ކޮތަޅު މައްސަލަ ހައްލުނުކޮށް، މާދަމާ މަޖިލިސް ޗުއްޓީއަށް ދަނީ

ރައްޔިތުންގެ މަޖިލީހުގައި ޖަލްސާއެއް ކުރިއަށް ދަނީ -- ފޮޓޯ/ މަޖިލީސް

ކުނި މެނޭޖު ކުރުމުގެ ގާނޫނުގެ ދަށުން ކޮންމެ ކޮތަޅަކުން ދެ ރުފިޔާ ނަގަން ފެށުމާއެކު ކޮތަޅު ބޮނޑިތަކުގެ އަގު ބޮޑުވެފައިވާ މައްސަލަ ހައްލު ކުރުމަށް ސަރުކާރުގެ ފަރާތުން އެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތް ނުނިމި އޮތްކަމުގައި ވީ ނަމަވެސް މިއަހަރުގެ ފުރަތަމަ ދައުރު ނިންމާލުމަށް ފަހު މަޖިލީސް ޗުއްޓީއަށް ދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ފާއިތުވި ޑިސެމްބަރު މަހު ފާސްކުރި ކުނި މެނޭޖުކުރުމުގެ ގާނޫނުގައިވާ ގޮތުން ކޮތަޅު ބޮނޑި ހޯލްސޭލް ރޭޓުގައި ގަތަސް، އެ ބޮނޑީގެ އަގުގެ އިތުރުން ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ ފީ ދައްކަން ޖެހެއެވެ.

އެކަމާ ގުޅިގެން އާންމުންގެ ޝަކުވާ ބޮޑުވުމާ ގުޅިގެން ކޮތަޅުން ފީނެގުމުގައި ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ސަރުކާރުގެ ފަރާތުން ކުނި މެނޭޖު ކުރުމުގެ ގާނޫނަށް ވަނީ އިސްލާހެއް ހުށަހަޅާފައެވެ.

އެ އިސްލާހު މަޖިލީހަށް ހުށަހަޅުއްވައި އެ ބިލްގެ ބަހުސް ފެށީ މިދިޔަ މަހުގެ ހޯމަ ދުވަހުއެވެ. މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ތަޅުމުގައި ބިލަށް ބަހުސްކޮށް ނިމުމުން ކަމާ ގުޅޭ ކޮމިޓީއަށް ބިލް ދިރާސާ ކުރަން ފޮނުވަން ޖެހެއެވެ. އެއަށްފަހު ބިލް އަނބުރާ ތަޅުމަށް ފޮނުވުމުން ކޮމިޓީ ރިޕޯޓަށް ބަހުސް ކުރުމަށް ފަހު، މެމްބަރުން އެ ބިލާ މެދުގައި ގޮތެއް ނިންމަން ޖެހެއެވެ.

މި ބިލަށް ބަހުސް ކުރުމަށް މިއަދުގެ މަސައްކަތްތަކުގެ ތެރޭގައި އެޖެންޑާ ކޮށްފައި ވަނީ ވަރަށް ފަހަތުގައެވެ. މި ބިލަށް ޚާއްސަ ސަމާލު ކަމެއް ދީގެން ރިޔާސަތުން މަސައްކަތް ކުރައްވާ ތަނެއް ނުފެނެއެވެ. ކޮތަޅުގެ މައްސަލައާ ގުޅޭގޮތުން މީގެ ކުރިން ރައީސް ނަޝީދު ވިދާޅުވެފައިވަނީ ކޮންމެ ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާ ނެގުމަކީ މައްސަލައެއް ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށެވެ.

ސަރުކާރުގެ ފަރާތުން އިންޑަސްޓްރިއަލް ރިލޭޝަންގެ ބިލް ހުށަހެޅުއްވުމަށް ލިބިވަޑައިގެންނެވި ފުރުސަތުގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވަނީ ކުނި މެނޭޖުކުރުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތް ނިމެންދެން މަޖިލީހުގެ މި ދައުރު ދިގު ދަންމާލަން އެދިވަޑައިގެންފައެވެ.

މިހާރު ބަހުސް ކުރެވެމުންދާ ކުނި މެނޭޖު ކުރުމުގެ ބިލަށް ހުށަހެޅިފައިވާ އިސްލާހުގެ މަސައްކަތް ނިމެންދެން މަޖިލިސް ޗުއްޓީއަށް ނުގޮސް ކުރިއަށް ގެންދިޔުމަށް އަޅުގަނޑު ހުށަހަޅަން. މެމްބަރު އިބްރާހީމް ޝަރީފް

މީގެކުރިން އެކި ފަހަރު މަޖިލީހުގެ ދައުރު ދިގު ދަންމާފައި އެބަހުއްޓެވެ. އެގޮތުން، މަޖިލިހުގެ ރިޔާސަތުން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި ތަޅުމަށް ހުށަހަޅައިގެން މެމްބަރުންގެ މެދުގައި ވޯޓަށް އަހައި ފާސްކޮށްގެން އެކަން ކޮށްފައިވެއެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން ވެސް މަޖިލިސް ޗުއްޓީއަށް ދާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. މެމްބަރު އެހެން ވިދާޅުވުމުން ރައީސް ނަޝީދު ވަނީ ޝަރީފްގެ ވާހަކަ ހުއްޓުވައި މަޖިލިސް ޗުއްޓީއަށް ދާނެ ވާހަކަ ތަކުރާރު ކުރައްވާފައެވެ.

އިއްޒަތްތެރި މެމްބަރަށް ސާފުކޮށް އަރުވަން ޖެހޭ، އިއްޒަތްތެރި މެމްބަރަށް ހުށަހެޅެން ނެތް ކަމެއް ތިޔަ ހުށަހެޅުއްވީ. އެހެންވީމަ އެކަން ސާފުކޮށްލަ ދިނީ. އިރާދަ ކުރެއްވިއްޔާ މާދަން މި މަޖިލިސް ޗުއްޓީއަށް ދާނެ. ރައީސް މުހައްމަދު ނަޝީދު

ޕްލާސްޓިކް ކޮތަޅުން ފީއެއް ނަގަން ސަރުކާރުން ނިންމީ އެއީ އާންމު ދިރިއުޅުމުގެ ތެރޭގައި އުފެދޭ ޕްލާސްޓިކް ކުނި މަދުކުރުމަށް ދުނިޔޭގެ ގައުމުތަކުގައި އެންމެ ކާމިޔާބުކަމާއެކީ އަމަލުކުރާ އެއް ސިޔާސަތު ކަމަށްވެފައި، އެ ސިޔާސަތު ތަންފީޒުކޮށްފިނަމަ ރާއްޖޭގެ ޕްލާސްޓިކް ކުނީގެ މައްސަލައަށް ވެސް ހައްލެއް ލިބޭނެކަމަށް ދެކޭތީއެވެ.

comment ކޮމެންޓް