ޕެނަލްޓީން ބްރައިޓަން ބަލިކޮށް އެފްއޭކަޕްގެ ފައިނަލްގެ ފަހު ޖާގަ މެންޗެސްޓާ ޔުނައިޓެޑުން ކަށަވަރުކޮށްފިއެވެ.
ރޭ ވެމްބްލީ ސްޓޭޑީއަމްގައި ކުޅުނު އެފްއޭކަޕްގެ ސެމީ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު ދެ ޓީމުކުރެން އެއްވެސް ޓީމަށް ގޯލެއް ޖެހިފައެއް ނުވެއެވެ.
ނަމަވެސް ދެ ޓީމަށް ވެސް ވަނީ މެޗުގައި ގޯލު ޖަހާނެ ގިނަ ފުރުސަތުތައް ލިބިފައެވެ. އެގޮތުން މެޗުގެ ހަވަނަ މިނެޓުގައި ބްރައިޓަންގެ މެކް އަލިސްޓާ ފޮނުވާލި ހިލޭ ޖެހުން ޔުނައިޓެޑުގެ ގޯލު ކަނަަށް އަމާޒުކޮށްލި ނަމަވެސް އެ ބޯޅައަށް ހުރަސް އެޅީ ޔުނައިޓެޑުގެ ކީޕަރު ޑޭވިޑް ޑެހެއާއެވެ.
މެޗުގެ 13 ވަަނަ މިނެޓުގައި ބަރައިޓަންގެ އޭރިއާ ބޭރުން ޔުނައިޓެޑުގެ ބުރުނޯ ފަނާންޑޭޒް ފޮނުވާލި ބާރު ހަމަލާ ބްރައިޓަންގެ ކީޕަރު ރޮބާޓް ސަންޗޭޒް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
ޔުނައިޓެޑުގެ ގޯލަށް ނުރައްކާކުރަމުން އައި ބްރައިޓަންއިން ވަނީ މެޗުގެ 31 ވަނަ މިނެޓުގައި ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އެގޮތުން އޭރިއާ ބޭރުން ޖޫލިއޯ އެންކިސްކޯ ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލު ދަނޑިކައިރިން ބޭރަށެވެ.
ދެވަނަ ހާފު ފަށައިގެން ފަސް ވަނަ މިނެޓުގައި އެންކިސްކޯ ޔުނައިޓެގެ އޭރިއާ ތެރޭގައި ހުރެ ފޮނުވާލި ބާރު ހަމަލާ ދިފައު ކުރީ ޑެހެއާއެވެ. އޭގެ ހަތަރު މިނެޓު ފަހުން ސޮލީ މާޗު ފޮނުވާލި ހަމަލާ ވެސް ދިފާއުކުރީ ޑެހެއާއެވެ.
މެޗުގެ ފުރިހަމަ ވަގުތުގައި ދެ ޓީމުން ވެސް ގޯލެއް ޖެހުމަށް ކުރި މަސައްކަތް ކާމިޔާބު ނުުވުމުން ނެތީޖާ ނެރުމަށް ޕެނަލްޓީ ޖަހައި ޔުނައިޓެޑުން ވަނީ ކުރި ހޯދައިފައެވެ. އެ ޓީމު ޕެނަލްޓީން ކުރި ހޯދީ 6-7 ގެ ނަތީޖާއަކުންނެވެ.
އެ މެޗުން މޮޅުވެ ޔުނައިޓެޑު އެފްއޭކަޕްގެ ފައިނަލަށް ދަތުރުކޮށްފައިވާއިރު ފައިނަލްގައި އެ ޓީމު ވާދަކުރަން ޖެހޭނީ ސެމީގެ ފުރަތަމަ މެޗުން މޮޅުވި މެންޗެސްޓާ ސިޓީންއާއެވެ.