ރާއްޖެއަށް މިނިވަންކަން ލިބުނީއްސުރެ، މޮރިޝަސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދު ރާއްޖެއަށް ބޮޑުބައި ލިބޭ ގޮތަށް ބަހަން އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮފް ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން މިއަދު ނިންމި ނިންމުން ބަލައިނުގަންނަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ގޮވާލައްވައިފިއެވެ.
އެ މައްސަލައިގައި އިޓްލޮސްއިން މިއަދު ނިންމީ ރާއްޖެއިން ވަކާލާތު ކުރި ގޮތަށް ރާއްޖެއަށް ބޮޑުބައި ލިބޭ ގޮތަށް ދެ ގައުމުގެ ފުށުއަރާ އިގްތިސާދީ ސަރަހައްދު ބަހާލައިށެވެ.
އިޓްލޮސް އިން ނިންމީ ފުށުއަރާ ބައި އިކުއި ޑިސްޓެންޓު އުސޫލުން ބަހާލައިށެވެ. މިގޮތަށް އިގްތިސާދީ ސަރަހައްދު ބެހުމުގައި ދެ ގައުމުގެ ދެމެދުގައި ހިޔާލު ތަފާތުވުން އުފެދުނީ ހަމައެކަނި ހިކި ދިޔައިގައި ފެންނަ ބްލެންހެމް ރީފުން ފެށިގެން މިން އަޅަން މޮރިޝަސް އިން އެދުމުންނެވެ. އެކަމަކު، ރާއްޖެއިން ވަކާލަތު ކުރީ އެއީ މޮރިޝަސްގެ އައްސޭރި ފަށުގެ ބައެއް ނޫން ކަމަށެވެ. އިޓްލޮސް އިން ވެސް މިއަދު ނިންމީ މޮރިޝަސްގެ ހުށަހެޅުންތައް ބަލައިނުގަނެވޭނެ ކަމަށެވެ.
އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި ނަޝީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޗާގޯސްގެ ރަށްތަކުގެ ސިޔާދަތީ ބާރު ރާއްޖެއިން ދޫކޮށްލުމުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިފައިވާ ކަމަށެވެ. އެހެންވެ، އެންމެ ފައިދާހުރި ގޮތަކީ އިޓްލޮސްގެ ނިންމުން ބަލައިނުގަތުން ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި މިކަން (އިޓްލޮސްގެ ނިންމުން) ބަލައިނުގަތުމަކީ ރާއްޖެއަށް ރަނގަޅު ގޮތް،" އެ މަނިކުފާނު ވިދާޅުވިއެވެ.
އެކަމަކު، އެ މަނިކުފާނު އެފަދައިން ވިދާޅުވި ނަމަވެސް ޗާގޯސްގެ ރަށްތަކުގެ މިލްކުވެރިކަމަށް ރާއްޖެއިން ދުވަހަކު ވެސް ދައުވާކޮށްފައެއް ނުވެއެވެ. އަދި، ނަޝީދުގެ ވެރިކަމުގައި ވެސް ނިންމީ މޮރިޝަސްއާ އެކު ބޯޑަރު ބަހާލައިށެވެ.
އިނގިރޭސިންގެ އިސްތިއުމާރުގެ ދަށުގައި މޮރިޝަސް އޮތް އިރު، 1965ވަނަ އަހަރު އިނގިރޭސިން މޮރިޝަސްގެ އަތުން ޗާގޯސް އަތުލީއެވެ. އެއަށް ފަހު، އިނގިރެސިން، ޗާގޯސް އަތުލައި އެތަން ހުސްކޮށް އިނގިރޭސިން ވަނީ އެ ތަނުގައި "ބްރިޓިސް އިންޑިއަން އޯޝަން ޓެރިޓަރީ" އެކުލަވާލައިފައެވެ.
އެކަމަކު، މިނިވަންކަން ލިބި، އދ. އާއި ގުޅުމަށް ފަހު މޮރިޝަސް އިން ވަނީ ޗާގޯސް އަނބުރާ ހޯދަން ދައުވާކޮށްފައެވެ.
ޗާގޯސް އިނގިރޭސިންގެ އިސްތިއުމާރުގެ ދަށުގައި އަދިވެސް އޮތުމުން މޮރިޝަސްއަށް ފުރިހަމަ މިނިވަންކަން ނުލިބޭ ކަމަށް އދ. އިން ބުނީ 2017ވަނަ އަހަރުއެވެ. އަދި، އިނގިރޭސިން ވީ އެންމެ އަވަހަކަށް ޗާގޯސް ދޫކޮށްލުމަށް އޭރު އދ. އިން ވަނީ އެޑްވައިޒަރީ އޮޕީނިއަންއެއް ނެރެ، ހަ މަސް ދުވަހުގެ މުހުލަތެއް ދީފައެވެ. އެކަމަކު، އިނގިރޭސިން އެ ނިންމުމަށް ތަބައެއް ނުވެއެވެ.
ޗާގޮސްގެ ރަށްތައް އިސްތިމާރުކޮށްގެން ތިބި އިނގިރޭސިންނަށް އެ ސަރަހައްދުގެ ބާރު ނޯންނާނެ ކަމަށާއި އެއީ މޮރިޝަސްގެ ބާރު ހިނގާ ސަރަހައްދެއް ކަމަށް ބުނެ އިންޓަނޭޝަން ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން 2019ވަނަ އަހަރު ވަނީ އިސްތިޝާރީ ލަފައެއް ނެރެފައެވެ. އެކަމަކު، އެ ނިންމުން ގަބޫލުނުކޮށް، އިޓްލޮސްއަށް އިމުގެ މައްސަލަ ނުބެލޭނެ ކަމަށް ރާއްޖެއިން ވަނީ ވަކާލާތު ކޮށްފައެވެ.
ނަމަވެސް އިޓްލޮސްއިން ވަނީ ރާއްޖޭގެ އެ ދިފާއު ގަބޫލުނުކޮށް، ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮފް ދަ ލޯ އޮފް ދަ ސީ (އަންކްލޮސް)ގައި އޮންނަ ގޮތަށް ދެ ގައުމަށް ވެސް 200 މޭލުގެ ކޮންޓިނެންޓަލް ޝެލްފެއް ދޭން ޖެހޭނެ ކަމަށް ނިންމައިފައެވެ.
ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ބަލައިގަންނަކަން ހާމަކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް، މޮރިޝަސްގެ ބޮޑު ވަޒީރަށް ސިޓީފުޅެއް ފޮނުއްވީ އެ ހިސާބުންނެވެ. ޗާގޯސް އަކީ މޮރިޝަސްގެ ބައެއް ކަމަށް ރާއްޖެއިން ގަބޫލުކުރި ނަމަވެސް، އިން ވަކި ކުރުމުގައި ރާއްްޖެއިން ގެންގުޅުނު ސިޔާސަތު ބަދަލުކޮށްފައެއް ނުވެއެވެ.