އީޕީއޭ މިނިވަންކުރުން ރާއްޖެ ފަދަ ގައުމަކަށް އެކަށީގެން ނުވޭ: ޝައުނާ

އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ / ފޮޓޯ: މަޖިލިސް

ވެރިކަން ހިންގާ ފަރާތުގެ ބާރު ނުހިނގާ ގޮތަށް މުޅީން މިނިވަން މުސްތަގިއްލު އިދާރާއެއްގެ ގޮތުގައި، އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ހިންގުމަކީ ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ގައުމަކަށް އެކަށީގެންވާ ނިޒާމެއް ނޫން ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

އީޕީއޭ މިނިވަންކުރުމަށް ސަރުކާރުން ވައުދުވެފައިވާ ކަމަށާއި އެ ވައުދު ނުފުއްދި ދިގުދެމިގެން ދަނީ ކީއްވެތޯ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) މަޖިލީހުގައި މިއަދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އީޕީއޭ ބާރުވެރިކޮށް މިނިވަންކަމާއެކު ހިންގުމަށް އެންމެ މުހިންމު އެއް ކަމަކީ އެތަނަށް ބޭނުންވެފައިވާ ވަސީލަތްތަކާއި އެތަނަށް ބޭނުންވެފައިވާ ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

އެގޮތުން މިނިސްޓަރު ވިދާޅުވީ އަދުގެ ސަރުކާރު އައި އިރު އެވްރެޖް ގޮތެއްގައި އީޕީއޭއަށް ލިބެމުން އައީ 9.7 މިލިއަން ރުފިޔާގެ ބަޖެޓެއް ނަމަވެސް، އެ އަދަދު 15.3 މިލިއަނަށް އިތުރުކޮށްދީފައިވާ ކަމަށެވެ.

ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގެ ތެރެއިން އެމެރިކާ އާއި އިނގިރޭސިވިލާތާއި ސިންގަޕޫރުގެ މިސާލު ނަންގަވައި ޝައުނާ ވިދާޅުވީ އެ ގައުމުތަކުގައި ވެސް ތިމާވެށީގެ ކަންކަން ރެގިއުލޭޓް ކުރުމުގެ މަސްއޫލިއްޔަތު އެގްޒެކެޓިވް ބާރާ ވަކި ކޮށްފައި ނުވާ ކަމަށެވެ.

ތަރައްގީއަށް ހިންގޭ ކޮންމެ މަޝްރޫއަކުން ވެއްޓަށް އެދެވޭ ނުވަތަ ނޭދެވޭ ބަދަލުތައް އާދޭ. މިކަން ރާއްޖެ ފަދަ ޖަޒީރާ ވަންތަ ގައުމަކަށް ވަކިން ބޮޑު. ވެރިކަން ނުހިނގާ ފަރާތުގެ ބާރު ނުހިނގާ ގޮތަށް މުޅީން މިނިވަން މުސްތަގިއްލު ކޮމިޝަނަކުން ތިމާވެށީގެ ކަންކަން ރެގިއުލޭޓް ކުރުމަކީ ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ގައުމަކަށް އެންމެ އެކަށީގެންވާ ނިޒާމު ނޫން ކަން ގަބޫލު ކުރަން ޖެހޭ. މިނިސްޓަރު އައިމިނަތު ޝައުނާ

މެމްބަރު ކުރެއްވި ސުވާލަށް ސީދާ ޖަވާބެއް ދެއްވާފައި ނުވާތީ ބައެއް މެމްބަރުންނާއި މަޖިލީހުގެ ރިޔާސަތުން ވަނީ ސާފު ޖަވާބެއް ދެއްވުމަށް މިނިސްޓަރުގެ އަރިހުން އެދިވަޑައިގެންފައެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން ޝައުނާ އިތުރު ޖަވާބެއް ދެއްވާފައި ނުވެއެވެ.

ދެހާސް ނުވަ ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އީޕީއޭ އުފައްދާފައިވަނީ ތިމާވެށީގެ ކަންކަން އެއިރެއްގައި ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މިނިސްޓްރީއާ ގުޅިފައިވާ އަމިއްލަ ހައިސިއްޔަތު ލިބިފައިވާ ގަވަނިން ބޯޑެއްގެ ދަށުންނެވެ.

އީޕީއޭ ބާރުވެރި ކުރުވުމުގެ އަޑު އެންމެ ގަދަވެގެން އައީ ފަތުރުވެރިކަމުގެ ސިޔާސަތުގައި ހިންގޭ މަޝްރޫއުތަކުގައި ހެދޭ އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް ރިޕޯޓް (އީއައިއޭ) ހެދުމާއި ޕާސް ކުރުމުގެ އެންމެހާ ކަންކަން 2015 ވަނަ އަހަރު އީޕީއޭގެ މަސްއޫލިއްޔަތު ތަކުގެ ތެރެއިން އުނިކޮށް ޓޫރިޒަމް މިނިސްޓްރީގެ ދަށަށް އޭރުގެ ސަރުކާރުން ބަދަލު ކުރިހިސާބުންނެވެ.

އީޕީއޭ މިނިވަން މުއައްސަސާއަކަށް ހެދުމަކީ މިސަރުކާރުގެ ރިޔާސީ ވައުދެކެވެ.

comment ކޮމެންޓް