މާޒިޔާ ބަލިކޮށް ބުރުން ފެންވަރު ދައްކާލައިފި، ދެ ޓީމުވެސް ސެމީއަށް

ޕްރެޒިޑެންޓްސް ކަޕްގައި މާޒިޔާ އާއި ބުރު ސްޕޯޓްސް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ބުރުން ވަނީ 2-1 ގެ ނަތީޖާއަކުން މާޒިޔާ ބަލިކޮށްފައި -- ފޮޓޯ/ އެފްއޭއެމް

ޕްރެޒިޑެންޓްސް ކަޕްގައި ވަރުގަދަ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ މައްޗަށް ބުރު ސްޕޯޓްސް އިން ކުރި ހޯދައިފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ރޭ ކުޅުނު "ގްރޫޕު ބީ"ގެ މެޗުގައި މާޒިޔާ އަތުން ބުރު މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ބުރަކީ މިސީޒަނުގެ ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ޓީމެކެވެ. ބުރުން މެޗަށް ނުކުތް އިރު، ސެމީގެ ޖާގައެއް ހޯދުމަށް އެޓީމަށް އޮތީ މެޗުން މޮޅުވުން މަޖުބޫރުވެފައެވެ.

ރޭ ކުޅުނު އެ މެޗުގެ ކުރީކޮޅުގައި މާޒިޔާގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެންދިޔައެވެ. އެގޮތުން މެޗުގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި އެޓީމަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން މާޒިޔާގެ ބިދޭސީ ފޯވަޑް ސްޓެފަން މިހައިލޮވިޗް ފޮނުވާލި އެ ހަމަލާ، ގޯލު ކުރިމަތިން ބުރުގެ ޑިފެންޑަރު މުހައްމަދު ސާއިފް ވަނީ ދިފާއުކޮށްފައެވެ.

މާޒިޔާ އިން އެޓޭކިން ފުޓުބޯޅައެއް ކުޅުމަށް މަސައްކަތްކުރަމުންދިޔަ އިރު، ބުރުން މަސައްކަތްކުރީ ކައުންޓާ އެޓޭކުތަކުގައި ނުރައްކާކުރުމަށެވެ. ބުރުން ވަނީ މެޗުގެ ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް، ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. އެ ގޯލަކީ ޕެނަލްޓީ އޭރިއާ ތެރެއިން ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި މާޒިޔާގެ ބިދޭސީ ޑިފެންޑަރު އެޑްގަރަސް ޒާސްކިސް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން މާޒިޔާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި މާޒިޔާ އިން މަސައްކަތްތަކެއް ކުރި ނަމަވެސް، މެޗުގެ 75 ވަނަ މިނެޓުގައި ބުރުން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. އިބްރާހިމް އުސާމާ ހަސަން މަޖީދު ނަގައިދިން ހުރަސް، މާޒިޔާގެ ކީޕަރު ހުސައިން ޝަރީފް އަތުގައި ޖެހި ނުކުތުމާއެކު ބުރު ސްޕޯޓްސްއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ހުސައިން ޝާވިންއެވެ.

ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކަކާއެކު ކުޅެމުންދިޔަ މާޒިޔާއަށް މެޗުގައި ގޯލެއް ކާމިޔާބުކުރެވުނީ މެޗުގެ 78 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މާޒިޔާއަށް އެ ޕެނަލްޓީ ލިބިގެންދިޔައީ ޕެނަލްޓީ އޭރިއާ ތެރެއިން ހަސަން ރާއިފް އަހުމަދު (ހަންނަ) އަށް ބުރުގެ ސާއިފް ކުރި ފައުލަކާ ގުޅިގެންނެވެ. މާޒިޔާއަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ އިބްރާހިމް އައިސަމްއެވެ.

މުބާރާތުގެ "ގްރޫޕު ބީ" ފޯރިގަދަކޮށް ނިމިގެންދިޔަ އިރު، އެ ގްރޫޕުގައި ހިމެނޭ ތިން ޓީމަށް ވެސް ލިބިފައިވަނީ ތިން ޕޮއިންޓެވެ. އެ ގްރޫޕުން ސެމީގެ ޖާގަތައް މާޒިޔާ އާއި ބުރަށް ލިބެނީ ފައިދާ ގޯލުންނެވެ. މާޒިޔާގެ ފުރަތަމަ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބު އަތުން ވަނީ 2-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އަދި ބުރުގެ ފުރަތަމަ މެޗުގައި ޓީސީ އަތުން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. އެ ގްރޫޕުން ސެމީގެ ޖާގަ ގެއްލުނީ ޓީސީއަށެވެ.

އެ މުބާރާތުގައި ދެން ކުޅުމަށް ހަމަޖެހިފައިވަނީ "ގްރޫޕު އޭ" ގެ ފަހު މެޗެވެ. އަންނަ ހޯމަ ދުވަހުގެ ރޭ 10:00 ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ކްލަބު ވެލެންސިއާ އާއި ކްލަބު އީގަލްސްއެވެ. އެ ގްރޫޕުގެ ކުރީގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަދި ކްލަބު އީގަލްސްއަށް ވެސް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ނަމަވެސް ސަސްގެ ދެ މެޗު ވެސް އެޓީމުން ވަނީ ކުޅެފައެވެ.

އެ ގްރޫޕުގައި ކުޅުނު ފުރަތަމަ މެޗުގައި ސަސް އިން ވަނީ 5-0 ގެ ނަތީޖާއަކުން ވެލެންސިއާ ބަލިކޮށްފައެވެ. އަދި އީގަލްސްގެ ފުރަތަމަ މެޗުގައި އެޓީމުން ވަނީ ފަހަތުން އަރައި 4-2 ގެ ނަތީޖާއަކުން ސަސް ބަލިކޮށްފައެވެ. ވެލެންސިއާ އިން ސެމީގެ ޖާގައެއް ކަށަވަރުކުރުމަށް އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗުން ބޮޑު ތަފާތަކުން މޮޅުވާން ޖެހޭނެއެވެ. އީގަލްސްއަށް މެޗު އެއްވަރުކޮށްލައިގެން ވެސް ސެމީގެ ޖާގައެއް ކަށަވަރުކުރެވެން އޮތް އިރު، ސަސްއަށް ޖެހޭނީ އެ މެޗުގެ ނަތީޖާއަށް އިންތިޒާރުކުރާށެވެ.

comment ކޮމެންޓް