ފޭސް 2 އެކްސިޑެންޓް: އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް

ފޭސް ދޭއްގެ ހިތިގަސްމަގުގައި އެމްޕީއެލް ފްލެޓުތައް ކައިރިން ކާރަކާ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓް--- ފޮޓޯ/ ސޯޝަލް މީޑިއާ

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިތިގަސްމަގުގައި އެމްޕީއެލް ފްލެޓުތައް ކައިރިން ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް ކަމަށް އޭޑީކޭ ހޮސްޕިޓަލުން މިއަދު ބުނެފިއެވެ.

އެ އެކްސިޑެންޓް ހިނގާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނެވެ. ފުލުހުން ބުނީ އެކަމުގެ މައުލޫމާތު ފުލުހަށް ރިޕޯޓުކޮށްފައި ވަނީ އެދުވަހު 11:45 ހާއިރު ކަމަށެވެ.

އެ ހާދިސާގައި ސައިކަލު ދުއްވަން އިން މީހާއަށް އެކިވަރުގެ އަނިޔާ ލިބުމުން އޭނާއަށް ފުރަތަމަ ފަރުވާ ދިނީ ހުޅުމާލެ ހޮސްޕިޓަލުގައެވެ. ނަމަވެސް އޭނާގެ ސިކުނޑިއަށް ލޭ އެޅިފައި ހުރުމުން އޭޑީކޭއަށް ވަނީ ބަދަލުކޮށްފައެވެ.

އެކަމުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް މިއަދު "ސަން"އަށް ވިދާޅުވީ، އަނިޔާވި މީހާއަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައި ކަމަށެވެ. އޭނާގެ ހާލު އަދިވެސް ސީރިއަސް ކަމަށް އޭނާ ވިދާޅުވިއެވެ.

އެކްސިޑެންޓުގެ މައުލޫމާތު ހިއްސާކޮށް ސޯޝަލް މީޑިއާގައި މީހަކު ބުނެފައިވަނީ ސައިކަލު ދުއްވަން އިން މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން އެކްސިޑެންޓަށް ފަހު އޭނާގެ ހޭ ވެސް ނެތް ކަމަށާއި ބޮލުންނާއި ނޭފަތުން ލޭވެސް އައިސްފައިވާ ކަމަށެވެ.

މި މަހު ކުރީކޮޅު ވެސް ހަމަ އެ ސަރަހައްދުގައި އެކްސިޑެންޓެއް ހިނގާފައިވެއެވެ. އެމްޕީއެލް ފްލެޓް ކައިރީ ސައިކަލަކާއި ޕިކަޕެއް އެކްސިޑެންޓުވެ، ހިނގި އެ ހާދިސާގައި އަނިޔާވި 59 އަހަރުގެ ފިރިހެން މީހާ ވަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވެފައެވެ.

comment ކޮމެންޓް