ނަޝީދު ފެކްޝަންގެ މެންބަރުން ކޮމިޓީތަކުގެ މުގައްރިރު ކަމުން ވަކިކުރަނީ

ރައީސް ޞާލިޙާއި ރައީސް ނަޝީދު ---- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ މެންބަރުކަމުގައި ތިއްބަވާ، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް ތާއިދު ކުރައްވާ މެންބަރުން މުގައްރިރު ކަމުން ވަކިކުރަން އެ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުން ނިންމައިފިއެވެ.

މުގައްރިރު ކަމުން ވަކިކުރަން ފާސްކޮށްފައި ވަނީ ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު އިމްތިޔާޒު ފަހުމީ އާއި އެސްއޯއީ ކޮމިޓީގެ މުގައްރިރު އިލްޔާސް ލަބީބާއި އާންމު ކޮމިޓީގެ މުގައްރިރު ހަސަން ލަތީފާއި ސުލޫކީ ކޮމިޓީގެ މުގައްރިރު ޔާސިރު އަބްދުއްލަތީފެވެ.

ޕީޖީގެ ޑެޕިއުޓީ ލީޑަރު ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) "ސަން"އަށް ވިދާޅުވީ އެ މެންބަރުން ވަކިކުރަން ނިންމީ ތަކުރާރުކޮށް ޕާޓީގެ އަސާސްތަކާ ޚިލާފަށް މަސައްކަތް ކުރައްވާތީ ކަމަށެވެ. އެހެންވެ އެ މެންބަރުންނަށް ފިޔަވަޅު އަޅަން މަޖިލީހުގެ ރައީސަށް ހުށަހަޅަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވުމަށް ފަހުގައި އެ ޕާޓީގެ ރައީސް އަދި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެ މަނިކުފާނަށް ތާއީދުކުރައްވައި މެންބަރުން ގެންދަވަނީ ވަކި ހަރަކާތެއް ހިންގަމުންނެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމަށް، ޗީފް ވިޕް ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީ މި މަހު ހަތަރެއްގައި ފޮނުއްވި ސިޓީއެއްގައި ވަނީ ނަޝީދު އިސްވެ ހިންގަވާ ފިކުރެއްގެ ދިރުން ފެކްޝަންގެ މެންބަރުން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާ ދެކޮޅަށް އެކިއެކި ގަރާރުތައް ހުށަހަޅަމުން ގެންދާ ކަމަށެވެ. އަދި، އެ މެންބަރުން މަޖިލީހުގެ ކޮމެޓީތަކުގައި ވެސް މަސައްކަތް ކުރަނީ ސަރުކާރާ ދެކޮޅުވެރިކަމުގެ ރޫހެއްގައި ކަމަށް ސިޓީގައި ވަނީ ފާހަގަކޮށްފައެވެ.

އެހެންވެ، މުޣުނީ ވަނީ ވަކި ޕީޖީ ގުރޫޕެއް ހަދައިގެން ކޮމިޓީތަކުގައި މަސައްކަތް ކުރައްވަމުން ގެންދަވާ އެމްޑީޕީގެ މެންބަރުން އެ ކޮމިޓީތަކުން ވަކިކޮށް، ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް އެ ޕާޓީގެ ޕީޖީ ގްރޫޕަށް މި މައްސަލަ ހުށަހަޅައި ދިނުމަށް ޗީފް ވިޕްގެ ހައިސިއްޔަތުން އެދިފައެވެ.

ނަޝީދުގެ ފިކުރެއްގެ ދިރުން ފެކްޝަނުން ގެންދަނީ ސަރުކާރާ ދެކޮޅުވެ، ޖުމްހޫރީ ޕާޓީއާ އެކު ސިޔާސީ މަސައްކަތް ކުރަން ފަށައިފައެވެ. މަޖިލީހުގައި ނަޝީދަށް ތާއީދު ކުރައްވާ ތިއްބެވީ 12 މެމްބަރުންނެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ވެސް ރައީސް ޞާލިޙާ އެކު މަސައްކަތް ކުރައްވަން ނަޝީދާއި އެ މަނިކުފާނަށް ތާއީދުކުރައްވާ މެންބަރުން ދެކޮޅު ހައްދަވާފައިވާއިރު، އެ ފެކްޝަނުން ވަނީ ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމާ އެކު ތިބިކަން ހާމަކޮށްފައެވެ. ދެ ފަރާތް ގުޅިގެން ކޯލިޝަން އެއްބަސްވުމެއް އެކުލަވައިލުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

comment ކޮމެންޓް