ޑޮކްޓަރުން ސްޕެޝަލައިޒްވުމަށް ހަތް ފުރުސަތު: 21 ގައުމަކުން ކިޔެވޭނެ

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންތަކެއް -- ސަން ފޮޓޯ- އިބްރާހިމް އިފާޒް

ޑޮކްޓަރުން ސްޕެޝަލައިޒްވުމަށް ފުލީ ފަންޑެެޑް ހަތް ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން އިން ހުޅުވާލައިފިއެވެ.

މިއަދު "ސަން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ޑޮކްޓަރުކަމުން ސްޕެޝަލައިޒްވާން ބޭނުންވާ ފަރާތްތަކަށް ހަތް ސްކޮލާޝިޕް ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ. އަދި، މި ސްކޯލާޝިޕްތަކުގެ ބޭނުމަކީ ރާއްޖެއިން ބޭނުންވާ ސުޕާ ސްޕެޝަލިސްޓުން ތަމްރީނު ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަދި އަތޮޅުތެރެއަށް ޚިދުމަތްކުރަން ދާނެ ޑޮކްޓަރުން ގެނައުމަކީ ވެސް މަގްސަދެއް،" އޮފިޝަލް ވިދާޅުވިއެވެ.

މި ސްކޯލާޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައި، ގެޒެޓު ވެސް ކޮށްފައެވެ. އެގޮތުން 21 ގައުމަކުން ކިޔަވަން ދިޔުމުގެ ފުރުސަތު މިނިސްޓްރީން ވަނީ ހުޅުވާލައިފައެވެ.

މި ކޯހުގައި ބައިވެރިވެވޭ ދާއިރާތަކުގެ ތެރޭގައި، އެނެސްތީއޮލޮޖީ، އިންޓާނަލް މެޑިސިން، ސްޕަން ސާޖަރީ، ޕީޑިއޭޓްރިކް ޕަލްމޮނޮލޮޖީ، ގައިނަކޮލޮޖީ، ޖެނެރަލް ސާޖަރީ އަދި ޕީޑިއޭޓްރިކް ހިމެނެއެވެ. މި ހަތް ދާއިރާއިން ކޮންމެ ދާއިރާއަކުން އެއް ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

މި ކޯސް ކިޔެވުމަށް ދެވޭ ޤައުމުތަކަކީ ނޭޕާލް، ސްރީލަންކާ، ބަންގްލަދޭޝް، ބޫޓާސް، އިންޑިޔާ، ޕާކިސްތާން، އަފްގާނިސްތާން، ޗައިނާ، ފިލިޕީންސް، އިންޑޮނޭޝިއާ، މެލޭޝިޔާ، ތައިލެންޑް، ކިރިގިސްތާން، އަޒަރބައިޖާން، މޯލްޓާ، ޗެކް ރިޕަބްލިކް، މޮރިޝަސް، މިސްރު، ސައުތު އެފްރިކާ، އަލްޖީރިއާ އަދި ސައުދީ އަރަބިއްޔާއެވެ.

މި ކޯސްތަކުގައި ބައިވެރިވުމުގެ ޝަރުތުތައް:

- އެމްބީބީއެސް ހާސިލްކޮށްފައިވުން،

- ޕީޑީއޭޓްރިކް ޕަލްމޮނޮލޮޖީއަށް ހުށަހަޅާ ފަރާތްތަކުން ޕީޑީއޭޓްރިކްސް އިން ސެޕެޝަލިޓީ ހާސިލްކޮށްފައިވުން،

- މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރަޖިސްޓްރީ ވެފައިވާ ފަރާތެއް ކަމުގައިވުން،

މީގެ އިތުރަށް މި ކޯހުގައި އެދޭ ކޯހަކާ ގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަ ވާން ޖެހޭ ޝަރުތުތަކެއް ވެސް އެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ. މި ސްކޮލާޝިޕްތަކަށް ކުރިމަތިލުމުގެ ސުންގަޑި، އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ މެންދުރު 13:30 އަށް ހަމަވާނެއެވެ. އެޕްލިކޭޝަން ހުށަހަޅަން ޖެހޭނީ މައި އެޑިއު ޕޯޓަލް މެދުވެރިކޮށެވެ.

comment ކޮމެންޓް