ހުޅުދެލީގައި ކުޅިވަރު ކުޅޭނެ ތަނެއް ނެތް، ފުޓްސަލް މުބާރާތް ކައުންސިލް ކުރިމަތީގައި

ހުޅުދެލީ ފުޓްސަލް މުބާރާތް ކައުންސިލް ކުރިމަތީގައި --

ކުޅިވަރު ކުޅޭނެ ތަނެއް ނެތުމުން، ދ. ހުޅުދެލީ ޒުވާނުން ކައުންސިލް އިދާރާގެ ކުރިމަތީގައި ފުޓްސަލް މުބާރާތް ބާއްވާ އެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ހުޅުދެލީ ޒުވާނަކު "ސަން"އަށް ބުނީ އެ މުބާރާތަކީ ރަށުގައި 12 އަހަރު ވަންދެން ބާއްވަމުން އަންނަ މުބާރާތެއް ކަމަށެވެ. ނަމަވެސް، މި އަހަރުގެ ރޯދަ މަސް ފެށުނުއިރު ވެސް އެއްވެސް އެއްޗެއް މުބާރާތާ ގުޅިގެން އަންގައިފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

"ޒުވާނުން ސުވާލު ކުރީމަ ބުނީ ކުޅޭނެ ދަނޑެއް ނެތުމުގެ ސަބަބުންނޭ މުބާރާތް ނުބޭއްވުނީ،" އޭނާ ކިޔައިދިނެވެ.

އިތުރަށް އޭނާ ކިޔައިދިން ގޮތުގައި، ރަށުގެ ޒުވާނުން މުނިފޫހިފިލުވުމަށް ކުޅިވަރެއް ކުޅޭނެ އެއްވެސް ތަނެއް ހުޅުދެއްޔަކު ނެތެވެ. ފުޓުބޯޅަ ދަނޑެއް، ވޮލީ ކޯޓެއް ފަދަ ތަނެއް ވެސް ނެތެވެ.

އެހެންވެ، އެ ކަމުގެ ކަންބޮޑުވުން ފާޅުކުރުމަށް ޓަކައި ރަށުގައި ފުޓުބޯޅަ ކުޅެމުން އައި ދަނޑުގައި ފަތްކޭލާއި ރުއް ވަނީ އިންދައިފައެވެ. އަދި ފުޓްސަލް މުބާރާތް ބާއްވައިފައިވަނީ ކައުންސިލް ކުރިމަތީގައެވެ.

"ފުޓްސަލް ދަނޑު އަޅަން ދެ ފަހަރަށް މަސައްކަތް ފަށައިފި. އެކަމަކު ކުރިއަކަށް ނުދޭ،" އޭނާ ކިޔައިދިނެވެ.

ކައުންސިލުން މި ކަމާ ގުޅިގެން ޒުވާނުންނަށް ދީފައިވާ ޖަވާބަކީ، ޔޫތު މިނިސްޓަރާ ބައްދަލުކުރަން އެޕޮއިންޓްމެންޓެއް ހަމަޖެހިފައިނުވާ ކަމަށެވެ.

ރަށުގައި ކުރިން ކުޅިވަރު ކުޅުނު ބިން ވެސް މިހާރު ޖަންގައްޔަކަށް ބަދަލުވެފައިވާއިރު، މި ކަމުގައި ހުޅުދެލީ ޒުވާނުންގެ ކަންބޮޑުވުންތައް ވަރަށް ބޮޑެވެ.

comment ކޮމެންޓް