މޮސްކޯ (28 އެޕްރީލް 2024): ޔުކްރެއިންއަށް އައު ހަތިޔާރު ދީގެން ރަޝިއާ އަސްކަރީ ގޮތުން ބަލިކުރެވިދާނެ ކަމަށް އެމެރިކާގެ ވެރިންނާއި ނޭޓޯއިން ޖަހާ ހިސާބުތަކަކީ ނުބައި ހިސާބުތަކެއްކަން ނޭޓޯއަށްވެސް މިހާރު ވިސްނެން ފަށާފައިވާ ކަމަށް ރަޝިއާ ބުނެފިއެވެ.
ރަޝިއާގެ ރައީސް ވްލަދިމިޔާ ޕޫޓިންގެ ޕްރެސް ސެކްރެޓަރީ ދިމިތްރީ ބިސްކޯވް ވިދާޅުވިގޮތުގައި ރަޝިއާގެ ކުރިމަތީގައި ޔުކްރެއިން ބަލިވެދާނެކަމުގެ ބިރު ހީވެވަޑައިގެން ނޭޓޯގެ ވެރިޔާ ދެއްކެވީ ހަގީގީ ވާހަކަތަކެކެވެ. ރަޝިއާއިން ޔުކްރެއިން ބަލިކުރާނެއެވެ. ނޫނީ ސުލްހައިގެ ވާހަކަތައް ދައްކައިގެން ރަޝިއާ ބޭނުންވާ ހައްލަކަށް ދާން މަޖުބޫރުކުރާނެއެވެ.
ބިސްކޯވް ވިދާޅުވިގޮތުގައި އެމެރިކާއިން ޔުކްރެއިންއަށް އަލަށް ދޭން ނިންމި ހަތިޔާރުގެ ޕެކޭޖްގެ ތެރޭގައި އެމެރިކާގެ ސޮފިސްޓިކޭޓެޑް ބަލިސްޓިކް މިސައިލްގެ ބާވަތެއްކަމަށްވާ "ATACMS" މަރުކާގެ މިސައިލް ސިސްޓަމް ހިމެނެއެވެ.
މިއީ ރަޝިއާގެ ޙައްސާސް ތަނެއްކަމަށްވާ ރަޝިއާއާއި ކްރައިމިޔާއާ ދެމެދު ބިނާކޮށްފައިވާ ބްރިޖް ހަލާކުކޮށްލުމުގެ ގާބިލްކަން ލިބިފައިވާ ނިޒާމެކެވެ. މީގެއިތުރުން މިއި ރަޝިއާގެ ކޮންޓްރޯލްގެ ދަށުގައިވާ ޔުކްރެއިންގެ ސިޓީތަކާއި ސަރަހައްދުތަކަށް ފަސޭހައިން ހަމަލާދީ ރަޝިއާގެ ބާރުތަކަށް ބޮޑު ގެއްލުމެއް ދެވޭވަރުގެ ނިޒާމެކެވެ.
ރަޝިއާގެ އަތްދަށުގައިވާ ޔުކްރެއިންގެ ދޮނިޔެސްކް އާއި ލޮޣާންސްކް އަށްވެސް ހަމަލާދީ އެތަންތަނުގައިވާ ރަޝިއާގެ އަސްކަރީ މަރުކަޒުތައް ގޮއްވާލެވޭ ވަރުގެ ބާރުގަދަ ސިސްޓަމެކެވެ. ނަމަވެސް އެމެރިކާގެ މަތީފެންވަރުގެ ހަތިޔާރުތަކުގެ ތެރޭގައި މިނިޒާމު އަދި ޔުކްރެއިންއަށް ނުލިބެއެވެ.
ބިސްކޯވް ވިދާޅުވިގޮތުގައި އެމެރިކާއިން ޔުކްރެއިންއަށް ފޯރުކޮށްދޭން މަސައްކަތްކުރާ "ATACMS" އަކީ އޭގެބޭނުން ފުރިހަމަ ގޮތުގައި ކުރެވިއްޖެނަމަ ރަޝިއާއަށް ނުރައްކާތެރި ނިޒާމެކެވެ. ނަމަވެސް ހަމަލާދީ އެނިޒާމު ހަލާކުކޮށްލުމުގެ ގާބިލްކަން ރަޝިއާގެ ކިބައިގައި އެބަހުރިކަމަށް ބިސްކޯވް ވިދާޅުވިއެވެ.
އޭނާ ވިދާޅުވިގޮތުގައި އެމެރިކާގެ "ATACMS" މިސައިލް ނިޒާމުތައް ހަލާކުކޮށްލުމަށް ޚާއްސަކޮށްގެން އުފައްދާފައިވާ އެންޓި މިސައިލް ސިސްޓަމްތައް ރަޝިއާގައި އެބަހުއްޓެވެ. މީގެތެރޭގައި އެސް-330 މަރުކާގެ އެންޓި މިސައިލް ސިސްޓަމާއި އެސް-400 މަރުކާގެ އެންޓި މިސައިލް ސިސްޓަމްތައް ހިމެނެއެވެ.
މީގެއިތުރުން ރަޝިއާ އެންމެ ފަހުން އުފައްދާފައިވާ އެސް -350 ވައިތިޔާޒް އެންޓި މިސައިލް ސިސްޓަމަކީ އޭގެއެންމެ ހަމަލާއަކުން އެމެރިކާގެ "ATACMS" މަރުކާގެ 12 މިސައިލް އެއްވަގުތަކު ހަލާކުކޮށްލުމުގެ ބާރު ލިބިފައިވާ އިލެކްޓްރޯނިކް މިސައިލް ސިސްޓަމެއް ކަމަށް ބިސްކޯވް ވިދާޅުވިއެވެ.
އެސް -350 ވައިތިޔާޒް އެންޓި މިސައިލް ސިސްޓަމަކީ އެއްފަހަރާ 32 މިސައިލް ފޮނުވާލުމުގެ ގާބިލްކަން ލިބިފައިވާ ނިޒާމެކެވެ. އެމެރިކާ ދާދިފަހުން ޔުކްރެއިންއަށް ފޯރުކޮށްދިން "އެބްރަމްސް" މަރުކާގެ ޓޭންކުތައްވެސް ރަޝިއާއިން ހަލާކުކޮށްލަފާނެ ކަމުގެ ބިރަށް ޔުކްރެއިން ވަނީ ހަނގުރާމައިގެ ކުރީސަފުން އެތަކެތި ނަގާފައެވެ.
ޔުކްރެއިނުންވަނީ އެމެރިކާ އެގައުމަށް ފޯރުކޮށްދީފައިވާ "އަބްރަމްސް" މަރުކާގެ ޓޭންކްތަކަކީ އަގު ބޮޑު އަދި ސްޓްރެޓީޖިކް ޓޭންކްތަކެއްކަމަށް ސިފަކޮށް މިހާރު ކުރިޔަށްދާ ކުރިމަތިލުންތަކުގައި އެ ޓޭންކް ބޭނުންނުކުރުމަށް ނިންމާފައެވެ.
ޔުކްރެއިންގެ އަސްކަރީ ފީލްޑް ކޮމާންޑަރަކު ވިދާޅުވެފައިވަނީ މިހާރު ޔުކްރެއިނުން ކުރަނީ ދިފާއީ ހަނގުރާމައެއްކަމުގައެވެ. "އަބްރަމްސް" ޓޭންކްތައް ބޭނުންކުރާނީ ރަޝިއާގެ އަތްދަށުގައިވާ ޔުކްރެއިންގެ ބިންތައް މިނިވަންކުރުމަށް ޚާއްސަކޮށްގެން ކުރާ އޮފެންސިވް ހަނގުރާމައެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ޔުކްރެއިނުންވަނީ "އަބްރަމްސް" ޓޭންކްތައް ހަނގުރާމައިގެ މައިދާނުގެ ކުރީ ސަފުން ނެގުމަށްފަހު އެޓޭންކްތައް ހަނގުރާމައިގެ ފަހަތު ސަފަށް ޖައްސާފައެވެ. ނަމަވެސް ރިޕޯޓްތައް ބުނާގޮތުން ޔުކްރެއިން މިގޮތަށް ކަންތައްކުރީ ރަޝިއާގެ ޑްރޯން ހަމަލާތަކުގައި އެމެރިކާގެ "އަބްރަމްސް" ޓޭންކްތައް މާގިނައިން ހާލުކުވާތީ އެޓޭންކްތައް ސަލާމަތް ކުރުމުގެ ގޮތުންނެވެ.
އެމެރިކާއިން ޔުކްރެއިންއަށް ދިނުމަށް ނިންމާފައިވާ "ATACMS" މަރުކާގެ ބަލިސްޓިކް މިސައިލްތަކަށްވެސް ޖެހޭނީ މިހާލުކަމަށް ރަޝިއާ ބުނެއެވެ.
ޔުކްރެއިން ހަނގުރާމައިގާ ޔުކްރެއިން މިހާރު ދަނީ ރަޝިއާގެ އަތްދަށުން ބަލިވަމުންނެވެ. އެއީ ރަޝިއާ ދެކޮޅަށް ވަރުގަދައަށް ހަނގުރާމަ ކުރެވޭވަރުގެ ޒަމާނީ ހަތިޔާރުތައް ޔުކްރެއިންގައި ނެތުމުންނާއި ޔުކްރެއިން ސިފައިންގެ ގިނަ ބަޔަކު މަރުވެ ސިފައިންގެ އަދަދު މަދުވަމުންދާތީއެވެ.
ޔުކްރެއިނުން އެގައުމުގެ ސިފައިންގެ ތެރެއަށް ޒުވާނުން ވެއްދުމަށް ކުރަމުންގެންދާ މަސައްކަތްވެސް ކާމިޔާބެއް ނުވެއެވެ. އަނެއްކޮޅުން ރަޝިއާގެ ހަމަލާތައް ގެންދަނީ ވަރުގަދަކުރަމުންނެވެ. ނަމަވެސް ރަޝިއާވެސް ޔުކްރެއިންގެ އިތުރުތަންތަން ހިފާކަށް މިހާރު މަސައްކަތެއް ނުކުރެއެވެ.
ރަޝިއާގެ މިހާރުގެ ވަގުތީ ސްޓްރެޓެޖީއަކަށް ހަދާފައިވަނީ ގިނަ ހަމަލާތަކެއް ދީގެން ޔުކްރެއިން ސިފައިންގެ ގިނަބަޔަކު މަރައި ގިނަ ބަޔަކު ޒަޚަމްކޮށްލައިގެން ޔުކްރެއިންގެ ލަޝްކަރުތަކުގެ މޭންޕަވާ ބަލިކަށިކޮށްލުމެވެ. މީގެއިތުރުން ރަޝިއާގެ އަތްދަށުގައިވާ ޔުކްރެއިންގެ 20 އިންސައްތަ ބިން ދިފާއުކުރުމެވެ.
ގިނަ ހަމަލާތަކެއް ދީގެން ޔުކްރެއިން ސިފައިންގެ ގިނަބަޔަކު މަރައި ގިނަ ބަޔަކު ޒަޚަމްކޮށްލައިގެން ޔުކްރެއިންގެ ލަޝްކަރުތަކުގެ މޭންޕަވާ ބަލިކަށިކޮށްލެވިއްޖެނަމަ އެހިސާބުން ހަނގުރާމަ ކުރިޔަށް ނުގެންދެވި ސުލްހައިގެ ވާހަކަތަކަށް ދާން ޔުކްރެއިންއަށް މަޖުބޫރުވާނެކަމަށް ރަޝިއާ ދެކެއެވެ.
ނޭޓޯގެ ސެކްރެޓަރީ ޖެނެރަލްވަނީ ރަޝިއާގެ ކުރިމަތީގައި ޔުކްރެއިން އަސްކަރީ ގޮތުން ބަލިވެދާނެކަމުގެ ބިރު ވަރަށް ބޮޑަށް އޮތްކަމަށް ވިދާޅުވެ ކަންބޮޑުވެ ވަޑައިގެން ވާހަކަ ދައްކަވާފައެވެ. ސްޓޮލްޓަންބާގް ވިދާޅުވެފައިވާގޮތުން ހުޅަނގުން ވައުދުވި މިންވަރާ ގާތަށްވެސް ޔުކްރޭނަށް ހަތިޔާރު ފޯރުކޮށެއް ނުދެވެއެވެ.
ނަތީޖާއަކީ ރަޝިއާފަދަ ބާރުގަދަ ގައުމަކާ ކުރިމަތިލެވޭވަރާ ގާތަށްވެސް ޔުކްރޭނުގައި ހަތިޔާރު ނެތުމެވެ. މިކަމުގެ ސަބަބުން ރަޝިއާ ސިފައިން އެގައުމުގެ އިތުރު ގިނަ ސަރަހައްދުތަކެއް ހިފާފާނެކަމުގެ ބިރު ވަރަށް ބޮޑުކަމަށާއި ނަމަވެސް ގިނަ އަދަދަކަށް ޔުކްރެއިންއަށް ހަތިޔާރު ފޯރުކޮށްދެވިއްޖެނަމަ ޔުކްރެއިންއަށް އަދި ފުރުސަތު ނުގެއްލޭކަމަށް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޔެންސް ސްޓޯލްޓަންބާގް ވަނީ ވިދާޅުވެފައެވެ.
ޔުކްރޭނަށް ހަތިޔާރު ފޯރުކޮށްދިނުމަށް ބޭނުންވާ 61 ބިލިއަން ޑޮލަރުގެ ބިލް މިހާރު ވަނީ އެމެރިކާގެ ކޮންގްރެސްއިން ފާސްކޮށްފައެވެ. މިއާއެކު އެމެރިކާ ގެންދަނީ ޔުކްރެއިންއަށް ގިނަ އަދަދެއްގެ ހަތިޔާރު ފޯރުކޮށްދޭން ތައްޔާރުވަމުންނެވެ. ނަމަވެސް އެމެރިކާ ފޯރުކޮށްދޭ ގިނަ ހަތިޔާރުތައް ހަނގުރާމައިގެ މައިދާނަށް ވެއްދުމުގެ ކުރިން ދުރުރާސްތާގެ މިސައިލާއި ޑްރޯނުން ހަމަލާދީ އެތަކެތި ހަލާކުކޮށްލާނެކަމުގެ އިންޒާރު ރަޝިއާ ވަނީ ދީފައެވެ.