ޕްރެޒިޑެންޓްސް ކަޕް: މާޒިޔާ އާއި އީގަލްސް ކުޅޭ ފައިނަލް މެޗު އަންގާރަ ދުވަހަށް ފަސްކޮށްފި

މާޒިޔާ އާއި އީގަލްސް ބައްދަލުކުރި ޗެރިޓީ ޝީލްޑް މެޗުގެ ތެރެއިން -- ފޮޓޯ/ އެފްއޭއެމް

ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ކްލަބު އީގަލްސް ބައްދަލުކުރާ މެޗު ފަސްކޮށްފިއެވެ.

މާޒިޔާ އާއި އީގަލްސް ބައްދަލުކުރާ ފައިނަލް މެޗު ކުރިން ތާވަލުކޮށްފައިވަނީ މާދަމާ ރޭ ކުޅޭ ގޮތަށެވެ. ނަމަވެސް މިހާރު އެފްއޭއެމުން އެ މެޗު ފަސްކޮށްފައިވަނީ އަންނަ އަންގާރަ ދުވަހުގެ ރޭ 9:00 ގައި ކުޅޭ ގޮތަށެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް ވިދާޅުވީ ފައިނަލް މެޗު ފަސްކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ވަޑައިގެންނެވޭނެ ދުވަހެއް ބެލުމަށްފަހު ކަމަށެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުން އީގަލްސް އިން ޖާގަ ހޯދީ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި 2-1 ގެ ނަތީޖާއަކުން ބުރު ސްޕޯޓްސް ބަލިކޮށްގެންނެވެ. އަދި މާޒިޔާ އިން ފައިނަލުން ޖާގަ ހޯދީ ސެމީގެ ދެވަނަ މެޗުގައި 8-0ގެ ނަތީޖާއަކުން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށްގެންނެވެ.

ސީޒަން ފެށުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ވެސް މާޒިޔާ އާއި އީގަލްސް ވަނީ ވާދަކޮށްފައެވެ. އެ މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ޗެރިޓީ ޝީލްޑް އުފުލާލީ ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ މާޒިޔާ އިންނެވެ.

މިފަހަރުގެ ޕްރެޒިޑެންޓްސް ކަޕްގައި އީގަލްސް އިން އަދި މެޗަކުން ބަލިވެފައި ނުވާ އިރު، މާޒިޔާއަށް ވަނީ ބައްޔަކާ ކުރިމަތިލާން ޖެހިފައެވެ. ގްރޫޕު ސްޓޭޖުގައި މާޒިޔާ އިން ކުޅުނު ފަހު މެޗުގައި ބަލިވީ ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަކުރާ ބުރު ސްޕޯޓްސް އަތުންނެވެ.

މާޒިޔާ އިން މީގެ ކުރިން ތިން ފަހަރަކު ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގައި ކުޅުނު ނަމަވެސް، އެޓީމަށް ތަށި ހޯދިފައިވަނީ ހަމައެކަނި 2015 ވަނަ އަހަރުއެވެ. މިދިޔަ އަހަރުގެ ފައިނަލުގައި މާޒިޔާ ވަނީ ކްލަބު ވެލެންސިއާ އަތުން ބަލިވެފައެވެ. އަދި އޭގެ ކުރިން 2013 ވަނަ އަހަރުގެ ފައިނަލުގައި މާޒިޔާ ބަލިވީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު އަތުންނެވެ.

އީގަލްސް އިން ވެސް ވަނީ ޕްރެޒިޑެންޓްސް ކަޕްގެ ތައްޓެއް ހޯދައިފައެވެ. އީގަލްސް އިން 2016 ވަނަ އަހަރުގެ ތަށި ކާމިޔާބުކޮށްފައިވަނީ ފައިނަލުގައި ޓީސީ ސްޕޯޓްސް ކްލަބު ބަލިކޮށްގެންނެވެ. އޭގެ ކުރިން އީގަލްސް އިން ކުޅުނު ފުރަތަމަ ފައިނަލުގައި 2014 ވަނަ އަހަރު ބަލިވީ ނިއު ރޭޑިއަންޓް އަތުންނެވެ.

comment ކޮމެންޓް