ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރުންނަށް ބެލޭނީ 16 އަހަރުން ދަށުގެ ކުދިން ކަމަށް ކަނޑައަޅައިފި

ހުން އައިސް ރޯގައި ޖެހިފައިވާ މީހުންނަށް އައިޖީއެމްއެޗުން ފަރުވާ ދެނީ: --- ފޮޓޯ/ ފަޔާޒު މޫސާ

ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރުން, މީގެ ފަހުން ބަލައި ފަރުވާ ދޭނީ 16 އަހަރުން ދަށުގެ ކުދިންނަށް ކަމަށް، ހެލްތް މިނިސްޓްރީން މިއަދު ނިންމައިފިއެވެ.

މިކަމާ ގުޅިގެން މިއަދު ހެލްތް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އާންމު އުސޫލެއްގެ ގޮތުން ކުޑަ ކުދިންގެ ޚާއްސަ ޑޮކްޓަރުން ބެލުމާއި، ފަރުވާ ދިނުމަށް އެ މިނިސްޓްރީން ވަކި އުމުރުފުރައެއް މިހާރު ކަނޑައަޅައިފައިވާ ކަމަށެވެ. އެގޮތުން ކަނޑައަޅައިފައިވާ އުމުރުފުރައަކީ 16 އަހަރު ދަށް ކަމަށް ވެސް އެ ބަޔާނުގައި ވެއެެވެ.

އެހެން ނަމަވެސް އެ މިނިސްޓްރީން ބުނީ އެ ގޮތަށް ކަނޑައަޅާފައި އޮތް ނަމަވެސް، ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރުން، އެ ޑޮކްޓަރެއްގެ ކޮމްޕިޓެންސީ، ސްކޯޕް އޮފް ޕްރެކްޓިސް އަދި ކޯޑް އޮފް ކޮންޑަކްޓާ ޚިލާފު ނުވާ ގޮތުގެ މަތިން 16 އަހަރުން މަތީ އުމުރުފުރާގެ ކުދިން ނުވަތަ މީހުންނަށް ފަރުވާ ދިނުމަކީ މަނާ ކަމެއް ނޫން ކަމަށެވެ.

އަދި އެހެނިހެން ސްޕެޝަލިޓީ ނުވަތަ ސަބް ސްޕެޝަލިޓީ ދާއިރާ ތަކުން ތަމްރީނު ލިބިފައި ތިބޭ ޑޮކްޓަރުންނަކީ، އެ ދާއިރާއަކުން ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރުން ކަމުގައި ނުވި ނަމަވެސް އެ ކަން ކުރަން އޮންނަ ގަވާއިދާ ޙިލާފު ނުވާ ގޮތުގެ މަތިން 16 އަހަރުން ދަށުގެ ކުދިން ބަލާ އެ ކުދިންނަށް ފަރުވާ ދިނުމަށް ހުރަހެއް ނެތް ކަން ވެސް އެ މިނިސްޓްރީން ވަނީ ފާހަގަ ކޮށްފައެވެ.

އެ މިނިސްޓްރީން ވަނީ، އެ އުސޫލަށް ބަދަލެއް ނުގެންނަހާ ހިނދަކު، ހުރިހާ ހޮސްޕިޓަލު ތަކުންވެސް، ސިއްޚީ ޚިދުމަތް ދިނުމުގައި އެގޮތަށް އަމަލުކުރަން އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް