6017 ދަރިވަރުންނާ އެކީ މި އަހަރުގެ އެސްއެސްސީ އިމްތިހާން ފަށައިފި

ކަލާފާނު ސްކޫލްގައި އޯލެވަލް އިމްތިހާން ކުރިޔަށް ދަނީ --- ސަން ފައިލް ފޮޓޯ

މި އަހަރުގެ އެސްއެސްސީ އިމްތިހާން މިއަދު ފަށައިފިއެވެ.

ރާއްޖޭގައި ޖުމުލަ 244 ސެންޓަރެއްގައި އެސްއެސްސީ އިމްތިހާން ފަށާފައި ވަނީ މިއަދު ހެނދުނު 09:00 ގައެވެ. މިއަދު އޮތީ އިސްލާމް މާއްދާގެ ޕޭޕަރު އެކެކެވެ. ހުރިހާ ސެންޓަރުތަކަކުން ވެސް ވަނީ ގަޑިއަށް އިމްތިހާނު ފަށާފައެވެ.

މި އަހަރުގެ އެސްއެސްސީ އިމްތިހާނުގައި ޖުމުލަ 6،107 ދަރިވަރުން ބައިވެރިވާއިރު އެއީ މިދިޔަ އަހަރާ އަޅާބަލާއިރު، 444 ދަރިވަރުންގެ އިތުރުވުމެކެވެ.

އެސްއެސްސީ އިމްތިހާނަށް ފަހު އަންނަ މަހުގެ ދެ ވަނަ ދުވަހު ކެމްބްރިޖް އޯލެވެލް އިމްތިހާން ފަށާނެއެވެ. އެ އިމްތިހާނުގައި ޖުމުލަ 6،698 ދަރިވަރުން ބައިވެރިވާއިރު، އެއީ 759 ދަރިވަރުންގެ އިތުރުވުމެކެވެ.

އޯލެވެލް އިމްތިހާން ނިމޭނީ ޖޫން މަހުގެ އަށް ވަނަ ދުވަހުއެވެ.

އެހެން އަހަރުތަކެކޭ ޚިލާފަށް މި އަހަރުގެ އިމްތިހާނަށް ވަނީ މައިގަނޑު ދެ ބަދަލެއް ގެނެސްފައެވެ. އެގޮތުން ކުރީގައި އެންމެ ފުރަތަމަ ދޭނީ އިސްލާމް މާއްދާގެ ޕޭޕަރު ދޭއް ނަމަވެސް މިފަހަރު އެންމެ ފުރަތަމަ ދިނީ އިސްލާމް ޕޭޕަރު އެކެކެވެ.

މީގެ އިތުރުން، ފާއިތުވި އަހަރުތަކުގައި އަތުކުރި ގަޑި އަޅައިގެން އިމްތިހާން ހޯލުގައި އިނދެވުނު ނަމަވެސް މިފަހަރަަކު ނީނދެވޭނެއެވެ.

އެގޮތުން އާދައިގެ އަތުކުރި ގަޑިއެއް އިމްތިހާން ހޯލަށް ވެއްދުނު ނަމަވެސް، އެ ބާއްވަން ޖެހޭނީ އިންވިޖިލޭޓަރަށް ފެންނަ ގޮތަށް މޭޒުމަތީގައެވެ. އެ ބަދަލު ގެންނަން ނިންމީ ކޭމްބްރިޖުން ފޯރުކޮށްދޭ ހުރިހާ އިމްތިޙާނެއްގެ މައި އިދާރާ ޖޭސީކިޔުގެ ލަފާގެ މަތިންނެވެ.

އެސްއެސްސީ އަދި އޯލެވެލް އިމްތިހާނާ ގުޅިގެން ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސްގެ ރައީސް މުހައްމަދު އިހުސާން "ސަން"އަށް ވިދާޅުވީ ހުރިހާ ދަރިވަރުން ވެސް އިމްތިހާނުގެ ގަވައިދުތަކަށް ފުރިހަމައަށް ކިޔަމަންތެރިވުމަށް ނަސޭހަތްތެރިވާ ކަމަށެވެ.

comment ކޮމެންޓް