ނޭޓޯގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓުގައި ފުރަތަމަ ފަހަރަށް ޒެލެންސްކީ ބައިވެރިވަނީ

ޒެލެންސްކީ

ބްރަސަލްސް (23 އެޕްރިލް 2023): އަންނަ ޖުލައި މަހު ބޭއްވުމަށް ހަމަޖެހިފައިވާ ނޭޓޯގެ ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ޔޫކްރެއިންގެ ރައީސް ވްލަދިމީރް ޒެލެންސް ބައިވެރިވެރިވެ ވަޑައިގަންނަވާނެ ކަމަށް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޔެންސް ސްޓޮލްޓެންބާގް ވިދާޅުވެއްޖެއެވެ.

ބްރަސަލްސްގައި ދެއްވި ބަޔާނެއްގައި ސްޓޮލްޓެންބާގް ވިދާޅުވީ ނޭޓޯގެ ސަމިޓްގައި އޮބްޒާވަރެއްގެ ހައިސިއްޔަތުން ބައިވެރިވުމުގެ ދައުވަތު ޒެލެންސްކީއަށް އެރުވުމުން އެ ދައުވަތު ގަބޫލުކުރައްވައި ސަމިޓްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ޒެލެންސްކީ ދެއްވާފައިވާ ކަމުގައެވެ.

އަންނަ ޖުލައި މަހު ބާއްވާ ނޭޓޯގެ ސަމިޓް އޮންނާނީ ރަޝިއާގެ އަވަށްޓެރި ގައުމެއްކަމަށްވާ ލިތުއޭނިއާ ގައެވެ. ބޯލްޓިކް ކަނޑުގައި އޮންނަ ލިތުއޭނިއާ އަކީ ކުރީގެ ސޮވިއެޓް ޔުނިޔަންގެ ގައުމެކެވެ.

ސޮވިއެޓް ޔުނިޔަން ރޫޅިގެން ދިޔުމުގެ ކުރިން ދެޖަރުމަނު އެއްކޮށްލުމަށް ކުރީގެ ސޮވިއެޓް ޔުނިޔަންއިން ރުހުން ދިނީ ނޭޓޯ ޔޫރަޕްގެ އިރުމައްޗާ ދިމާއަށް ފުޅާ ނުކުރާނެކަމުގެ ގެރެންޓީ އެމެރިކާ ދިނުމުންނެވެ. ނަމަވެސް 1991ވަނަ އަހަރުގެ ފަހުކޮޅު ކުރީގެ ސޮވިއެޓް ޔުނިޔަން ރޫޅި އެ އިއްތިހާދުގެ ގައުމުތައް މުސްތަގިއްލު މިނިވަން ގައުމުތަކަކަށް ވުމުން އެމެރިކާ އެންމެ ފުރަތަމަ ވެސް މަސައްކަތް ފެށީ މިހާރުގެ ރަޝިއާ ހިސާރު ކުރުމަށްޓަކައި ރަޝިއާގެ ވަށައިގެންވާ ޔޫރަޕްގެ ގައުމުތައް ނޭޓޯއަށް ވެއްދުމަށެވެ. މިހާރުގެ ރަޝިއާއަކީ ކުރީގެ ސޮވިއެޓް ޔުނިޔަންގައި ހިމެނުނު އެންމެ ބޮޑު ގައުމެވެ.

އެމެރިކާގެ މި ރޭވުން އެނގިގެން ރަޝިއާ ވަނީ އެ ގައުމު ވެސް ހިމެނޭގޮތަށް (ރަޝިއާ ނޭޓޯގައި ބައިވެރިކޮށްގެން) ޔޫރަޕްގެ ހުރިހާ ގައުމުތަކެއް ޝާމިލްވާ ބާވަތުގެ އަމަނާބެހޭ ކޮލެކްޓިވް ނިޒާމެއް ގާއިމް ކުރުމަށް ރަޝިއާ އެމެރިކާއަށް ހުށަހަޅައިފައެވެ.

ނަމަވެސް އެމެރިކާވަނީ ރަޝިއާއަކީ ނޭޓޯގެ ވާދަވެރިއެއް ކަމަށް ބަލައި ރަޝިއާ ފިޔަވައި ކުރީގެ ސޮވިއެޓް ޔުނިޔަންގެ އެހެން ގައުމުތައް ނޭޓޯއަށް ވައްދައިގެން ރަޝިއާއާ ދިމާއަށް ނޭޓޯ ފުޅާކޮށް ރަޝިއާ އަސްކަރީ ގޮތުން ހިސާރު ކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންގޮސްފައެވެ.

މި ކަމުގެ ނަތީޖާއަކަށްވީ ނޭޓޯއިން ރަޝިއާ ހިސާރު ކުރާކަމުގެ އިހްސާސް ރަޝިއާ ކުރަން ފެށުމެވެ. ދެން އެމެރިކާ އަޑީގައި އޮވެގެން ކުރިއަށް ގެންދިޔައީ ރަޝިއާގެ އެންމެ ބޮޑު އަވަށްޓެރި ގައުމު ކަމަށްވާ ޔުކްރެއިންގައި އޮތް ރަޝިއާއަށް ތާއީދުކުރާ ސަރުކާރު މަދަނީ އިންގިލާބަކުން ވައްޓާލައި ރަޝިއާގެ ބަނޑުދަށުގައި އޮތް ޔުކްރެއިންގައި އަސްކަރީ ގޮތުންނާއި މަދަނީގޮތުން ފައިހަރު ކޮށްލުމަށެވެ.

މިގޮތުން ޔުކްރެއިންގައި ރަޝިއާއަށް އަމާޒުކޮށް އެމެރިކާ ވަރަށް ގިނަ ކަންތައްތަކެއް 2014ވަނަ އަހަރުން ފެށިގެން ކުރަންފެށިއެވެ.

އޭގެ ތެރޭގައި ބައިލޮޖިކަލް ހަތިޔާރު އުފެއްދުމުގެ ލެބޯޓްރީތައް ގާއިމް ކުރުމާއި ޔުކްރެއިންއަށް ހަތިޔާރާއި އަސްކަރީ ތަމްރީންތައް ދިނުން ހިމެނެއެވެ. މި ކަންކަން ކުރީ އެއަށް ފަހު ޔުކްރެއިން ނޭޓޯއަށް ވައްދައިގެން ރަޝިއާ އިތުރަށް ވަށާލައި ހިސާރު ކުރުމުގެ ބޭނުމުގައި ކަމަށް ރަޝިއާ ދެކެއެވެ.

ރަޝިއާ ބުނާގޮތުން މިދިޔަ އަހަރުގެ ފެބްރުއަރީމަހު ޔުކްރެއިންއާ ދެކޮޅަށް ހަނގުރާމަ ފެށީ (ނުވަތަ އަސްކަރީ އޮޕަރޭޝަން ފެށީ) އެ ކަންކަން ޔުކްރެއިންގައި ކުރުން ހުއްޓާލަން އެމެރިކާ ވެސް އަދި ޔުކްރެއިން ވެސް ދެކޮޅު ހެދުމުގެ ސަބަބުންނެވެ.

ހަމަލާތައް ފެށުމާ އެކު ރަޝިއާ ކުރިން ބުނީ ޔުކްރެއިނާ ދެކޮޅަށް ދޭ ހަމަލާތައް ހުއްޓާލާނީ ނޭޓޯގެ މެންބަރަކަށް ނުވާނެކަމުގެ ޔަގީންކަން އެ ގައުމުން ދިނުމުން ކަމުގައެވެ. ނަމަވެސް އެ ކަމާ ޔުކްރެއިން ދެކޮޅު ހެދުމުން މިހާރު ރަޝިއާ ބުނަނީ ނޭޓޯއަށް ނުވަންނާނެ ކަމުގެ ޔަގީންކަން ދިނުމުގެ އިތުރުން ހަނގުރާމައިގާ ރަޝިއާ ހިފާފައިވާ ޔުކްރެއިންގެ ސަރަހައްދުތައް ވެސް ރަޝިއާއަށް ދޫކޮށްލުމަށް ޔުކްރެއިން އެއްބަސްވުމުން ނޫނީ ދެން ހަމަލާތައް ހުއްޓައިނުލާނެ ކަމުގައެވެ.

ރަޝިއާގެ ހަމަލާތަކާ ކުރިމަތިލުމަށް ޔުކްރެއިނަށް ހަތިޔާރު ފޯރުކޮށްދެނީ ނޭޓޯގެ ގައުމުތަކުންނެވެ. ޚާއްސަކޮށް އެމެރިކާއިންނެވެ. ނަމަވެސް ރަޝިއާގެ ހަމަލާތައް ދިފާއުކުރުމުގައި ޔުކްރެއިންއަށް މާބޮޑު ކާމިޔާބެއް ނުލިބެއެވެ. ރަޝިއާވަނީ ޔުކްރެއިން ގެ ބިމުގެ 20 އިންސައްތަ ހިފުމުގެ އިތުރުން ޔުކްރެއިންގެ ގިނަ ސަރަހައްދުތަކެއް(ސިޓީތަކާއި އަވަށްތައް ހިމެނޭގޮތަށް) ހަލާކުކޮށް ސުންނާފަތި ކޮށްލާފައެވެ.

ރަޝިއާގެ ހަމަލާތަކުގައި ޔުކްރެއިންގެ އާބާދީގެ ގެތެރެއިން 12 މިލިޔަން މީހުން ހާލުގައި ޖެހިފައިވާއިރު ޔުކްރެއިންގެ ސިފައިން ވެސް ރަޝިއާގެ ހަމަލާތަކުގައިވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައެވެ. ނަމަވެސް ރަޝިއާއާ އެކު ސުލްހައިގެ ވާހަކަތައް ދެއްކުމަށް ޔުކްރެއިން ގެންދަނީ ދެކޮޅު ހަދަމުންނެވެ.

comment ކޮމެންޓް