ޕީސީބީއަށް އައްޔަނުކުރި ޝިރުވީނަށް ރުހުން ހޯދުމުގެ މައްސަލަ ކޮމިޓީއަށް

މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީގެ ބައްދަލުވުމެއް ކުރިއަށް ދަނީ--- ފޮޓޯ/ މަޖިލިސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ މެންބަރު ކަމަށް އައްޔަނުކުރެއްވި މ. ލޭންޑްއޮފްގާޑްން، ފާޠިމަތު ޝިރުވީނަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި މައްސަލަ ކޮމެޓީއަށް ފޮނުވައިފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް ފޮނުއްވި އެ މައްސަލަ ދިރާސާ ކުރުމަށް ފޮނުވާފައިވަނީ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް، (އެސްއޯއީ) ކޮމެޓީއަށެވެ.

އޭނާ އެ ބޯޑަށް އައްޔަންކޮށްފައި ވަނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓާކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ހަތަރުވަނަ މާއްދާގައިވާ ގޮތުގެ މަތިން، ގާނޫނީ ދާއިރާއިންނެވެ.

އެ ބޯޑުގެ މެންބަރަކަށް ޢައްޔަންކުރެއްވުމާ ހަމައަށް ޝިރުވީން މަސައްކަތް ކުރައްވަމުން ދިޔައީ އެޓާނީ ޖެނެރަލްގެ އޮފީހުގެ ސްޓޭޓް ކައުންސިލްގެ ގޮތުގައެވެ. އަދި، މިހާރު ވެސް ޝިރުވީން އަކީ ފެމެލީ ލީގަލް ކްލިނިކް (އެންޖީއޯ)ގެ އެގްޒެކެޓިވް ކޮމިޓީ މެންބަރެކެވެ.

ޝިރުވީން ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ކެމްބްރިޖުން މާސްޓާސް އޮފް ލޯ ހާޞިލް ކުރައްވައިފައެވެ.

ޕިސީބީއަކީ 2013ވަނަ އަހަރު އުފައްދައިފައިވާ ބޯޑެކެވެ. ބޯޑު އުފައްދައިފައި ވަނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓާކޮށް އިވެލުއޭޓްކުރުުމުގެ ގާނޫނުގެ ދަށުންނެވެ.

comment ކޮމެންޓް