ބަޔާންމިއުނިކްގެ ލެރޯއި ސާނޭ ގައިގައި އެ ޓީމުގެ ސާޑިއޯ މާނޭ ޖެހުމުން ބަޔާނުން މާނޭ 350,000 ޑޮލަރުން ޖޫރިމަނާކޮށްފިއެވެ.
ޔުއެފާ ޗެމްޕިއަންސް ލީގުގައި މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި މާނޭއާއި ސާނޭގެ ދެމެދުގައި ޚިޔާލު ތަފާތުވެ މާނޭ ވަނީ ސާނޭގެ ގައިގައި ޖަހައިފައެވެެ.
އެ މައްސަލަައިގައި ބަޔާންނުން ވަނީ މާނޭ އެއް މެޗަށް ސަސްޕެންޑު ކޮށްފައެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހު ބަޔާނުން ހޮފިންހަމްއާ ދެކޮޅަށް ކުޅެ 1-1 ގެ ނަތީޖާއަކުން އެއްވަރުވި މެޗުގައި މާނޭ ނުކުޅެއެވެ.
ނަމަވެސް ރޭ ޗެމްޕިއަންސް ލީގުގައި ސިޓީއާ ދެކޮޅަށް ބަޔާންގެ ދަނޑުގައި ކުޅުނު މެޗުގައި ސާނޭގެ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި މާނޭ ވަނީ ކުޅެން ނިކުމެފައެވެ.
މީގެ އިތުރުން މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މާނޭގެ އެ އަހުލާގީ މައްސަލައިގެ ސަބަބުން ބަޔާނުން ދަނީ މި ސީޒަނަށް ފަހު އޭނާ ދޫކޮށްލުމަށް ވިސްނަމުންނެވެ.
މާނޭއާއި ސާނޭއަކީ މީގެ ކުރިން އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ވާދަވެރި ދެ ކުލަބަށް ކުޅުނު ދެ ކުޅުންތެރިންނެވެ. ސާނޭ 2016 އިން ފެށިގެން 2020 އާ ހަމައަށް މެންޗެސްޓާ ސިޓީއަށް ކުޅުނުއިރު 2016 އިން 2022 އަށް މާނޭ ކުޅުނީ ލިވަޕޫލަށެވެ.
މިދިޔަ އަހަރު ބަޔާންއަށް މާނޭ ބަދަލުވިފަހުން ވަނީ ކަކުލަށް ބޮޑު އަނިޔާއެއް ކުރިމަތިވެފައެވެ. އެހެންކަމުން މި ސީޒަންގެ ގިނަ މެޗުތަކެއް އޭނާއަށް ވަނީ ގެއްލިފައެވެ.