މި އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވުމަށްޓަކައި ދެކުނު އެމެރިކާ ސަރަހައްދުގައި ކުޅެމުންދާ ކޮލިފައިންގައި އާޖެންޓީނާ އާއި އުރުގުއާއީ ބައްދަލުކުރި މެޗު އާޖެންޓީނާއިން ކާމިޔާބު ކޮށް ވޯލްޑް ކަޕަށް ކޮލިފައިވުމާ ގާތަށް ޖެހިލައިފިއެވެ.
މެ މެޗުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ކުޅެފައެއް ނުވެއެވެ.
އުރުގުއާއީގައި ކުޅުނު މިމެޗު އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއިން ކާމިޔާބު ކޮށްފައިވަނީ އެއް ލަނޑު ސުން ލަނޑުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު އުރުގުއާއީން ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ އާޖެންޓީނާއިންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. މި މެޗުގައި އާޖެންޓީނާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 68 ވަނަ މިނެޓުގައި ކާމިޔާބު ކޮށްފައިވަނީ ތިއާގޯ އަލްމާޑާއެވެ.
މި މެޗުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ފުރުސަތު ދެ ޓީމަށް ވެސް ލިބިގެން ގޮސްފައިވެއެވެ. މި މެޗުގެ އިތުރު ވަގުތުގެ ފަސް ވަނަ މިނެޓުގައި އާޖެންޓީނާގެ ނިކޮލަސް ގޮންޒާލޭސްއަށް ވަނީ ރަތް ކާޑު ދައްކާފައެވެ.
މި ކާމިޔާބީއާއެކު އާޖެންޓީނާ މިހާރު އުޅެނީ ކުޅުނު 13 މެޗުން ލިބިފައިވާ 28 ޕޮއިންޓާއެކު ދެކުނު އެމެރިކާ ސަރަހައްދުގެ ކޮލިފައިން ތާވަލްގެ އެއްވަނައިގައެވެ. އަދި މިއަންނަ ބުދަ ދުވަހު ބްރެޒިލް އާ އަމިއްލަ ފަސްގަނޑުގައި ކުޅޭ މެޗު ކާމިޔާބު ކުރެވިއްޖެނަމަ ދެކުނު އެމެރިކާ ސަރަހައްދުން މި އަންނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވާ ފުރަތަމަ ޓީމަކަށް އާޖެންޓީނާ ވެގެންދާނެއެވެ.
މި މެޗުން ބަލިވުމުން އުރުގުއާއީ އުޅެނީ 20 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައިގައެވެ.
މި މުބާރާތުގައި އެކުއެޑޯ އާއި ވެނެޒުއޭލާ ބައްދަލުކުރި މެޗު އަމިއްލަ ޤައުމުގައި ދެ ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްފައިވަނީ އެކުއެޑޯއެވެ. މި މެޗުގައި އެކުއެޑޯގެ ދެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އެނާ ވެލެންސިއާއެވެ. އަދި ވެނެޒުއޭލާގެ ހަމައެކަނި ލަނޑު ޖަހާދީފައިވަނީ ޖޮންޑާ ކަޑީޒްއެވެ.
މި ކާމިޔާބީއާއެކު އެކުއެޑޯ މިހާރު އުޅެނީ ދެކުނު އެމެރިކާ ސަރަހައްދުގެ ކޮލިފައިންގައި 22 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ. އަދި ވެނެޒުއޭލާ އުޅެނީ 12 ޕޮއިންޓާއެކު ތާވަލްގެ އަށް ވަނައިގައެވެ.