ހަތަރު މަސް ތެރޭ ސަބްސިޑީ ބަޖެޓުގެ ދެބައިކުޅަ އެއްބައި ޚަރަދުކޮށްފި

ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މި އަހަރުގެ މިހާތަނަށް އައިއިރު ސަބްސިޑީ ބަޖެޓުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނައިން ޚަރަދުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން މި އަހަރު ސަބްސިޑީއަށް ބަޖެޓުކުރީ 2.28 ބިލިއަން ރުފިޔާއެވެ. އެކަމަކު މި އަހަރުގެ އެންމެ ހަތަރު މަސް ދިޔައިރު، ސަބްސިޑީގެ ގޮތުގައި ވަނީ 1.35 ބިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.

ސަބްސިޑީގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ކޮންމެ އަހަރަކު ވެސް ކުރަނީ ތެލަށާއި ކަރަންޓު އުފައްދުމަށެވެ. އެގޮތުން ތެލުގެ އަގު ބޮޑުވުމަކީ ސަބްސިޑީއަށް ދާ ޚަރަދު އިތުރުވާނެ ކަމެކެވެ.

އެހެން ނަމަވެސް، ރާއްޖޭގެ މާލީ ބުރަ ކުޑަކުރުމަށްޓަކައި، ހައްގުވާ ފަރާތްތަކަށް އެކަނި ސަބްސިޑީ ދޭ ޕްރޮގްރާމެއް ރާއްޖޭގައި ކުރިއަށް ގެންދިޔުމަށް ވޯލްޑް ބޭންކުން މީގެ ކުރިން ވަނީ ލަފާދީފައެވެ. މީގެ މިސާލެއްގެ ގޮތުން ވޯލްޑް ބޭންކުން މީގެ ކުރިން ބުނީ ކާޑުގެ ބާވަތްތަކާއި ތެލަށް އެއްވެސް އިސްތިސްނާއެއް ނެތި އާންމުކޮށް ދެމުންދާ ސަބްސިޑީ ޕްރޮގްރާމެއްގެ ސަބަބުން ރިކަރަންޓް ޚަރަދުތައް ހުންނާނީ މަތީ މިންވަރެއްގައި ކަމަށް ބެލެވޭކަމަށެވެ.

ސަބްސިޑީގެ އިތުރުން، އާސަންދައަށް މި އަހަރު ބަޖެޓު ކުރީ އެއް ބިލިއަން ރުފިޔާއެވެ. އެކަމަކު މި އަހަރުގެ މިހާތަނަށް އާސަންދައަށް ވެސް ވަނީ 700 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައެވެ.

މިދިޔަ އަހަރު ވެސް، އާސަންދައަށް ކަނޑައަޅާފައިވާ ބަޖެޓަށް ވުރެ އިތުރަށް ވަނީ ޚަރަދުކޮށްފައެވެ. އެގޮތުން މިދިޔަ އަހަރު އާސަންދައަށް ބަޖެޓު ކުރީ 730 މިލިއަން ރުފިޔާ ނަމަވެސް، އަހަރު ނިމުނު އިރު، އާސަންދައަށް ވަނީ 1.6 ބިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.

ސަރުކާރުން ސަބްސިޑީއަށް ކުރާ ހޭދަ ކުޑަ ކުރުމަށް ބޭރުގެ މާލީ އިދާރާތަކުން ސަރުކާރަށް އަންނަނީ ލަފާދެމުންނެވެ. އެހެން ނަމަވެސް އަހަރުގެ ފުރަތަމަ ތިން މަސް ނިމުނުއިރު މި އަހަރުގެ ބަޖެޓުން ވެސް ވަނީ ބޮޑު އަދަދެއް އެކި ގޮތްގޮތުން ސަބްސިޑީގެ ގޮތުގައި ފޯރުކޮށްދީފައެވެ.

އެގޮތުން މުޅި އަހަރަށް ފާސްކުރި 42.8 ބިލިއަން ރުފިޔާގެ ޖުމްލަ ބަޖެޓުން މިއަހަރުގެ މިހާތަނަށް 11 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

comment ކޮމެންޓް