Ooredoo

އިންޓާއިން އެންމެ ފަހު ވަގުތު ބަޔާންގެ މައްޗަށް ކުރި ހޯދައިފި

ޔުއޭފާ ޗެމްޕިއަންސް ލީގުގެ ކްއާޓާ ފައިނަލްގައި އިންޓާ މިލާން އާއި ބަޔާން މިޔުނިކް ބައްދަލުކުރި ފުރަތަމަ ލެގު އިންޓާއިން ކާމިޔާބު ކޮށް ސެމީ ފައިނަލްގެ އުންމީދު ބޮޑު ކޮށްފިއެވެ.

ADK GENERAl

ބަޔާންގެ ދަނޑުގައި ކުޅުނު މި މެޗު އިންޓާއިން ކާމިޔާބު ކޮށްފައިވަނީ ދެ ލަނޑު އެއް ލަނޑުންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބަޔާންއިންނެވެ. ނަމަވެސް މިއާއެކުވެސް ބަޔާންއަށް އިންޓާގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލުމުގައި ގިނަ މައްސަލަ ތަކަކާ ކުރިމަތިވެގެންދިޔަކަން ފާހަގަ ވެގެންދިޔައެވެ.

މި މެޗުގެ ފުރަތަމަ ބައި ގަޑިއިރުގެ ތެރޭގައި ބަޔާންއިން ވަނީ އިންޓާގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލައިފައެވެ. ނަމަވެސް މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 38 ވަނަ މިނެޓުގައި ކާމިޔާބު ކުރިތަން ފެނިގެންދިޔައީ އިންޓާއެވެ.

މި މެޗުގައި އިންޓާއިން ބަޔާންގެ ގޯލަށް އަމާޒުކޮށް ފޮނުވާލި ފުރަތަމަ ހަމަލާ ލަނޑަކަށް ހަދައިދިނީ ކެޕްޓަން ލައުޓާރޯ މާޓިނޭޒްއެވެ. މި މެޗުގެ ދެވަނަ ހާފުގައިވެސް ދެޓީމުގެ ފަރާތުން ފެނިގެންދިޔައީ ދާދި އެއްގޮތް ކުޅުމެކެވެ.

މި ގޮތުން ބަޔާންއިން ހަމަލާއަށް އިސްކަން ދީގެން ކުޅުނުއިރު އިންޓާއިން މަސައްކަތް ކޮށްފައިވަނީ ރަނގަޅަށް ޑިފެންޑް ކުރުމާއެކު ލިބޭ ފުރުސަތު ތަކުގައި ހަމަލާ އުފެއްދޭތޯއެވެ. މި މެޗުގައި ބަޔާންއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު ކާމިޔާބު ކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނީ މެޗުގެ 85 ވަނަ މިނެޓުގައި ތޯމަސް މުލާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މިއީ އުމުރުން 35 އަހަރުގެ މުލާ މި ސީޒަނަށް ފަހު ބަޔާން ދޫކޮށްލާނެކަން ހާމަކުރިފަހުން ކުޅުނު ފުރަތަމަ މެޗެވެ. އަދި މި ލަނޑާއެކު މި މެޗު އެއްވަރު ވެގެން ނިމިދާނެކަމަށް ހީވެގެންދިޔަ ނަމަވެސް އިންޓާގެ ވިސްނުން ހުރީ ތަންކޮޅެއް ތަފާތުކޮށެވެ.

މި ގޮތުން އިންޓާއިން އޭގެ ދެ މިނެޓް ފަހުން އުފެއްދި ހަމަލާއެއްގައި އެ ޓީމުން ވަނީ ދެވަނަ ފަހަރަށް މި މެޗުގެ ލީޑު ނަގާ ދެވަނަ ލެގަށް ދާއިރު މުހިންމު ލަނޑެއް ކާމިޔާބު ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިޔާ ޑޭވިޑް ފްރެޓޭސީއެވެ.

މި ކާމިޔާބީއާއެކު އަމިއްލަ ދަނޑުގައި ދެވަނަ ލެގު މިމަހުގެ 16 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފާވާއިރު އެ ޓީމަށް އޮތް އިތުބާރު މި ވަނީ އިތުރު ވެގެން ގޮސްފައެވެ. ނަމަވެސް ބަޔާންގެ ކޯޗު ވިންސެންޓް ކޮމްޕެނީ ހާމަކުރިގޮތިގައި ދެ ލެގުގެ މި ކުރިމަތިލުމުގެ މިއީ އަދި ހާފް ޓައިމް ކަމަށާއި ރަށުން ބޭރުގައި ދެވަނަ ލެގު އޮތް ނަމަވެސް އޭނާއަށް އެ މެޗުގައި ރަނގަޅު ނަތީޖާއެއް ހޯދާ ސެމީ ފައިނަލްގެ ޖާގައެއް ހޯދޭނެ ކަމާމެދު ކުރެވޭ އުންމީދުބޮޑު ކަމަށެވެ. އަދި މި މެޗުގައި މިގޮތަށް ނަތީޖާ ނިކުތް ނަމަވެސް މިލާންގައި ކުޅޭ ދެވަނަ ލެގު ކާމިޔާބު ކުރުމުގެ ފުރުސަތު އޭނާގެ ޓީމަށް އެބައޮތް ކަމަށް ވެސް ކޮމްޕެނީ ބުންޏެވެ.

Redstar
comment ކޮމެންޓް