ގާނޫނު އޮތްގޮތުން ކޮތަޅެއްގެ އަގު އަށް ރުފިޔާއަށް އަރާނެކަން މީރާއިން އެންގި

މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީން މީރާގެ ބޭފުޅުންނާ ބައްދަލުކުރެއްވުން--- ފޮޓޯ/ މަޖިލިސް

ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ބިލު އޮތްގޮތުން ކޮތަޅެއްގެ އަގު ހަ ރުފިޔާއަށް ނުވަތަ އަށް ރުފިޔާއަށް އަރާނެ ކަމުގެ މައުލޫމާތު އެންވަޔަރަމަންޓް މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީއަށް އެންގި ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ބުނެފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީގެ ބައްދަލުވުމުގައި ޕްލާސްޓިކް ކޮތަޅުން ފީ ނެގުމާގުޅޭގޮތުން މީރާގެ ބޭފުޅުންނާ އެ ކޮމެޓީން ވަނީ ބައްދަލުކޮށްފައެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މީރާގެ ޑިރެކްޓާ ޖެނެރަލް، ޓެކްނިކަލް އެންޑް ފެސިލިޓޭޝަން މުޙައްމަދު ޢަލީ ވަޙީދު ވިދާޅުވީ ކުނި މެނޭޖް ކުރުމުގެ ގާނޫނުގެ ބިލު ކޮމެޓީން ދިރާސާ ކުރިއިރު، އެ ކޮމެޓީއަށް އައުމުގެ ފުރުސަތު މީރާއަށް ލިބިފައި ނުވާ ކަމަށެވެ.

"ބިލު ދިރާސާ ކުރިއިރު ފުރުސަތެއް ނުލިބޭ ކޮމެޓީއަށް އަންނާކަށް. ވަރަށް ގިނަ މުއައްސަސާތަކާއި ވަރަށް ގިނަ ފަރާތްތަކާ ކޮމެޓީން ބައްދަލުކުރި. މީގެ އެންމެ ކީ އެއް ސްޓޭކް ހޯލްޑާ މީރާ އަކީ،" ޢަލީ ވަޙީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބިލު ފެނުނު ހިސާބުން ކޮތަޅުގެ އަގު ބޮޑުވާނެކަން ފިނޭންސް މިނިސްޓްރީއާއި އެންވަޔަރަމަންޓް މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ. އެގޮތުން ކޮންމެ ސްޓޭޖެއްގައި ވިޔަފާރިވެރިން ކޮތަޅަކަށް ދެ ރުފިޔާ ދައްކާނަމަ، އާންމު ރައްޔިތު މީހާއާ ހިސާބަށް އަންނައިރު ކޮތަޅެއްގެ އަގު ހަ ރުފިޔާ ނުވަތަ އަށް ރުފިޔާއަށް ބޮޑުވާނެކަން އަންގާފައިވާ ކަމަށެވެ.

"ޕްރެކްޓިކަލީ މީތި މިހެން ވެގެންދާނެކަން އަޅުގަނޑުމެން އެންގިން،" އޭނާ ވިދާޅުވިއެވެ.

ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފެށުމާއެކު ކޮތަޅުބޮނޑީގެ އަގު އުފުލިފައި ވުމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެކަމާ ގުޅިގެން އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ކޮތަޅުބޮނޑި އަގުބޮޑުވީ ކުނި މެނޭޖުކުރުމުގެ ގާނޫނުގައި ވާގޮތުން ކޮތަޅު ބޮނޑި ހޯލްސޭލް ރޭޓުގައި ގަތަސް، އެ ބޮނޑީގެ އަގުގެ އިތުރުން ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ ފީ ދައްކަން ޖެހޭތީ ކަމަށެވެ. އާންމު ގޮތެއްގައި ބޮނޑި ޕެކްކޮށްފައި ހުންނަނީ 100 ކޮތަޅުން ކަމަށް ވެފައި ކޮންމެ ކޮތަޅަކުން ދެ ރުފިޔާގެ ރޭޓުން ޖުމުލަ 200 ރުފިޔާ ފީގެ ގޮތުގައި ދައްކަން ޖެހޭ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން އިތުރަށް ބުނެފައިވަނީ ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ބިލު ސަރުކާރުން މަޖިލީހަށް ހުށަހެޅިއިރު ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުގައި އިސްތިސްނާ ވާ ހާލަތްތަކުގެ ތެރޭގައި 50އަށްވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅުބޮނޑި ހިމަނާފައިވާނެ ކަމަށެވެ. ނަމަވެސް، ބިލު މަޖިލީހުން ފާސްވެގެން އައި އިރު އެ މާއްދާ އުނިކޮށްފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވެއެވެ.

"މި މާއްދާ އުނިކުރެވިފައި ވިޔަސް، އެ ބިލަކީ ކުނީގެ އަސާސީ ޚިދުމަތް ދިނުމަށް މުހިންމު ބިލަކަށްވާތީވެ، ސަރުކާރުން ނިންމީ ތަސްދީގުނުކޮށް ފޮނުވާލުމުގެ ބަދަލުގައި އެހެން މައްސަލަތަކަށް ހައްލު ހޯދައި ދިނުމަށް ހުށަހަޅަން ޖެހޭ އިސްލާހުތައް ވަކިން ހުށަހެޅުމެވެ،" ބަޔާނުގައި ވެއެވެ.

ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުން އިސްތިސްނާ ވާ ހާލަތްތަކުގެ ތެރޭގައި 50އަށް ވުރެ ގިނަ ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑިތައް ހިމެނުމަށް ގާނޫނަށް މިހާރު ވަނީ އިސްލާހެއް ހުށަހަޅާފައެވެ.

comment ކޮމެންޓް