ޖަރުމަނު ބުންޑެސްލީގާގެ އެއްވަނައިގައި އޮތް ބަޔާން މިޔުނިކާއި ޔޫނިއަން ބާލިން ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.
ޔޫނިއަންގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 1-1 އިންނެވެ.
ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ 75 ވަނަ މިނެޓުގައި ލިރޯއި ސާނޭ ކާމިޔާބުކޮށްދިން ލަނޑުން ބަޔާނުންނެވެ. ނަމަވެސް، ނިމެން 15 މިނެޓަށް ވެފައިވަނިކޮށް ނެގުނު މި ލީޑު އެ ޓީމަށް ދެމެހެއްޓޭގޮތެއް ނުވިއެވެ. ނިމެން ހަތް މިނެޓަށް ވެފައިވަނިކޮށް ޔޫނިއަން ބާލިންއިން ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކުރިއެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ބެނެޑިކްޓް ހޮލާބާޗެވެ.
އެ ނަތީޖާއާ އެކު ބަޔާން އެއްވަނައިގައި އޮތީ 26 މެޗުން ލިބުނު 62 ޕޮއިންޓާ އެކެވެ. ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ބަޔާ ލެވަކޫސެން މި ހަފުތާގައި ކުޅޭ މެޗު ކާމިޔާބުކޮށްފި ނަމަ ބަޔާންގެ ލީޑު ހަ ޕޮއިންޓަށް ކުޑަވުމުގެ ބިރު އެބައޮތެވެ.
ޔޫނިއަން ބާލިން މިހާރު އޮތީ 27 ޕޮއިންޓާ އެކު 13 ވަނައިގައެވެ.
މުބާރާތުގައި ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު އާރްބީ ލެއިޕްޒިގާއި ބޮރޫޝިއާ ޑޯޓްމުންޑް ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލެއިޕްޒިގް މިހާރުވަނީ 42 ޕޮއިންޓާ އެކު ފަސްވަނައަށް ކުރިއަށް ޖެހިލައިފައެވެ.