އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް ތާއިދު ކުރައްވާ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ މުގައްރިރު ކަމުން ވަކިކުރަން ނިންމީ ސަރުކާރުގެ 'ޕަޕެޓުން'ގެ ގޮތުގައި، ސަރުކާރު ބޭނުންހައި ގޮތަކަށް މަސައްކަތް ނުކުރާނެކަން ޔަގީންވާތީ ކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.
ޕާލިމަންޓްރީ ގްރޫޕުން ނިންމައިގެން މެމްބަރުން ވަކިކުރުމަށް ކުރަމުން އަންނަ މަސައްކަތާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން ވައްޑެ ވިދާޅުވީ އެމްޑީޕީއަށް ހުރިހާ ބާރެއް ލިބި ރައްޔިތުންގެ މަޖިލިސް ހިންގަން ލިބިފައި އޮތްއިރު ސަރުކާރުން މަސައްކަތްކުރަނީ އޭގެ ނާޖާއިޒް މަންފާ ހާސިލްކުރުމަށް ކަމަށެވެ.
ނަމަވެސް އެމްޑީޕީގެ ސިޔާސަތުތަކުގެ ތެރޭގައި އެއްވެސް އިރެއްގައި އެއް ބާރު އަނެއް ބާރަަށް ނުފޫޒު ފޯރުވައި 'ގަޑުބަޑުކުރުން' ނޯންނަކަމަށް ވައްޑެ ވިދާޅުވިއެވެ.
"ސަރުކާރަށް އެނގޭ އިމްތިޔާޒު ފަހުމީގެ ކޮމިޓީއަށް އެ ބޭނުންވާ ނުފޫޒެއް ނުފޯރުވޭނެކަން އިލްޔާސް ލަބީބު ވެސް ބޭނުންހާ ގޮތަކަށް ކަންކަން ނުކޮށްދޭނެކަން. ނިކަން ބައްލަވައި ލާމަރުކަޒު ކޮމިޓީއަށް. އެ ތަނުގައި އެ ހުންނެވީ ރައީސްގެ ކޮއްކޯފުޅު އަލީ ނިޔާޒު. އަޅުގަނޑުމެންނަށް ފެންނަނީ ކައުންސިލްތަކަށް ބިން ދިނުމާއި އެކި ކަންކަމާ ގުޅޭ މައްސަލަތަކުގައި ލަސްކުރާތަން. އަސްލަންޓޭ [ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް] ހަގީގަތުގައިި އެ ފެއިލްވަނީ،" ވައްޑެ ވިދާޅުވިއެވެ.
ވައްޑެ އިތުރަށް ވިދާޅުވީ ކޮމިޓީތަކުގެ މުގައްރިރުކަމުން ވަކިކުރުމަށް ނިންމި ނިންމުމަކީ އެމްޑީޕީގެ ނިންމުމެއްގެ ގޮތުގައި ބަލައިނުގަންނަ ކަމަށެވެ.
ވައްޑެ ވިދާޅުވީ އެއީ ސަރުކާރު ބޭނުންވާ ގޮޮތަކަށް ވަކި ކަންތައްތަކެއް ހިންގަން ސަރުކާރުން ނިންމި ނިމުމެއް ކަމަށެވެ.
"މިއީ ހަމަ ސަރުކާރުގެ ނިންމުމެއް. ޕީޖީ ގްރޫޕުގެ މެމްބަރުންގެ ނިންމުމެއް ނޫން. އެ މީހުންނަށް ވަކި ގޮތަކަށް ވިސްނައިދީ ޕްރޮގްރާމްކޮށްފައި ބައިތިއްބަނީ. ކުރިން އޮންނަ މަޝްވަރާކުރުމުގެ އުސޫލެއް ނެތް. އެ ޑިމަކުރަޓިކް ހަމަ އެއްކޮށް ގެއްލިއްޖެ،" އޭނާ ވިދާޅުވިއެވެ.
އޭނާވަނީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް ވެސް ވަރަށް ބޮޑަށް ނުރުހުން ރައްދުކުރައްވައި ވާހަކަަދައްކައިވައިފައެވެ.
"ހަގީގަތުގައި ރައީސް ޞާލިހު ދައްކަވައިފާނެ ވަރަށް ރީތި މޫނެއް. އެކަމު އެއީ ވަރަށް މުނާފިގުކަމުގެ ސިފަ ފަހަތުގައި ފޮޮރުވިފައިވާ މޫނެއް. ވައްކަން ކުރައްވަނީ އެހެން ލެވަލްއެއްގައި،" އޭނާ ވިދާޅުވިއެވެ.
މި ނުރުހުންތައް ރައީސް ނަޝީދުގެ ފެކްޝަން މެމްބަރުން ގެންދަވަނީ ސޯޝަލް މީޑިއާގައި ވެސް ހިއްސާކުރައްވަމުންނެވެ.
ކޮމިޓީތަކުގެ މުގައްރިރު ކަމުން ވަކިކުރަން ފާސްކޮށްފައި ވަނީ ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު އިމްތިޔާޒު ފަހުމީ އާއި އެސްއޯއީ ކޮމިޓީގެ މުގައްރިރު އިލްޔާސް ލަބީބާއި އާންމު ކޮމިޓީގެ މުގައްރިރު ހަސަން ލަތީފާއި ސުލޫކީ ކޮމިޓީގެ މުގައްރިރު ޔާސިރު އަބްދުއްލަތީފެވެ.
މިކަމުގެ މައުލޫމާތު ދެމުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވީ އެ މެންބަރުން ވަކިކުރަން ނިންމީ ތަކުރާރުކޮށް ޕާޓީގެ އަސާސްތަކާ ޚިލާފަށް މަސައްކަތް ކުރައްވާތީ ކަމަށެވެ. އެހެންވެ އެ މެންބަރުންނަށް ފިޔަވަޅު އަޅަން މަޖިލީހުގެ ރައީސަށް ހުށަހަޅަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.