ތ. ތިމަރަފުށީ ކައުންސިލް އިދާރާގެ މުވައްޒަފުންނަށް 2020 ވަނަ އަހަރުގެ މުސާރަ އާއި އެލަވަންސްގެ ގޮތުގައި 3.3 މިލިއަނަށްވުރެ ގިނަ ރުފިޔާ ދީފައިވަނީ ހާޒިރީގެ އެއްވެސް ރެކޯޑެއް ނެތިކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.
އޮޑިޓާ ޖެނެރަލް ނެރުއްވާފައިވާ 2020 ވަނަ އަހަރުގެ ތިމަރަފުށި ކައުންސިލް އިދާރާގެ އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، އެއަހަރު ކައުންސިލް އިދާރާގެ މުވައްޒަފުންނަށް މުސާރައާއި އިނާޔަތްތައް ދިނުމަށް ޖުމްލަ 3.3 މިލިއަން ރުފިޔާ ޚަރަދުވެފައިވާކަމަށެވެ.
ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާގޮތުން، ދައުލަތުގެ ކޮންމެ އޮފީހެއްގައި، ދާއިމީ މުވައްޒަފުންނާއި ވަގުތީ މުއައްޒަފުން ރަސްމީ ގަޑިއަށް ހާޒިރުވިކަން އެނގޭނެ ރަޖިސްޓަރީއެއް ނުވަތަ ރެކޯޑެއް އޮންނަން ވާނެއެވެ. ނުވަތަ އިލެކްޓްރޯނިކް ވަސީލަތްތަކުން ނަމަވެސް އެކަން އެނގެން އޮންނަން ޖެހޭނެ ކަމަށް މާލިއްޔަތު ގަވާއިދުގައިވެއެވެ.
އޮޑިޓާ ޖެނެރަލްގެ ރިޕޯޓުގައި ބުނެފައިވާގޮތުގައި 2020 ވަނަ އަހަރު ތިމަރަފުށި ކައުންސިލް އިދާރާގެ މުވައްޒަފުންގެ ހާޒިރީ ގެއްލިފައިވާކަމުގެ މައުލޫމާތު އެ އިދާރާއިން ދީފައިވާކަމަށެވެ.
ހާޒިރީ ގެއްލުމުން އެއަހަރުގެ މުވައްޒަފުންގެ ހާޒިރީ ޗެކްކޮށްފައިނުވާއިރު، ހާޒިރީއާ ގުޅިގެން ކަނޑަންޖެހޭ ފައިސާ އާއި ލިބެންޖެހޭ ފައިސާ ޗެކްކުރެވިފައިނުވާކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން ހާޒިރީ ގެއްލުމުގެ މައްސަލަ ތިމަރަފުށީ ކައުންސިލް އިދާރާއިން ތާހްގީގުކޮށްފައިވެސް ނުވެއެވެ.
ތިމަރަފުށީ ކައުންސިލުން ގަވައިދާ ޚިލާފަށް އެތައް ކަމެއް ކޮށްފައިވާކަމަށް އޮޑިޓާ ނެޖެރަލް ޙުސައިން ނިޔާޒީ ސޮއިކުރައްވައި ނެރުއްވާފައިވާ އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
މީގެ ތެރޭގައި ކައުންސިލުން މާލިއްޔަތު ގާނޫނާ ޚިލާފަށް ޚަރަދުކޮށްފައިވުމާއި، ލިޔެކިޔުންތައް ފުރިހަމަ ނުކޮށް މުދަލާއި ޚިދުމަތް ހޯދުމުގެ އިތުރުން، މެމްބަރުންގެ އާމްދަނީއާއި ވިޔަފާރީގެ ގުޅުންތަކުގެ މައުލޫމާތު ކައުންސިލް އިދާރާއަށް ހުށަހަޅާފައި ނުވުން ފަދަ މައްސަލަތައް ފާހަގަކޮށްލެވެއެވެ.