާސިމް ސިފަކުރެެއެވެ. އެގޮތުން ކޮންމެ ރަމަޟާން މަހަކު ވެސް އުފަށް ރަށް ކުޑަރިކިލަށް އައިސް، ސްޕޯޓް ފިޝިންއަށް ދާ ކަމަށް އާސިމް ކިޔައިދިނެވެ. ނަމަވެސް މި އަހަރު އޭނާ ރަށަށް ނުދާކަމަށް ބުންޏެވެ.
"މިފަހަރުގެ ރަމަޟާންމަހު ނާދޭ. އެކަމު އެހެން ފަހަރުތަކުގައި ހަމަ އައިސް އުޅޭނެ. ބުރާސްފަތި ދުވަހު ރަށަށް އަންނަ ގޮތަށް ހަމަ ހޮނިހިރު ދުވަހުން ދާނީ. ވަަރަށް ކުރާ ހިތުން ކުރާ ކަމެއް އެއީ،" އާސިމް ކިޔައިދިނެވެ.
ސްޕޯޓްސް ފިޝިންއަށް ސައުދުﷲ އާންމު ގޮތެއްގައި ބޭނުންކުރަނީ އެ ކަމަށް ޚާއްސަކޮށް އޭނާ ހޯދައިފައިވާ ދެ ލޯންޗެކެވެ.
މިއީ ސައުދުﷲގެ މުޅި އާއިލާއަށް ވެސް ލިބުނު ފޫނުބެއްދޭ ވަރުގެ ހިތާމައެކެވެ. އާއިލާއިން ބުނާ ގޮތުގައި އެހައި ހިތްހެޔޮ އޯގާތެރި ކޮއްކޮއަކު އަދި ބޭބެއަކު ވެސް އެ މީހުންނަށް ނުލިބޭނެއެވެ.
އެގޮތުން މީގެ 11 އަހަރު ކުރިން 10 ކުދީންގެ ބައްޕައާއި މަންމަ ނިޔާވުމާއެކު މުޅި އާއިލާގެ އެންމެހާ ކަމެއް ބެލެހެއްޓުމާ ހަވާލުވެ ހުރީ އެ އާއިލާގައި ހަތަރުވަނައަށް ހުރި ސައުދުﷲއެވެ.
އާސިމްއަކީ ސައުދުގެ ދޮށްޓަށް ހުރި އޭނާގެ ބޭބެ ނަމަވެސް ޚުދު އޭނާ ވެސް އެ ކަމަށް އެއްބަސްވެ ސައުދުﷲ އާ އެ މަސްއޫލިއްޔަތު ހަވާލުކުރީ ސައުދުގެ ގާބިލްކަމާއި އޭނާގެ ފުރިހަމަ އަޚްލާގާއި ހިންގުންތެރިކަމުގެ ސަބަބުންކަމަށް އާސިމް ކިޔައިދިނެވެ.
"އަަޅުގަނޑުމެން ހުރިހާ ކުދިންގެ ކަންކަން ބަލާނީ ހަމަ އޭނާ. ވަރަށް އިޚްލާސްތެރި ވަރަށް ހަރުދަނާ މީހެއް ކޮއްކޮއަކީ،" އާސިމް ބުންޏެވެ.
ސައުދުﷲގެ އެކުވެރިން ވެސް އޭނާ ސިފަކުރަނީ އެހާމެ ޚުލްގު ހެޔޮ މީހެއްގެ ގޮތުގައެވެ. އެގޮތުން މިހާރުގެ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެެޖެންސީގެ ޑިރެކްޓަރު ޖެނެރަލް އިބްރާހީމް ނައީމް އޭނާއާ ސައުދުﷲ އާ ދެމެދު އޮތް ގާތްކަން ސިފަކުރެއްވީ އެންމެ ޖުމުލައަކުންނެވެ.
"އެ ދެން އަޅުގަނޑުގެ އެންމެ ގާތް މީހާ މިހާރު ހުރި،" ނައީމް ވިދާޅުވިއެވެ.
ސްކޫލު ދައުރުން ފެށިގެން މިހާތަނަށް ވެސް ސައުދުﷲ އާއި ނައީމްއަކީ ގާތް ދެ ރަހުމަތްތެރިންނެވެ. ސައުދުﷲގެ ކުއްލި ވަކިވުމަކީ އޭނާއަށް ވެސް ލިބުނު ބޮޑުު ދެރައެކެވެ.
ސައުދުﷲ ނިޔާވިއިރު އޭނާގެ އެއްބަނޑު އެއްބަފާ އަށް ފިރިހެނުންނާއި އެއް އަންހެނަކު އެބަހުއްޓެވެ. މިވަގުުތު އޭނާގެ ދައްތަ ހުރީ އުމްރާގެ އަޅުކަން އަދާކުރުމަށް މައްކާގައެވެ. އަދި ސައުދުﷲގެ ތިން ކުދިން ވެސް އެބަތިއްބެވެ. ދުނިޔެ ދޫކުރިއިރު ސައުދުﷲ ގެ އުމުރުން 53 އަހަރެވެ.
ސައުދުﷲ އަކީ ކޮންސްޓްރަކްޝަން ދާއިރާގައި، ބިން ހިއްކުމާއި ބޮޑު ހިލަޖެހުމާއި އެ ފަދަ މަސައްކަތްތައް ކުރާ ކުންފުންޏެއްކަމަށްވާ ސާސޭ ކޮންސްޓްރަކްޝަންގެ މެނޭޖިން ޑިރެކްޓަރެވެ.
މިހާތަނަށް އައިރު ސައުދުﷲ ވަނީ ރެއިންބޯ އެންޓަޕްރައިސަސާއި އަމިން ކޮންސްޓްރަކްޝަންގައި މަސައްކަތްކުރައްވައިފައެވެ. އޭރު އޭނާ ރެއިންބޯގެ ޕްރޮޖެކްޓު މެނޭޖަރުކަމާއި އަމިން ކޮންސްޓްރަކްޝަންގެ ޖެނެރަލް މެނޭޖަރުކަން ކޮށްފައިވެއެވެ.
ސައުދުﷲ ކުރެއްވި މުހިންމު ބައެއް މަސައްކަތްތަކުގެ ތެރޭގައި ކްރޮސް ރޯޑްސްގައި ބޮޑުހިލަ ޖެހުމުގެ މަސައްކަތް ހިމެނެއެވެ. އޭނާގެ ކުންފުނިން މިފަހުން ފެށި ބައެއް ޕްރޮޖެކްޓުތަކުގެ ތެރޭގައި ހުޅުމާލޭ ޗެނަލް ޕާކަށް ވާގޮތަށް ތަރައްގީކުރަމުން އަންނަ ލަގްޒަރީ އެޕާޓްމަންޓުތަކެއް ހިމެނެއެވެ.