ރޮޒައިނާއާއި އަނދުން ހުސައިން، ނަޝީދަށް ހަމަލާއެއް ދީފާނެ ކަމަށް ބުނެ ފުލުހަށް

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީއަށް ހުރަސް އެޅޭ ގޮތަށް ސަރުކާރުގެ އިސްވެރިން ވާހަކަދައްކަވާ ކަމަށް ވިދާޅުވެ، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) އެ މައްސަލަ ފުލުހަށް ހުށަހަޅައިފިއެވެ.

އޭނާ ސޮއިކުރައްވައި ފުލުހަށް މިއަދު ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ ނަޝީދަކީ މީގެ ކުރިން ވެސް މަރުގެ ހަމަލާތަކެއް އަމާޒުވެފައިވާ ބޭފުޅެއް ކަމަށެވެ. މީގެ ދެ އަހަރު ކުރިން ދިން ބޮމުގެ ހަމަލާއާ ގުޅޭ ގިނަ ކަންކަން ވެސް ހޯދިފައިނުވާކަން ފާހަގަކޮށް، އޭނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

"ނުފޫޒު ގަދަ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ރައީސް މުހައްމަދު ނަޝީދަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދެއްވަން ދެކޮޅު ހައްދަވައި، އަދި އެކަން ހުއްޓުވުމަށް ބާރުއަޅުއްވާ މޭރުމަކުން އެކި ފޯރަމްތަކުގައި ތަކުރާރުކޮށް ވާހަކަދައްކަވަމުން ގެންދެވުމަކީ އެކަމުގައި ނުބައި ރޭވުމެއް އޮތް ކަމެއް ކަމަށް އަޅުގަނޑު ތުހުމަތު ކުރަމެވެ." ސިޓީގައި ވެއެވެ.

ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން)އާއި އައްޑު މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ ނަން އެ ސިޓީގައި ވަނީ ފާހަގަކޮށްފައެވެ.

އެ ދެ ބޭފުޅުން ނަޝީދަށް ޓާގެޓު ކޮށްގެން ނަފުރަތު އުފައްދާ ކަމަށާއި އެއީ ރާވާއިގެން ކުރާ ކަމެއް ކަމަށް ވެސް އޭނާ ވަނީ ތުހުމަތު ކުރައްވައިފައެވެ. އެ ބޭފުޅުން މަސައްކަތް ކުރައްވަނީ އެ މަނިކުފާނުގެ ސެކިއުރިޓީ ނިކަމެތިކޮށް، ހަމަލާއަކަށް ފުރުސަތު ފަހި ކުރަން ކަމަށް އިންތި ވަނީ ތުހުމަތު ކުރައްވައިފައެވެ.

https://sun.mv/176244

"ނަޝީދުގެ ހަށިކޮޅަށް އިތުރު ހަމަލާއެއް ދިނުމަށް ފަހި ކުރުމުގެ ނުބައި ނިޔަތެއްގައި ހީލަތްތެރިކަމާ އެކު ދުރާލާ ރާވަމުންދާ ރޭވުމެއް ނުވަތަ ޓެރަރިޒަމްގެ ކުށެއްގެ އަމަލު ހިންގަން ތައްޔާރުވުމުގެ އަމަލެއް ކަމަށް ބެލުމުގެ ޖާގަ އޮތް ކަމަކަށް ވާތީ،" ސިޓީގައި ވެއެވެ.

އެހެންވެ، ފުލުހުންގެ އިދާރާއިން އެ މައްސަލަ ބަލައިދިނުމަށް އިންތި ވަނީ އެދިވަޑައިގެންފައެވެ.

އޭނާ މިއަދު ފުލުހަށް ސިޓީއެއް ފޮނުއްވާފައިވާއިރު، އިއްޔެގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނަޝީދުގެ ސެކިއުރިޓީއާ ބެހޭ ގޮތުން އަނދުން ހުސައިން ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ވަނީ ވަރަށް ބޮޑަށް ނުރުހުން އަމާޒުވެފައެވެ.

comment ކޮމެންޓް