އެޕަލް އާއި އެއާޓެލް ގުޅިގެން މަސައްކަތްކުރަން މަޝްވަރާކޮށްފި

އެޕަލްގެ ސީއީއޯ ޓިމް ކުކް އާއި އެއާޓެލްގެ ބެލެނިވެރި ކުންފުނި "ބާރްތީ އެންޓަޕްރައިސަސް"ގެ ޗެއާމަން ސުނިލް ބާރްތީ މިއްތަލް --

އެޕަލް އާއި އެއާޓެލްއިން މިހާރަށްވުރެ ބޮޑަށް ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކޮށްފިއެވެ.

އެޕަލްގެ ސީއީއޯ ޓިމް ކުކް ވަނީ އެއާޓެލްގެ ބެލެނިވެރި ކުންފުނި "ބާރްތީ އެންޓަޕްރައިސަސް"ގެ ޗެއާމަން ސުނިލް ބާރްތީ މިއްތަލް އާއި ތަފާތު އެޕްލިކޭޝަންތައް އުފައްދާ ފަަރާތްތަކާ މިދިޔަ ހުކުރު ދުވަހު ބައްދަލުކުރައްވައިފައެވެ. މިއްތުލް އާއި ކުކް ވަނީ އިންޑިއާ އާއި އެފްރިކާގައި ދެ ކުންފުނިން ވެސް މިހާރަށް ވުރެ ގާތުން މަސައްކަތް ކުރުމަށް އެއްބަސްވެފައެވެ.

އެޕަލްއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކުކް އާއި މިއްތަލްގެ ބައްދަލުވުން އެއް ގަޑިއިރަށް ދެމިގެން ދިޔަކަމެވެ. އެޕަލް އާއި އެއާޓެލް އާ ދެމެދު އޮތް ޒަމާންވީ ގުޅުމާ މެދު ހިތްހަމަޖެހޭ ކަމަށާއި، އިންޑިއާ އާއި އެފްރިކާގެ މާކެޓުގައި މިހާރަށް ވުރެ ގާތުން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެ ފަރާތުން ވެސް ދިން ކަމަށް އެޕަލްއިން ބުންޏެވެ.

ކުކް ވަނީ ރިލަޔަންސް އިންޑަސްޓްރީޒްގެ ޗެއާމަން މުކޭޝް އަމްބާނީ އާއި ޓާޓާ ސަންސްގެ ޗެއާމަން އެން ޗަންދްރަސޭކަރަންއާ ވެސް ބައްދަލުކޮށްފައި ކަމަށް އެޕަލްއިން ވަނީ ބުނެފައެވެ.

ކުކް މިދިޔަ ހަފުތާގެ ކުރީކޮޅު އިންޑިއާއަށް ގޮސްފައި ވަނީ މުމްބާއީ އާއި ދިއްލީގައި އެޕަލްގެ ފިހާރަތައް ހުޅުވުމަށެވެ. އެ ދަތުރުގައި އޭނާ ވަނީ އެގައުމުގެ ބައެއް ސޮފްޓްވެއާ ޑިވެލޮޕަރުންނާ ބައްދަލުކޮށް އެ މީހުން އެ ދާއިރާއަށް ހުންނަ ޝައުގުވެރިކަމަށް ތައުރީފު ކުރެއްވިއެވެ.

ކުކްގެ ޓުވީޓެއްގައި ވަނީ އިންޑިއާގެ ގިނަ ޑިވެލޮޕަރުން އެމީހުން ޝައުގުވެރިކަން ހުންނަ ކަންތައްތައް ކުރިއަށްގެންގޮސް، އެމީހުންގެ ޚިޔާލުތައް ދުނިޔެއާ ހިއްސާކުރުމަކީ ވަރަށް ބޮޑު އުފަލެއް ލިބޭ ކަމެއް ކަމަށް ބުނެފައެވެ. އެގޮތުން އިންޑިއާގެ އެންމެ މަގުބޫލު ކްރިކެޓް އެޕް ކަމަށްވާ ހިޓްވިކެޓާއި އޭއާރް ޓެކްނޮލޮޖީ ބޭނުން ކުރާ ޔޯގާ އެޕްލިކޭޝަނެއް ކަމަށްވާ ޕްރަޔޯގާ އާއި ޑިކްޝަނަރީ އެޕްލިކޭޝަނެއް ކަމަށްވާ ލުކްއަޕް އޭނާ ވަނީ ވަކިން ޚާއްޞަކޮށް ފާހަގަކޮށްފައެވެ.

މީގެ އިތުރުން ކުކް ވަނީ އިންޑިއާގެ މަޝްހޫރު ފޮޓޯގްރާފަރުން ކަމަށްވާ އަޕެކްޝާ މޭކާ އާއި ޖޯޝުއާ ކާތިކްއާ ބައްދަލުކޮށްފައެވެ. އެ ދެ ފޮޓޮގްރާފަރުން، އައިފޯނު ބޭނުންކޮށްގެން ނަގާފައިވާ ފޮޓޯތައް އެ މީހުން ވަނީ ކުކްއާ ވަނީ ހިއްސާކޮށްފައެވެ.

"މި ރަންގޯލީ އާއި ކޮލަމް ޑިޒައިންތަކަކީ ވަރަށް ހިތްގައިމު އަދި ރީތި ޑިޒައިންތަކެއް. މިފޮޓޯތަކުން ދައްކަވައިދޭ މަންޒަރުތަކަކީ ވަރަށް ހަމަހިމޭން ލޯބި މަންޒަރުތަކެއް، އަޕެކްޝާ މޭކާ އާއި ޖޯޝުއާ ކާތިކް މި ފޮޓޯތައް ނަގާފައިވަނީ އައިފޯނުން ވަރަށް މޮޅަށް،" ކުކް ޓްވިޓާގައި ލިޔެފައިވެއެވެ.

comment ކޮމެންޓް