"އަޅުގަނޑަށް އެނގޭ އޮފީހަށް ގޮސް ކޮންމެ ގަޑިއިރަކުން ދަރިފުޅަށް ފީޑް ކުރަން ގެޔަށް ގޮސް އަލުން އަނބުރާ އޮފީހަށް ދިޔުމަކީ ވަރަށް އުނދަގޫ ވާނެ ކަމެއް ކަން. އެހެންވެ އިތުރު އެހެން އެއްވެސް ގޮތެއް ނެތިގެން ދަރިފުޅު ގޮވައިގެން އޮފީހަށް ދިޔައީ،"
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރު މަރިޔަމް ޝަމްއާ އިބްރާހިމް އޭނާގެ ހާލަތު ކިޔައިދެއްވަމުން ވިދާޅުވިއެވެ.
ވިހެއުމާ ގުޅިގެން ލިބުނު ދެ މަހުގެ ޗުއްޓީ ހަމަވުމާއެކު އެ ޗުއްޓީ އިތުރު ކޮށްދޭން ޝަމްއާ އެދުނު ނަމަވެސް އޭނާގެ އޮފީހުން އެކަން ކޮށެއް ނުދިނެވެ. އެހެންކަމުން އޭނާ އިއްޔެ އޮފީހަށް ނުކުތީ ދަރިފުޅު ގޮވައިގެންނެވެ.
ޝަމްއާ "ސަން" އަށް ވިދާޅުވިގޮތުގައި ދަރިފުޅު ގޮވައިގެން އޮފީހަށް ނުކުންނަން ޖެހުނީ ހާލަތަށް ބެލުމަށްފަހު އިތުރު ގޮތެއް ނެތުމުންނެވެ.
ވިހެއުމާގުޅިގެން އަންހެނުންނަށް ލިބޭ ހަ މަހުގެ މެޓާނިޓީ ލީވް ދިނުމަކީ ސަރުކާރުގެ ސިޔާސަތެކެވެ. ނަމަވެސް، އެ އުސޫލުގެ ދަށުން މިނިވަން މުއައްސަސާތަކުގެ މެމްބަރުންނަކަށް އެ ފުރުސަތެއް ނުލިބެއެވެ.
އެކަމާ ގުޅިގެން 'ސަން'އާ ވާހަަކަދައްކަވަމުން ޝަމްއާ ވިދާޅުވީ ވިހެއުމާ ގުޅިގެން ދިން ދެ މަހުގެ ޗުއްޓީ ހަމަވާތީ އެ ޗުއްޓީ އިތުރު ކޮށްދިނުމަށް ލަފަޔަކަށް އެދި ރައީސް އޮފީހަށް ވެސް ސިޓީއެއް ފޮނުވި ކަމަށެވެ. ރައީސް އޮފީހުން ދިން ޖަވާބުގައި ބުނެފައިވަނީ އެކަމާ ގުޅިގެން ގޮތެއް ނިންމަން ޖެހޭނީ ޝަމްއާ މަސައްކަތް ކުރާ އޮފީހުން ކަމަށެވެ.
ޝަމްއާ ވިދާޅުވީ ފާއިތުވި ދެ މަހަކީީ ކިތަންމެހާ ވެސް އުފާވެރި ދެމަސް ކަމަށެވެ. ނަމަވެސް ދެ މަހުގެ ތެރޭގައި ތަފާތު އެކިއެކި ގޮންޖެހުންތަކާ ދިމާވެފައިވާ ކަން ވެސް އޭނާ ފާހަގަކުރިއެވެ. އެގޮތުން ދަރިފުޅަށް ރޭގަނޑު ނުނިދުމާއެކު ގިނައިރު ރުއިމުގެ ސަބަބުން އެ ދެމައިންނަށް ވެސް ހަމަނިދި ނުލިބި އެތައް ގޮންޖެހުންތަކަކާ ކުރިމަތިވި ކަމަށް ޝަމްއާ ވިދާޅުވިއެވެ.
ވުމާއެކު ހަ މަހުގެ ޗުއްޓީއެއް ދެވެން ނެތް ނަމަ ހަތަރު މަސް ދުވަހުގެ ޗުއްޓީއެއް ދިނުމަށް އެދި ޝަމްއާ ވަނީ ޓްރައިބިއުނަލްއަށް ސިޓީއެއް ފޮނުވާފައެވެ. ނަމަވެސް އެ ގޮތަށް ޗުއްޓީ ދެވެން ނެތް ކަމަށް އޮފީހުން އޭނާޔަށް އަންގާފައިވާ ކަމަށް ޝަމްއާ ވިދާޅުވިއެވެ.
"އޮފީހުން ބުނީ އެ މުއްދަތަށް ވެސް ޗުއްޓީ ދެވެން ނެތް ކަމަށް. ނަމަވެސް ނޯ ޕޭ (މުސާރަ ނުލިބޭ ގޮތަށް) ޗުއްޓީގައި ހުރެވިދާނެ ކަމަށް އޮފީހުން ބުނި،" ދެ ކުދިންގެ މަންމަ، ޝަމްއާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޗުއްޓީއަށް އެދުނީ ކޮންމެހެން ގޭގައި ހުންނަން ބޭނުންވެގެން ނޫން ކަމަށެވެ. އަދި އެކަމަށް އެދުނީ ދަރިފުޅުގެ ހައްގުގައި ކަމަށާއި ދިމާވެފައިވާ ހާލަތެއްގެ ސަބަބުން ދަރިފުޅަށް ރޭގަނޑުގެ ނިދި ނުލިބޭކަން ވެސް އޭނާ ފާހަގަކުރިއެވެ.
އެންމެ ފަހުން އިތުރު ގޮތެއް ނެތުމުން އިއްޔެ އޮފީހަށް ނުކުތީ ދަރިފުޅު ވެސް ގޮވައިގެން ކަން ހިއްސާ ކުރައްވާ އޭނާ ވިދާޅުވީ އެކަމާ ގުޅިގެން އޮފީހުން މެމޯއެއް ނެރުނު ކަމަށެވެ. ކުޑަކުދިން ނުވަތަ ދަރިން ގޮވައިގެން އޮފީހަށް ނުދެވޭނެ ކަމަށް އެ މެމޯގައި ބުނެފައިވާ ކަމަށް ވެސް ޝަމްއާ ވިދާޅުވިއެވެ.
ޝަމްއާ ވިދާޅުވީ މީގެ ކުރިން ވެސް އެހެން މުއައްޒަފުން އެ މީހުންގެ ދަރިން ގޮވައިގެން އޮފީހަށް ގޮސްފައިވާ ކަމަށެެވެ. ނަމަވެސް އެކަމާ ގުޅިގެން އޮފީހުން މީގެ ކުރިން އެއްޗެއް ބުނެފައި ނުވާ ކަމަށް ޝަމްއާ ވިދާޅުވިއެވެ. އޭނާ ވަނީ އެއީ އޭނާއާ ޒާތީގޮތުން ދިމާ ކޮށްލުމަށް ކޮށްފައިވާ ކަމެއް ކަމަށް ވެސް ތުހުމަތު ކޮށްފައެވެ.
ވަޒީފާގެ މައްސަލަތައް ބަލާ ޓްރައިބިއުނަލްގައި ތިއްބަވަނީ ހަތް މެމްބަރުންނެވެ. އޭގެން ފަސް މެމްބަރުންނަކީ އަންހެނުންނެވެ. އެތަނުގެ ރައީސް އަކީ ވެސް އަންހެން ބޭފުޅެކެވެ.