އެފްކޮންސްގެ ޖޫރިމަނާ މައާފުކުރާކަށް ސަރުކާރުން ނުވިސްނާ: ޝައުނާ

ތިލަމާލެ ބުރިޖުގެ މަސައްކަތުގައި ބޭނުންކުރި ޕްލެޓްފޯމެއް ވިލިމާލޭ އިރުދެކުނު ފަރަށް އަރާފައި --- ސަންފޮޓޯ/ ނާއިލް ހުސައިން

އެފްކޮންސްއިން ތިލަމާލެ ބްރިޖު އެޅުމުގެ މަސައްކަތުގައި ބޭނުންކުރި ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އެރި މައްސަލައިގައި އެ ކުންފުނި 69 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް ފައިވާއިރު އެ ޖޫރިމަނާ މައާފުކުރުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށް, އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، މިނިސްޓަރާ ސުވާލު ކުރުމުގެ ވަގުތުގައި މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދު ވަނީ އެފްކޮންސްއިން ޖޫރިމަނާ ކޮށްފައިވާއި މިހާތަނަށް ވެސް ފައިސާ ދައްކާފައިނުވާތީ އެކަމާ ގުޅިގެން ސުވާލު ކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ އީޕީއޭއިން އެ ކުންފުނި ޖޫރިމަނާކުރަން ނިންމި ނިންމުން އިސްތިއުނާފު ކޮށްފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ލީގަލް ރިވިއުއެއް ކުރެވިފައިވާ ކަމަށާއި އިތުރު ރިވިއުއެއް ހެދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ޝައުނާ ވިދާޅުވިއެވެ.

"އެފްކޮންސް އިން ވަނީ އެ މައްސަލަ މިނިސްޓަރަށް އެޕީލް ކޮށްފަ. އެއަށްފަހު ލީގަލް ރިވިއުއެއް ހަދާ ނިމިއްޖެ. ލީގަލް ރިވިއު އިން އަޅުގަނޑަށް ލަފާދީފައިވަނީ އިންޑިޕެންޑެންޓް ޓެކްނިކަލް ރިވިއުއެއް ހެދުމަށް. އެ މަރުހަލާގައި މައްސަލަ މިހާރު ވަނީ،" ޝައުނާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ މި ޖޫރިމަނާ މައާފުކުރުމުގެ އެއްވެސް ވިސްނުމެއް މި ސަރުކާރުގެ ނެތް ކަމަށެވެ. އޭގެއިތުރުން ޝައުނާ ވިދާޅުވީ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި 40 މައްސަލައެއްގައި 600 މިލިއަނަށް ވުރެ ގިނަ ރުފިޔާއިން އެކި ފަރާތްތައް ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތިންބައިކުޅަ އެއްބައި ފައިސާ މިހާރު ސަރުކާރަށް ލިބިފައިވާ ކަމަށް ޝައުނާ ވިދާޅުވިއެވެ.

"މިއީ ދިވެހި ސަރުކާރުގެ ތާރީޚުގައި ވެސް ޖޫރިމަނާ ކޮށްގެން ސަރުކާރަށް ހޯދުނު އެންމެ ގިނަ ފައިސާކަން އަޅުގަނޑު ޔަގީންކަމާ އެކު ދަންނަވަން،" ޝައުނާ ވިދާޅުވިއެވެ.

އެފްކޮންސްއިން ތިލަމާލެ ބްރިޖު އެޅުމުގެ މަސައްކަތުގައި ބޭނުންކުރި ޕްލެޓްފޯމް ފަރަށް އެރީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 16ވަނަ ދުވަހެވެ. އެ ޕްލެޓުފޯމް ނެގުނީ 12 ދުވަސް ފަހުންނެވެ.

އޭގެ ފަހުން މިދިޔަ އޮކްޓޯބަރު މަހުގެ 14އިން 22އަށް އެފްކޮންސްއިން އަމިއްލަ ސާވޭއެއްކުރި އިރު އެ ސާވޭގައި އީޕީއޭގެ އޮބްޒާވަރުން ބައިވެރިވެފައިވެއެވެ. އީޕީއޭގެ އެސެސްމެންޓް ރިޕޯޓުންނާއި، އެފްކޮންސްގެ ރިޕޯޓަށް ބެލުމަށްފަހު ޕްލެޓްފޯމްގެ ބައިތަކުންނާއި އެތަކެތި ނެގުމަށް ކުރި މަސައްކަތުން އެ ސަރަހައްދުގެ ފަރުގެ އެކި ދިމާދިމާލުން 2755 އަކަމީޓަރުގެ ސަރަހައްދަކަށް ގެއްލުން ލިބިފައިވާކަމަށް އީޕީއޭއިން ވަނީ ކަނޑައަޅައިފައެވެ.

އެއާއެކު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެފްކޯންސްއިން 69 މިލިއަން ރުފިޔާގެ ޖޫރިމަނާއެއް ދައްކަން އީޕީއޭއިން އެންގިއެވެ.

comment ކޮމެންޓް