ކޮތަޅުން ފީ ނެގުމާމެދު ހޭލުންތެރި ކުރުވުމަށް 79 ރަށުގައި ޕްރޮގްރާމްތައް ހިންގިން: ޝައުނާ

މިނިސްޓާ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ--- ފޮޓޯ/ މަޖިލިސް

ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ދަށުން ވިޔަފާރި ކުރާ ފަރާތްތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކުން ފީ ނަގަން ފެށުމުގެ ކުރިން އެކަމަށް މީހުން ހޭލުންތެރި ކުރުވުމަށް 79 ރަށުގައި އެކި ޕްރޮގްރާމްތައް ހިންގާފައިވާ ކަމަށް، އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު ޝައުނާ މަޖިލީހަށް ހާޒިރު ކޮށްފައިވާއިރު ސުވާލު ކުރުމުގެ ވަގުތުގައި މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާއީ ވަނީ ކޮތަޅުން ފީ ނަގަން ފެށުމުގެ ކުރިން އެކަމާ ގުޅިގެން މީހުން އަހުލުވެރި ކުރުވުމަށް މިނިސްޓްރީން ކުރި މަސައްކަތްތަކާ ގުޅޭގޮތުން ސުވާލު ކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ޝައުނާ ވިދާޅުވީ ކުނި މެނޭޖް ކުރުމުގެ ގާނޫނުގައި ކޮތަޅުން ފީ ނަގަން އޮތުމާއެކު އެކަމަށް ޚާއްސަ ސަމާލުކަމެއް ދީގެން މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން އެ މިނިސްޓްރީއާއި، މީރާ އަދި ވެމްކޯ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ޕްރޮގްރާމް ތަކެއް ހިންގާފައިވާ ކަމަށް ވިދާޅުވިއެވެ.

ވަކިން ޚާއްސަކޮށް، މާލެ ސަރަހައްދަށް ޚާއްސަކޮށް ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަމަށް ޝައުނާ ވިދާޅުވިއެވެ. އެގޮތުން ހުޅުމާލެއާއި މާލޭގައި ވެސް ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމް ހިންގާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މާލޭގެ 250 ގެއަށް ގޮސް، މައުލޫމާތު ފޯރުކޮށްދީފައިވާނެ ކަމަށް ޝައުނާ ވިދާޅުވިއެވެ.

"މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ވެސް ބޭއްވުނު. އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތައް ހިންގިފައިވޭ،" ޝައުނާ ވިދާޅުވިއެވެ.

މުޅި ރާއްޖެއަށް ބަލާއިރު 79 ރަށުގައި، މީހުން ހޭލުންތެރި ކުރުވުމުގެ އެކިއެކި ޕްރޮގްރާމް ހިންގިފައިވާ ކަމަށް ޝައުނާ ވިދާޅުވިއެވެ. އެގޮތުން ނ.، ރ.، ބ.، އަދި ޅ. އަތޮޅުގެ 40 ރަށެއްގައި އެފަދަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭގެ އިތުރުން ކ.، އއ.، އދ.، އަދި ވ. އަތޮޅުގެ 32 ރަށާއި މ.، ފ.، ދ.، ތ.، އަދި ލ. އަތޮޅުގެ ހަ ރަށެއްގައި އެފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔަ ކަމަށް ޝައުނާ ވިދާޅުވިއެވެ.

ޝައުނާ ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކާއެކު، އެއްބަސްވުމެއްގެ ދަށުން، ދޮރުން ދޮރަށް ހިނގާ، މީހުން ހޭލުންތެރި ކުރުވުމުގެ މަސައްކަތްތައް ވެސް ކޮށްފައިވާ ކަމަށެވެ. ހަމައެހެންމެ، ނޫސް ބަޔާންތައް ނެރުމާއި ޓީވީ ޕްރޮގްރާމްތަކާއި، ރޭޑިއޯ ޕްރޮގްރާމްތައް މެދުވެރިކޮށް ވެސް މައުލޫމާތު ފޯރުކޮށްދީފައިވާނެ ކަމަށް ޝައުނާ ވިދާޅުވިއެވެ.

ޕްލާސްޓިކް ކޮތަޅުން ފީއެއް ނަގަން ސަރުކާރުން ނިންމީ އެއީ އާންމު ދިރިއުޅުމުގެ ތެރޭގައި އުފެދޭ ޕްލާސްޓިކް ކުނި މަދުކުރުމަށް ދުނިޔޭގެ ގައުމުތަކުގައި އެންމެ ކާމިޔާބުކަމާއެކީ އަމަލުކުރާ އެއް ސިޔާސަތު ކަމަށްވެފައި، އެ ސިޔާސަތު ތަންފީޒުކޮށްފިނަމަ ރާއްޖޭގެ ޕްލާސްޓިކް ކުނީގެ މައްސަލައަށް ވެސް ހައްލެއް ލިބޭނެކަމަށް ދެކޭތީއެވެ.

comment ކޮމެންޓް