ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރުންނަށް ވެހިއުމުން ލިބޭ ޗުއްޓީގެ މުއްދަތު ހަ މަސްދުވަހުގެ މުއްދަތަށް ދިގުކުރީ އެ ޓްރައިބިއުނަލްގެ މެމްބަރު ޝަމްއާ އިބްރާހިމްގެ މައްސަލައާ ގުޅިގެން ނޫންކަމަށް އެ ޓްރައިބިއުނަލްގެ ރައީސް އާމިނަތު އަބްދުﷲ ޒުހައިރު ވިދާޅުވެއްޖެއެވެ.
މީގެ ކުރިން ޓްރައިބިއުނަލްގެ މެމްބަރަކު ވިހައިފިނަމަ ލިބޭ ގޮތަށް ހަމަޖައްސައިފައި އޮންނަނީ ދެ މަހުގެ ޗުއްޓީއެކެވެ.
ނަމަވެސް މިހާރު ޓްރައިބިއުނަލް މެންބަރުންގެ ސުލޫކީ މިންގަނޑު ބަހައްޓަން ޖެހޭ ގޮތުގެ އުސޫލަށް ގެނައި އިސްލާހެއްގައިވަނީ އަލަށް ގެނައި ބަދަލު އިތުރުކޮށްފައެވެ.
އެ އުސޫލު މިއަދު ގެޒެޓުކުރުމާއެކު އެއަށް އަމަލުކުރަން ވެސްވަނީ ފަށައިފައެވެ.
މި އިސްލާހާ ގުޅިގެން "ސަން"އިން ސުވާލުކުރުމުން ޓްރައިބިއުނަލްގެ ރައީސް އާމިނަތު ވިދާޅުވީ އެ ބަދަލު ގެނައުމަށް ޓަކައި މީގެ ކުރިން ވެސް މަސައްކަތް ކުރަމުން އައި ކަމަށެވެ.
އެގޮތުން އެ ތަނުން ނިންމަން ޖެހޭ ނިންމުންތައް ނިންމައިފައިވާއިރު ލަސްވީ ގެޒެޓުކުރުންކަމަށް އާމިނަތު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި ކަން ކުރަން މާ ކުރިން ވެސް ނިންމައިގެން ތިބީ. މިއީ މީގެ ކުރީގެ އެއްވެސް މައްސަލައަކާ ގުޅިގެން ކުރި ކަމެއް ނޫން. އެއީ އަދި ވަކި އެހެން ކަމެއް. މި ބަދަލު ގެޒެޓުކުރުން ލަސްވީމާ އެއަށް އަމަލުނުކޮށް ތިބެން ޖެހުނީ،" އާމިނަތު ވިދާޅުވިއެވެ.
މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭ، ވިހެއުމާ ގުޅިގެން ލިބުނު ދެ މަހުގެ ޗުއްޓީ ހަމަވުމާއެކު އެ ޗުއްޓީ އިތުރު ކޮށްދޭން ޝަމްއާ އެދުނު ނަމަވެސް އެ އޮފީހުން އެކަން ކޮށްދީފައެއް ނުވެއެވެ.އެހެންވެ އޭނާ އޮފީހަށް ނިކުންނަން ފެށީ އޭނާގެ ތުއްތު ދަރިފުޅު ގޮވައިގެންނެވެ.
އެ ކަމާ ގުޅިގެން ޓްރައިބިއުނަލުންވަނީ އޮފީސް މާހައުލަށް ދަރިފުޅު ގޮވައިގެން އައުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް ބުނެ މެމޯއެއް ނެރެފައެވެ.
ދެހާސް ނަވާރަވަނަ އަހަރުން ފެށިގެން އަންހެން ސިވިލް ސާވެންޓުންނަށް އަންނަނީ މުސާރަ ހިނގާ ގޮތަށް ހަ މަސް ދުވަހުގެ މެޓާނިޓީ ލީވް ދެމުންނެވެ.
އެހެން އޮތް ނަމަވެސް، ކުންފުނިތަކުގެ ބޯޑާއި މިނިވަން މުއައްސަސާތަކަށް އެ ތަންތަނުގެ މެމްބަރުން ނިންމާ ގޮތަކަށް، އެ ތަނެއްގައި މެޓާނިޓީ ލީވް ދިނުމުގެ ބާރުވަނީ ދޫކޮށްލައިފައެވެ.