ދުނިޔޭގައި އުފެނުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އާޖެންޓީނާ ތަރި ލިއޮނެލް މެސީ އާއި ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، ސްޕެނިޝް ލަލީގާއަށް އެނބުރި އައުމަކީ ވަރަށް ރަނގަޅު ކަމަކަށް ވެގެންދާނެ ކަމަށް އެތުލެޓިކޯ މެޑްރިޑްގެ ރައީސް އެންރީކޭ ސެރެޒޯ ވިދާޅުވެއްޖެއެވެ.
ހަތް ފަހަރު ބެެލޮންޑިއޯ ހޯދި މެސީ، އަންނަ ސީޒަނުގައި ސްޕެއިނަށް އެނބުރި ދިއުމަކީ އެކަށީގެންވާ ކަމެކެވެ. ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އާއެކު މެސީ ހަދާފައިވާ ކޮންޓްރެކްޓް ހަމަވާން ކައިރިވެފައިވާ އިރު، އޭނާ އެނބުރި ބާސެލޯނާއަށް ދިއުމުގެ ވާހަކަތަކެއް ވަނީ ދެކެވެން ފަށައިފައެވެ.
މެސީ އެނބުރި ބާސާއަށް ދިއުމުގެ ފުރުސަތު އޮތް ނަމަވެސް، އޭނާގެ ވާދަވެރިޔާ ރޮނާލްޑޯ, ސްޕެއިނަށް އެނބުރި ދިއުން ގާތެއް ނޫނެވެ. ރެއާލް މެޑްރިޑާއެކު ގިނަ ކާމިޔާބީތަކެއް ހޯދި ރޮނާލްޑޯ، ސައުދީ އަރަބިއްޔާގެ އަލް ނަސްރާއެކު ހަދާފައިވާ ކޮންޓްރެކްޓް އޮތް ގޮތުން އޭނާއަށް އެހެން ކްލަބަކަށް ދިއުމަށް އުނދަގޫތަކެއް ކުރިމަތިވާނެއެވެ. ބާސާ އާއި ރެއާލްގެ ވާދަވެރި އެތުލެޓިކޯގެ ރައީސް ސެރެޒޯ ގަބޫލުކުރައްވާ ގޮތުގައި މެސީ އާއި ރޮނާލްޑޯއަށް އަދިވެސް އެންމެ މަތީ ފަންތީގައި ކުޅުމުގެ ފެންވަރު އެބަހުއްޓެވެ.
"އަހަރެން ދެކެނީ މެސީ އާއި ރޮނާލްޑޯ އެނބުރި ލަލީގާއަށް އައުމަކީ ވަރަށް ރަނގަޅު ކަމަކަށް ވެގެންދާނެ ކަމަށް. އެ ދެ ކުޅުންތެރިން އަދި ކުޅުން ހުއްޓާލައިފައެއް ނުވޭ. އެހެންކަމުން އެއީ ވަރަށް ރަނގަޅު ކަމަކަށް ވާނެ،" 'ރެއާލް ކްލަބު ޓެނިސް ބާސެލޯނާ' ގެ ހަފްލާގައި ބައިވެރިވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އެތުލެޓިކޯގެ ރައީސް ސެރެޒޯ ބުންޏެވެ.
އުމުރުން 35 އަހަރުގެ މެސީ ހޯދުމަށް ޝައުގުވެރިވާ ކަމަށް ބާސާގެ ބައެއް އިސްވެރިން ވެސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް އާޖެންޓީނާއަށް ވޯލްޑް ކަޕް 2022 ހޯދައިދިން ކެޕްޓަން މެސީއާއެކު ބާސާ އިން އަދި ރަސްމީކޮށް މަޝްވަރާތައް ފަށައިފައެއް ނުވެއެވެ.
އެކަޑަމީ ލެވެލުން ފެށިގެން ބާސާގައި 21 އަހަރު ހޭދަކުރުމަށްފަހު، ޕީއެސްޖީއާ މެސީ ގުޅުނީ 2021 ވަނަ އަހަރުއެވެ. އޭނާ ވަނީ ބާސާއަށް ކުޅުނު 778 މެޗުން 672 ގޯލު ކާމިޔާބުކޮށްފައެވެ. މެސީ ވަނީ ބާސާއަށް ދިހަ ލަލީގާ އާއި ހަތަރު ޗެމްޕިއަންސް ލީގު ހޯދައިދިނުމަށް ވެސް އިސް ދައުރެއް އަދާކޮށްފައެވެ.