ފުވައްމުލަކަށް ގެންދަން ވެލި ނަގާތީ ފަރެސްމާތޮޑާ ކައުންސިލް ނުރުހިއްޖެ

ގދ. ފަރެސްމާތޮޑާ: އެ ރަށުން ނަގާ ވެލި ފުވައްމުލަކަށް ގެންދާތީ ކައުންސިލް ވަނީ ނުރުުހިފައި --

ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތަށް ގދ. ފަރެސްމާތޮޑާއާ ގުޅިފައިވާ ހިސާބަކުން ވެލި ނަގާތީ އެ ރަށު ކައުންސިލުން އެކަމާ ނުރުހިއްޖެއެވެ.

އެ ކަން ކުށްވެރިކޮށް ފަރެސްމާތޮޑާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފަރެސްމާތޮޑާގައި އަޅަން ނިންމައިފައިވާ ފުޓުބޯޅަ ދަނޑަކަށް ބޭނުންވާ ވެލި ވެސް އެ ރަށާ ގުޅިފައިވާ ސަރަހައްދުން ނުލިބިގެން ވަނީ އެ މަސައްކަތް ކުރިއަށް ނުގެންދެވިފަައި ކަމަށެވެ. އެ ރަށުގެ ދެކުނު ފަރާތް ހިއްކުމަށް ބޭނުންވާ ވެލި ވެސް ނަގަން ހަމަޖެހިފައި ވަނީ އެތެރެވަރީގެ ދެ ތިލައަކުން ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.

"ފަރެސްމާތޮޑާގެ ދެކުނު ފަރާތް ހިއްކުމަށް ޓަކައި ބޭނުންވާ ފަސް ނެގުމަށް ސާވޭގައި ހިމަނާފައި ވަނީ އެތެރެވަރީގެ ދެ ތިލައަކުން ކަމަށް ވީ ހިނދު ޏ.ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަށް ބޭނުންކުރުމަށް ފަރެސްމާތޮޑާއާ ގުޅިފައިވާ ސަރަހައްދުން ކޮނެގެން 45،000 ކޮޑިމީޓަރުގެ ވެލި، ޏ.ފުވައްމުލަކަށް ގެންދާ ގެންދިއުމަކިީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކުރައްވާ ކަމެއް ކަމުގައި ފަރެސްމާތޮޑާ ކައުންސިލުން ދެކެމެވެ،" ބަޔާނުގައި ވެއެވެ.

އިތުރަށް އެ ބަޔާނުގައި ބުނެފައިވަނީ ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމަށް ހިންގާ މަޝްރޫއަށް ބޭނުންވާ ވެލި ފަރެސްމާތޮޑާއާ ގުޅޭ ސަރަހައްދަކުން ނެގުމަށް އީޕީއޭއިން ހުއްދަ ދީފައި ނުވާ ކަމަށެވެ. އަދި އީޕީއޭގެ ގަވާއިދާ ހިލާފަށް އެ ކޮންނަ ކޮނުން ހުއްޓާލަން ވެސް ވަނީ ގޮވައިލައިފައެވެ.

އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހީމް ނައީމް މިއަދު "ސަން"އަށް ވިދާޅުވީ މި ކަމާ ގުޅިގެން ޝަކުވާގެ ސިޓީއެއް ވެސް ލިބިފައިވާ ކަމަށެވެ.

ނައީމް ވިދާޅުވީ ފަރެސްމާތޮޑާގައި ޕްލޭނިން މިނިސްޓްރީން ކުރާ މަސައްކަތްތަކަކަށް ވެލި ނަގާ ކަމަށާއި އެ ނަގާ ވެލީގެ ތެރެއިން ފަރެސްމާތޮޑާގެ މަސައްކަތްތަކަށް ބޭނުންނުވާނެ ކަމަށް ބުނާ ވެލިތަކެއް އެބަހުރި ކަމަށެވެ.

"އެއް ތަނަކުން ނަގާނެ ހުރިހާ ވެއްޔަކީ އެ ތަނަކަށް ބޭނުންވާނެ ވެއްޔެއް ނޫން،" ނައީމް ވިދާޅުވިއެވެ.

ފަރެސްމާތޮޑާއިން ނަގާ ވެލީގެ ތެރެއިން އެ ރަށުގައި ބޭނުން ނުކުރާ ވެލި ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ގެންދަން އެދުމުން އެ ކަން ކުރަމުންގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މީގެ ކުރިން ވެސް އެއް ރަށުން އަނެއް ރަށަށް ގިނަވެފައި ހުންނަ ވެލި ގެންގޮސްފައި އެބަހުރި ކަމަށް ވިދާޅުވިއެވެ.

"އެ މީހުންނަށް އެނގެން ޖެހޭނެ ފުވައްމުލަކަކީ ކޮންކަހަލަ ރަށެއްކަން. ފުވައްމުލަކަށް ބޭނުންވާ ވެލި ކޮންތާކުންތޯ ހޯދާނީ. ދައުލަތުގެ ބޭނުމަށް ކުރާ ކަންކަމަށް ކައުންސިލުން އެއްބާރުލުން ދޭން ޖެހޭނެ،" ނައީމް ވިދާޅުވިއެވެ.

އެހެންކަމުން، ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް އައްޑޫއިން ނުވަތަ ހުވަދުއިން ވެލި ގެންދިއުމަކީ މައްސަލައެއް ނޫންކަމަށް ނައީމް ވިދާޅުވިއެވެ.

comment ކޮމެންޓް