މަޖިލިސް ރަނގަޅަށް ނުފެށި އުޅެނިކޮށް އަޑުގަދަ ކުރާތީ ޖާބިރު ތަޅުމުން ބޭރުކޮށްފި

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު -- ފޮޓޯ / މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމުގެ ގޮތުން ރިޔާސަތުން ޖަލްސާގެ އެޖެންޑާ އިއުލާން ނުކުރެވި އުޅެނިކޮށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ތަޅުމުން ބޭރުކޮށްފިއެވެ.

މަޖިލީހުގެ މިއަދު ޖަލްސާ ފެށި އިރު ވެސް ޖާބިރު ހުންނެވީ މަޖިލީހުގެ އިދާރީ މެޒުގެ ކުރިމަތީގައެވެ.

ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖަލްސާގެ އެޖެންޑާ އިއުލާން ކުރައްވަން ފެއްޓެވުމާއެކު ޖާބިރު ވަނީ އަޑުގަދަ ކުރައްވަން ފަށްޓަވާފައެވެ.

އެއާއެކު ޖާބިރު ވަނީ ރައީސް ނަޝީދާ މެދު ނުރުހުން ފާޅުކުރައްވައި އަޑުގަދަ ކުރައްވާފައެވެ. އަދި ރައީސް ނަޝީދުގެ އިސްތިއުފާއަށްވެސް ގޮވާލާފައިވެއެވެ. އެއާއެކު ރައީސް ނަޝީދު ވަނީ މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

ތަކުރާރުކޮށް ވިދާޅުވުމުން ވެސް ޖާބިރު ވަނީ ޖަލްސާ ކުރިއަށް ގެންދިޔުމަށް ހުރަސް އަޅުއްވާފައެވެ. އެއާއެކު ރައީސް ނަޝީދު މެމްބަރުގެ ނަން އިއްވައި ތަޅުން ދޫކުރައްވައި ވަޑައިގަތުމަށް އެންގެވިއެވެ. ނަމަވެސް ޖާބިރު ވަނީ މަޖިލީހުގެ ތަޅުންގަނޑުގައި އިށީންނަވައި ނުކުންނެވުމަށް ދެކޮޅު ހައްދަވާފައެވެ.

އެއާއެކު މަޖިލީހުގެ ސެކިއުރިޓީން ވަނީ ޖާބިރު ތަޅުމުން ބޭރަށް ނެރެފައެވެ.

މިމަހުގެ 12 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ވެސް ރައީސް މުހައްމަދު ނަޝީދުގެ އިސްތިއުފާއަށް ގޮވާލައި އަޑުގަދަ ކުރުމުން އެދުވަހުވެސް މެމްބަރު ވަނީ ތަޅުމުން ބޭރުކޮށްފައެވެ.

comment ކޮމެންޓް