މިންގަނޑަށް ފެތޭނަމަ އާބަންކޯއިން މުވައްޒަފުންނަށް ފްލެޓް ދިނުމަކީ މައްސަލައެއް ނޫން: އަސްލަމް

މިނިސްޓަރު މުހައްމަދު އަސްލަމް / ފޮޓޯ: މަޖިލިސް

ސޯޝަލް ހައުސިން ޔުނިޓުތަކުން ފްލެޓު ދިނުމުގައި ޕްލޭނިން މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭނަމަ ކުންފުންޏަކުން ޚަރަދުކޮށްގެން އަޅާ އިމާރާތަކުން އެ ކުންފުނީގެ މުވައްޒަފަކަށް ފްލެޓު ދިނުމަކީ މައްސަލައެއް ނޫން ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި އާންމު ބައެއް ކުންފުނިތަކުން އަޅަމުންދާ ފްލެޓުތަކެއް އާބަންކޯގެ ވެރިންނަށް ބަހާފައިވާ ކަމަށް ބުނެ މި ފަހުން ސޯޝަލް މީޑިއާގައި ލިސްޓެއް ވަނީ ދައުރުވެފައެވެ. ހުޅުމާލޭގައި އަމިއްލަ ފަރާތްތަކުން އިމާރާތް ކުރަމުންދާ މިކްސްޑް ރެޒިޑެންޝަލް ޕްރޮޖެކްޓްތަކުން 34 ފްލެޓު ހާއްސަކޮށްފައި ވަނީ ކުންފުނީގެ އިސް މަގާމުތަކުގައި ތިއްބެވި 34 ބޭފުޅަކަށް ކަމަށް އެ ޕޯސްޓުގައި ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެކަމާ ގުޅޭގޮތުން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑެ) މިނިސްޓަރު އަސްލަމްއާ ސުވާލު ކުރެއްވުމުން އޭނާ ވިދާޅުވީ، ސޯޝަލް ހައުސިން ޔުނިޓުތަކުން ފްލެޓު ދިނުމުގައި މާކްސް ލިބޭނެ ގޮތުގެ މިންގަނޑު ކަނޑައަޅައި އެ ލިސްޓު ސަރުކާރުގެ އިއުލާންތަކުގައި ހިމަނަމުންދާ ކަމަށެވެ.

އަދި އެ މިންގަނޑާ އެއްގޮތަށް އަމަލު ކުރުމަށް އާބަންކޯއަށްވެސް އަންގާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެޗްޑީސީ (އާބަންކޯ) އަށްވެސް އަޅުގަނޑުމެން ވާނެ އަންގާފަ އޭގަ ހުރި އުސޫލުންނޭ ފްލެޓުތައް ދޭން ޖެހޭނީ. އަދި ކުންފުނިތަކުން އިމާރާތް ކުރާ އެކުންފުނީގެ މުވައްޒަފުންނަށް ކަމުގައި ވިޔަސް އެ ކްރައިޓީރިއާ ތަކަށް ފެތެން ޖެހޭނެ. އަޅުގަނޑު މައްސަލައެއް ނެތް ކުންފުންޏެއްގެ ޚަރަދުގައި އަޅާ އިމާރާތެއްގައި އެކުންފުނީގެ މުވައްޒަފުންނަށް ބައެއް ޚާއްސަ ކުރުމަކުން. އެހެންނަމަވެސް އެ ކްރައިޓީރިއާއަށް ފެތެން ޖެހޭނެ. މިނިސްޓަރު މުހައްމަދު އަސްލަމް

މިނިސްޓަރު ވިދާޅުވީ ސޯޝަލް ހައުސިން ލިބެން ޖެހޭނީ ސޯޝަލް ކެޓެގަރީއަށް ފެތޭ މީހަކަށް ކަމަށާއި، އަދި ފްލެޓެއް ހުރި މީހަކަށްވެސް ފްލެޓެއް ލިބިގެން ނުވާނެ ކަމަށެވެ. ކުންފުންޏަކުން އެއާ ޚިލާފަށް ކަމެއް ކުރިކަން މިނިސްޓްރީއަށް އެނގުމުން އެކަމެއް ހިނގާ ދިޔަ ގޮތް ބަލާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އެކަހަލަ ކަމެއް ކުރީމަ، އަޅުގަނޑު މެންނަށް އިނގުނީމަ އެކަމާ ގުޅިގެން ސުވާލު ވެސް ކުރާނަން، އަދި ބަލަން ޖެހޭ ބެލުމެއް ވެސް ބަލާނަން." މިނިސްޓަރު ވިދާޅުވިއެވެ.

އެފަދަ މައްސަލައެއް ފެންމަތި ވެގެން އުޅޭކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، ކަނޑައަޅާފައި އޮންނަ އުސޫލުން މުވައްޒަފުންނަށް ފްލެޓު ދިނުމަކީ މައްސަލައެއް ނޫން ކަމަށް މިނިސްޓްރީން އެންމެ ފުރަތަމަ ވެސް އެ ކުންފުންޏަށް އަންގާފައި ވާނެ ކަމަށެވެ.

މިނިސްޓަރު އެ ސުވާލަށް ޖަވާބު ދެއްވުމުން ރައީސް މުހައްމަދު ނަޝީދު ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި އެ މައްސަލަ ބައްލަވައި ދެއްވުމަށް ވަޒީރުގެ އަރިހުން އެދިވަޑައިގަންނަވާފައެވެ.

އެކަމާ ގުޅިގެން އެ ވާހަކަތައް ދޮގުކޮށް އާބަންކޯއިން ބުނީ ހުޅުމާލޭގައި ހިންގާ މަޝްރޫއުތައް ބައްޓަން ކޮށްފައި ވަނީ ވީހާވެސް ހާމަކަން ބޮޑުކޮށް ކުރިއަށްގެންދާ ގޮތަށް ކަމަށާއި އެ ކުންފުނީގެ އިންޓާނަލް އޮޑިޓުން އެފަދަ މަސައްކަތްތައް ގަވައިދުން ބަލަމުންދާ ކަމަށެވެ.

comment ކޮމެންޓް