ކަނޑޫދޫ މިރުހުގެ މުޑުވަށް އެކި ރަށްރަށުގައި ގިނަވެ ހައިބަތު ގެއްލެނީ!

ކަނޑޫދޫ މިރުސް މިއަދު ބާޒާރުގައި ގިނަ -- ސަން ފޮޓޯ: ޢާލިމް އަބްދުއްލަތީފް

ރަމަޟާން މަސް ނިމެންދާއިރު، މާލޭ ލޯކަލް މާރުކޭޓުގައި ކަނޑޫދޫ މިރުސް ވަރަށް ތިޔާއްގެވެ. އެކަމަކު، ކަނޑޫދޫ މިރުހުގެ ނަމުގައި ވިއްކާ ހުރިހާ މިރުހަކީ އެ ރަށު މިރުހެއް ނޫނެވެ.

ބާޒާރަށް "ސަން"ގެ ނޫސްވެރިން ގޮސް ބެލިބެލުމުން އެނގުނީ ކަނޑޫދޫ މިރުހުގެ އަގު ބޮޑުތަނުން ކުއްލިއަކަށް ވެއްޓިފައި ވަނީ، މިރުހުގެ ސަޕްލައި ބޮޑުތަނުން އިތުރުވެފައިވާތީއެވެ. އެކަމަކު، އެއީ ހުސް ކަނޑޫދޫ މިރުހެއް ނޫނެވެ.

"ކަނޑޫދޫ މިރުހުގެ މުޑުވަކެއް މި އުޅެނީ ލާމު އަތޮޅުގައި ވެސް. ގަމުން ވެސް ވަރަށް ގިނައިން މިރުސް ލިބޭ،" ބާޒާރުގައި މިރުހުގެ ވިޔަފާރި ކުރާ މީހަކު ބުންޏެވެ.

ލާމު އަތޮޅުން ގެންނަ މިރުސް ވެސް، ކަނޑޫދޫ މިރުހުގެ ނަމުގައި އޮޅުވައިލައިގެން ވިއްކާކަމުގެ ކަންބޮޑުވުން އަސްލު ކަނޑޫދޫ މިރުހުގެ ވިޔަފާރިކުރާ މީހުންގެ އެބައޮތެވެ. އެ މީހުން ބުނާ ގޮތުގައި، ކިތަންމެ އެއްގޮތް މުޑުވަކެއް ނަމަވެސް ކަނޑޫދޫ މިރުސް ތަފާތުވާނެއެވެ.

"ކަނޑޫދޫ މިރުސް މާ ކުޅި ގަދަ ވާނެ. މާ މީރު ވެސް ވާނެ. ދިލަ ކުޅިއެއް ހުންނާނީ. އެކަމަކު ލާމު މިރުހުގައި ދިލަ މަޑުވާނެ،" ކަނޑޫދޫ މިރުސް ވިއްކާ ވިޔަފާރިވެރިއަކު ބުންޏެވެ.

ކަނޑޫދޫ މިރުހާއި ލާމު އަތޮޅުން ގެންނަ މިރުހުގެ ތަފާތު އެނގޭނީ ވަކި ބަޔަކަށްކަމަށް ވިޔަފާރިވެރިން ބުނެއެވެ. އެހެންކަމުން، އާންމު މީހަކަށް އެ ދެ ވައްތަރުގެ މިރުސް އޮޅުވާލުމަކީ އުނދަގޫ ކަމެއް ނޫނެވެ.

ބާޒާރުގައި މިއަދު އާއްމު ގޮތެއްގައި މިރުހުގެ އަގު ހުރީ 100 ގްރާމް 10 ރުފިޔާ އާއި 15 ރުފިޔާއާ ދެމެދުގައެވެ. އެހެން ނަމަވެސް، އެހާ އަގު ކުޑަކޮށްފައިވިޔަސް މިރުސް ވިކޭވަރު ވަރަށް މަދުކަމަށް ވިޔަފާރިވެރިން ފާހަގަކުރެއެވެ.

"ފުރަތަމަ ތިން ދުވަހު އެކަނި ރޯދަ މަހު ވިޔަފާރި ރަނގަޅީ. އޭގެ ފަހުން ވަރަށް ދަށް،" ވިޔަފާރިވެރިއަކު ބުންޏެވެ.

ކަނޑޫދޫ މިރުހުގެ އަގު ބާޒާރުގައި އެންމެ ބޮޑަށް އަރައިގެންދިޔައީ 2019ވަނަ އަހަރާއި 2020ވަނަ އަހަރުއެވެ. އެ ދެ އަހަރު ވެސް މިރުސް ކިލޯއެއް ވަނީ 1500 ރުފިޔާއަށްވުރެ ވެސް އަގުބޮޑުކޮށް ވިއްކާފައެވެ.

އެހެން ނަމަވެސް، ކަނޑޫދޫ މިރުހުގެ މުޑުވަށް އެކި ރަށްރަށުގައި ހައްދަން ފަށައި، އަސްލު ކަނޑޫދޫ މިރުހުގެ ހައިބަތު ވަނީ ގެއްލެން ފަށައިފައެވެ.

"ކަނޑޫދޫ މިރުހުގެ މުޑުވަށް ބައިވަރު ރަށްރަށުން ގެނޭ މިހާރު. ވަކި ކަނޑޫދޫ ވެގެނެއް ނޫން ހާއްސަވަނީ. ކަނޑޫދޫ މިރުސް އިންނަނީ ޓްރޭޑްމާކެއް ގޮތުގައި،" ވިޔަފާރިވެރިއަކު ބުންޏެެވެ.

އެހެން ނަމަވެސް، ކަނޑޫދޫގެ ދަނޑުވެރިން މި ކަމާ ދެކޮޅެވެ. އެ މީހުން ބުނާ ގޮތުގައި ކަނޑޫދޫ މިރުހުގެ ކޮލިޓީއެއް އެހެން ރަށެއްގެ މުޑުވަކެއްގައި ނުހުންނާނެއެވެ. އެ މީރުކަމާއި ކުޅިކަމެއް ވެސް ނުހުންނާނެއެވެ.

"އަންހެންވެރިންނަށް އެނގޭނެ ތަފާތު. މި ކަނޑޫދޫ މިރުހުގައި ހުރި ކުޅިކަމާ މީރުކަމާ އެނގޭނެ ކައްކާ މީހުންނަށް. މި ކޮލިޓީއެއް ނުނެރެވޭނެ،" ކަނޑޫދޫ ދަނޑުވެރިއަކު ބުނެލިއެވެ.

މި އަހަރުގެ ރޯދަމަހަށް ކަނޑޫދޫ މިރުހުގެ އަގު އެންމެ ބޮޑުވީ ވެސް 300 ރުފިޔާއަށެވެ. ރޯދަމަސް ނިމޭއަތަށް އެޅިއިރު މިރުހުގެ ޑިމާންޑަށްވުރެ ސަޕްލައި ގިނަވެ، ގިނަ މިރުސްތަކެއް އުކާލަން ވެސް ޖެހުނެވެ.

ސުވާލަކީ މިއެވެ. އެހެން ރަށްރަށުގައި އެއް މުޑުވަކެއް ހައްދަން ފެށުމުން، ކަނޑޫދޫ މިރުހުގެ ހައިބަތު ހެފެހެއްޓޭނެ ހެއްޔެވެ؟

comment ކޮމެންޓް